ކުޅިވަރު

އީގަލްސް ބަލިކޮށް ގްރީން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ކުރީގެ ޗެމްޕިއަން ކުލަބު އީގަލްސްގެ މައްޗަށް، ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ކުލަބު ގްރީން ސްޓްރިޓުން އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.

ކުރިން، 21 އަހަރުން ދަށުގެ ކެޓަގަރީއަށް ހާއްސަކޮށް ބޭއްވި މުބާރާތަށް ބަދަލު ގެނެސް މިއަހަރު މުބާރާތް ބާއްވާފައި ވަނީ، 19 އަހަރުން ދަށުގެ ކެޓަގަރީއަށެވެ. އެކާވިސް އަހަރުން ދަށުގެ ކެޓަގަރީގައި އީގަލްސްއަކީ މިދިޔަ ތިން އަހަރު ޗެމްޕިއަން ޓީމެވެ.

ހަތަރު ޓީމު، މުބާރާތުގައި ވާދަ ކުރުމުން، މުބާރާތް ކުރިއަށް ގެންދިޔައީ ލީގް އުސޫލުން ދެ ބުރަކަށް ބާހާލައިގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ޕެނަލްޓީއަށް ދިޔައީ މެޗުގެ ފުރިހަމަ ވަގުތުގެ ނަތީޖާ ލަނޑެއް ނުޖެހި އެއްވަރު ވުމުންނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލު ސްކޮޑުން ބާކީ ކުރި ގްރީން ސްޓްރީޓްގެ އަބްދުﷲ ޔާމީން ކުޅެން ނިކުތެވެ. މެޗުގައި ގްރީންގެ ފުރަތަމަ ޕެނަލްޓީވެސް ކާމިޔާބު ކުރީ އޭނާ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާ އެވެ.

ޕެނަލްޓީގައި ގްރީންއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެ ޓީމަށް ނާކާމިޔާބު ވީ އެންމެ ޕެނަލްޓީ އެކެވެ. އެ ޓީމުގެ ގެ މުހައްމަދު ޝަފްރާޒް ޖެހި ޕެނަލްޓީ އީގަލްސްގެ ކީޕަރު ޖިނާހް ހާރޫން ސޭވް ކުރީ އެވެ. އީގަލްސްއިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން، ދެ ޕެނަލްޓީ ނާކާމިޔާބު ވި އެވެ. އެ ޓީމުގެ އަލީ ޝަމާލް އަބްދުﷲ ޖެހި ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އެޓީމަށް މެޗު ގެއްލުނީ އިސްހާގް ރަޝީދު ޖެހި ޕެނަލްޓީ ގޯލްގެ ދަނޑިއަށް އަމާޒު ވުމުންނެވެ.

މުބާރާތަށް ގްރީން ސްޓްރީޓް ތައްޔާރު ވަމުން ދިޔައިރު އެ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވި މުހިންމު ދެ ކުޅުންތެރިޔަކަށް ނުކުޅެވުނެވެ. އެއީ މި އަހަރު އެހެން ޓީމުތަކުގައި އެ ކުޅުންތެރިން ރަޖިސްޓްރީ ކޮށްފައި ވުމުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ގްރީން ސްޓްރީޓްގެ އަލީ ހަސަން 'އައްޔަ' އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ނިއު ރޭޑިއަންޓެވެ.

މުބާރާޓުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިން

  • މުހައްމަދު ޒަޔާން، - ގްރީން ސްޓްރީޓް، ގޯލްކީޕަރު،
  • މޫސާ އަޒީމް ހަސަން - ގްރީން ސްޓްރީޓް
  • ހައިޝަމް ހަސަން - އީގަލްސް
  • ޔޫސުފް ޖައިޝަމް ނާފިޒު - ނިއު ރޭޑިއަންޓް