ދުނިޔެ

ފިލިޕީންސް ސުންނާފަތި ކޮށްލައި، ތޫފާނުގެ މިސްރާބު ޗައިނާއަށް

Sep 16, 2018

ފިލިޕީންސްގެ އުތުރަށް ހޮނިހިރު ދުވަހު އެރި ބާރުގަދަ ތޫފާނުގެ ސަބަބުން މިހާތަނަށް 25 މީހުން މަރުވެފައިވާއިރު، ތޫފާނުގެ މިސްރާބު މިހާރު ހުރީ ޗައިނާގެ އިތުރުން ހޮންގްކޮންގަށް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

މަންގޫޓުގެ ނަން ދީފައިވާ ތޫފާނު ފިލިޕީންސްއަށް އެރި ވަގުތު ގަޑިއަކު 305 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހި އެތަކެއް އިމާރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ތޫފާނުގެ ސަބަބުން 87،000 އަށް ވުރެ ގިނަ މީހުން ވަނީ ސަރުކާރުން ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ. މަންގޫޓަކީ މިއަހަރު ފިލިޕީންސަށް އެރި 15 ވަނަ ތޫފާނެވެ.

މިހާރު ތޫފާނު މިސްރާބު ޖަހާފައިވާ ހޮންގްކޮންގް ގައި ވެސް ވަނީ އެންމެ މަތީ އެލާޓު ނެރެފަ އެވެ. ހޮންގް ކޮންގް އަށް ފަހު ތޫފާނު ދެން އަރާނެކަމަށް ބެލެވެނީ ޗައިނާގެ ދެކުނުގެ ސަރަހައްދުތަކަށެވެ.

ޗައިނާ ވެސް މިހާރު ވަނީ ތޫފާނުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ތައްޔާރުވެފަ އެވެ.