ދުނިޔެ

ތޫފާނުގެ ސަބަބުން ހޮންގްކޮންގް ހުއްޓުމަކަށް އައިސް ޗައިނާއަށް ބޮޑެތި ގެއްލުންތަކެއް

Sep 17, 2018

މަންގޫޓުގެ ނަން ދީފައިވާ ބާރުގަދަ ތޫފާނުގެ ސަބަބުން، ދެކުނު ޗައިނާއަށް ބޮޑެތި ގެއްލުންތަކެއްވެ، މިހާތަނަށް ދެ މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޗައިނާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ތޫފާނާއި ގުޅިގެން ޗައިނާގެ ދެކުނުން އޮންނަ ސަރަހައްދުތަކުން 2.5 މިލިއަން މީހުން ވަނީ ސަރުކާރުން ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

މަންގޫޓު ޗައިނާއަށް އެރުމުގެ ކުރިން، ހޮންގްކޮންގަށް އަރައި މުޅި ސިޓީ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ތޫފާނުގެ ސަބަބުން، ހޮންގްކޮންގް ގެ ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވާއިރު، އެ ގައުމުގެ ދަތުރުފަތުރު ކުރުމުގެ ނިޒާމުވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

މި ތޫފާނު ފުރަތަމަ އެރޫ ފިލިޕީންސަށެވެ. އެ ގައުމުގައި މިހާތަނަށް 38 މީހުން މަރުވެފައިވާއިރު، 750 އަށް ވުރެ ގިނަ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައްވެފަ އެވެ.