ސާފް ސުޒުކީ ކަޕް

ޑަބަލް ގޯލްޑް މެނޭޖަރު: އުފުލި ތަކުލީފާއި ވީގުރުބާނީ

ފުރަތަމަ ޑިވިޝަން ކުލަބަކަށް ކުޅުމަކީ އޭނާ ދެކުނު ހުވަފެނެކެވެ. އެހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ބައެއް ކުލަބުތަކުގައި އެދިގެން ޕްރެކްޓިހަށް ނިކުތެވެ. ނަމަވެސް އޭނާއަށް ކުރިއެރުމެއް ނުލިބުނެވެ. އެ ހުވަފެނުގައި ކުލައެއް ނުޖެއްސުމުން ދެން އޭނާ ވިސްނީ އޭނާގެ އާއިލާއިން އެހެންމީހަކަށް އެ ފުރުސަތު ތަނަވަސް ކޮށްދިނުމަށެވެ. މިއީ ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ 'މޯ' ގެ ވާހަކަ އެވެ. ފުޓުބޯޅަ ކުޅުންތެރިޔަކަށް އޭނާއަށް ނުވެވުމުން އޭނާގެ ކޮއްކޮ އިސްމާއީލް އީސާ 'މެސީ' އަށް އެ ފުރުސަތު ތަނަވަސް ކޮށްދޭން އޭނާ ބޭނުންވި އެވެ.

އިސްމާއީލް ސްކޫލު ނިމުމުން، އޭނާ ފުޓްބޯޅަ ކުޅުންތެރިޔަކަށް ހެދުމަށް އޭނާގެ ބައްޕައަށް ވިސްނައި ދިނީ މޯ އެވެ. އާއިލާގެ އެހީތެރި ކަމާއެކު އިސްމާއީލް ފުޓްބޯޅަ ދަނޑަށް ނިކުތެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި އެންމެ އަލިގަދަ ތަރިންގެ ތެރޭގައި އިސްމާއީލް ހިމެނުނެވެ.

ފުޓުބޯޅަ ކުޅުންތެރިޔަކަށް ނުވެވުމަކުން، މޯގެ ހިތް ފުޓްބޯޅައާ ދުރެއް ނުވި އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި 10 އަހަރު މަސައްކަތް ކުރުމަށް ފަހު އޭނާ ފުޓްބޯޅައިގެ ހިދުމަތައް ނިކުތީ ފުޓްބޯޅަ މެނޭޖްމެންޓް ސައިޑުންނެވެ. އެދާއިރާގައި އޭނާގެ އެއްވެސް އިލުމެއް، ތަޖުރިބާއެއް ނެތް ދާއިރާއަށް މޯ ވަނީ ޓީސީގެ ކުރީގެ ރައީސް އަހްމަދު ނަޝީދު 'ޓީސީ ޑޭވް' ގެ އެދުމުގެ މަތިންނެވެ. ޓީސީގެ މެނޭޖަރުގެ މަގާމަށް އޭނާ ހަމަޖެއްސީ 2015 ވަނަ އަހަރު އެވެ. އެ މަސައްކަތުގައި ފުރަތަމަ ހަފުތާގައިވެސް އޭނާ ފެއިލްވެ މަގާމު ގެއްލި ދާނެ ކަމުގެ ބިރު ހީވި އެވެ.

"ޓީސީގެ މެނޭޖަރު ކަމާ ހަވާލުވިރު އަޅުގަނޑަށް، އެދާއިރާގެ އެއްވެސް އެއްޗެއް ނޭނގެ، ފުރަތަމަ ހަފުތާގައިވެސް އަޅުގަނޑު ފެއިލްވެއްޖެ،" ފުޓްބޯޅައިގެ މެނޭޖަރުގެ ގޮތުގައި އޭނާގެ ފުރަތަމަ ތަޖުރިބާ ކިޔައިދިނެވެ.

"ޑޭވްގެ އެދުމުގެ މަތިން އަޅުގަނޑު ހަވާލުވީ ފުރަތަމަ ހަފްތާގައި އަޅުގަނޑު ފެއިލްވީމަ ޑޭވް ނިންމީ އަޅުގަނޑަށް ނުވާނެކަމަށް ބަލައި ވަކި ކުރަން، އަޅުގަނޑު ބުނިން އަޅުގަނޑަށް ވަގުތު ދޭށޭ، މިއީ އަޅުގަނޑަށް މުޅިން އާ މަސައްކަތެކޭ، އަޅުގަނޑު ޓައިމު ހޯދައިގެން ހުރިހާ ކަމެއް އަޅުގަނޑު ބަލަހައްޓާނަމޭ."

އެ މަސައްކަތުގައި އޭނާގެ ފުރަތަމަ މަދަރުސާއަކީ، ޓީސީއެވެ. އެ ދާއިރާގެ ކަންކަން ކިރިޔާވެސް އޭނާއަށް އެނގިފައި ހުރި ކަމުގައިވާނަމަ އެކަމަށް މަގުފަހިވީ ޓީސީގެ ތެރެއިން ކަމަށް މޯ ބުންޏެވެ. ޓީސީގައި އޭނާ ކުރި ތަޖުރިބާއިން ގިނަ އެއްޗިހިތަކެއް ދަސް ކުރި އެވެ.

މިދިޔަ އަހަރު ފެށުނު އިރު، މޯ ހުރީ ޓީސީގެ މެނޭޖަރުގެ މަސައްކަތްތަކުގައި ވަރަށް ރަނގަޅަށް ފައްކާވެފަ އެވެ. މިދިޔަ އަހަރު ކުރީ ކޮޅު ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތްވީ މޯއަށް ހުޅުވުނު އާ ދޮރަކަށެވެ. ލޯކަލް މުބާރާތްތަކާއި އިންޓަނޭޝަނަލް މުބާރާތްތަކުގައި މެނޭޖަރުގެ މަސްއޫލިއްޔަތު ތަފާތެވެ. އެ މުބާރާތަށް ޓީސީ ދިއުމަށް ޓީމުގެ ލޮޖިސްޓިކް އާއި އިދާރީ އިންތިޒާމުތައް އޭނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަކީ މޯ އަށް ލިބުނު ރަނގަޅު ތަޖުރިބާއަކަށް ވި އެވެ. ޝައިހް ކަމާލް އިންޓަނޭޝަނަލް މުބާރާތް ޓީސީން ކާމިޔާބު ކުރި އެވެ. މޯގެ ކަރުގައި އެ މެޑަލް އަޅައި ލެވުނީ އޭނާވެސް އޭގައި ހިއްސާ އޮވެގެންނެވެ. އެއި ޓޯނަމަންޓް ފޯމެޓަށް ކުރިއަށް ގެންދިޔަ މުބާރާތެއް ދިވެހި ކުލަބަކުން ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

"ޝައިހް ކަމާލް މުބާރަތަކީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު މުބާރާތެއް، ގައުމުން ބޭރުގައި ތިބެން ޖެހުނީމަ އެނގެނީ އޭގެ ބުރަކަމާއި މަސައްކަތުގެ ތަފާތުކަން،" އޭނާ ކިޔައިދިނެވެ. "ޓީސީއަށް ކާމިޔާބު ލިބުނީ ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވިގެން އެކަމުގައި އަޅުގަނޑުގެ ވެސް ކޮންމެވެސް ވަރެއްގެ ހިއްސާއެއް އޮންނާނެ."

މިދިޔަ އަހަރު މާޗް މަހު، ގައުމީ ޓީމުގެ މެނޭޖަރު ކަމަށް އޭނާ ހަމަޖެއްސި އެވެ. ކުލަބާއި ގައުމީ ޓީމުގެ މަސައްކަތް ވަރަށް ބޮޑަށް ތަފާތެވެ.

"ކުލަބުގައި މަސައްކަތް ކުރަނީ އަޅުގަނޑުވެސް އަމިއްލަ އެއްޗެއް ކަމުގައި ދެކިގެން، އެހެންވެ އަޅުގަނޑުގެ އަމިއްލަ ގޮތަކަށް މަސައްކަތް ކުރަނީ، އެކަމަކު ގައުމީ ޓީމުގެ ތަފާތަކީ މިއީ ކުލަބެއް ނޫން، އެކި ކުލަބުތަކުން ގައުމީ ޓީމަށް ކުޅުންތެރިން އަންނަނީ، ގައުމީ ޓީމު ވީމަ އެކަން ބަލަން މުޅި ގައުމު އޮވޭ، ގައުމީ ޓީމުގައި މަސައްކަތް އަމިއްލައަށް ކަނޑައަޅާ ގޮތަކަށް ކުރެވޭކަށް ނޯންނާނެ." ގައުމީ ޓީމުގެ ތަޖުރިބާ މޯ ކިޔައި ދިނެވެ.

ގައުމީ ޓީމުގައި އޭނާއަށްވެސް އުނދަގޫ ނިންމުންތަކާ ކުރިމަތިލާން ޖެހުނެވެ. އޭނާއަށް ކުރިމަތިވި އެންމެ ފުރަތަމަ ގޮންޖެހުމަކަށްވީ އެއްބަނޑު އެއްބަފާ ކޮއްކޮ ޓީމުން ބޭރު ކުރަން ކޯޗު ނިންމުމުން އެކަމާ ޑީލް ކުރަން ޖެހުމެވެ. ގައުމީ ޓީމުގެ ކުރީގެ ކޯޗް، ޑަރެން ސްޓުވާޓްގެ ކޯޗު ކަމުގައި، ގައުމީ ސްކޮޑުން އިސްމާއީލް އީސަ ބޭރު ކުރަން ކޯޗް ނިންމި އެވެ. ކޯޗުގެ ނިންމުމަށް މޯ އެއްބާރުލުން ދިނީ އޭނާގެ ކޮއްކޮ ވިޔަސް ޕްރޮފެޝަނަލް އިންތައް ހިފަހައްޓަން ޖެހޭނެ ކަމަށް ގަބޫލު ކުރަމުންނެވެ.

"އަޅުގަނޑު ބުނިން ކޯޗު [ސްޓުވާޓް] ކައިރީގައިވެސް، ކޯޗު ނިންމި ކޮންމެ ނިންމުމަކަށްވެސް އެއްބާރުލުން ދޭނަމޭ،" އިސްމާއީލް ޓީމުން ބޭރު ކުރަން ނިންމުމުން އެކަމާ ބެހޭގޮތުން މޯ އެވާހަކަ ކިޔައިދިނެވެ. "އަޅުގަނޑު ގަބޫލު ކުރީ އަޅުގަނޑުގެ ކޮއްކޮ ވިޔަސް އަޅުގަނޑު ވަޒީފާގައި ޕްރޮފެޝަނަލް މިންތައް އަޅުގަނޑު ހިފަހައްޓާނަމޭ، އަޅުގަނޑު ހިތަށް އަރާ ސާފް ޗެމްޕިއަންޝިޕް ލިބުނުއިރުވެސް އޭނާ ޓީމުގައި ހުރި ނަމައޭ، ދެ މީހުން އެއްކޮށް ޓީމުގައި ހުރެގެން މި ކާމިޔާބު ލިބުނު ނަމަ ވަކިން ބޮޑަށް އުފާވީސް."

ސާފް ޗެމްޕިއަންޝިޕަށް ދާން ޓީމު ތައްޔާރުވިއިރު ޓީމުގެ އެތެރޭގައި މައްސަލަ ޖެހުނެވެ. މުހިންމު ކުޅުންތެރިން ސްކޮޑުން ބާކީ ކުރުމުން، ގިނަ ފަރާތްތަކުގެ ފާޑު ކިޔުން ޓީމަށާއި ކޯޗަށް އޮއްސާލީ މިއިން ދުވަހަކު ގައުމީ ޓީމަށް ފާޑު ނުކިޔާ މިންވަރަށެވެ. ކުރީގެ ކެޕްޓަން އަލީ އަޝްފާގް ޓީމުގައި ނުހިމެނުމުން، އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރުމަށް ނިންމީ ޓީސީ އާ ގުޅުން ހުރި ފަރާތްތަކުންނެވެ. ޓީސީގެ ކުރީގެ ރައީސް ޑޭވް އިސްވެ ހުރެ އިހްތިޖާޖަށް ނިކުތެވެ. ކޯޗަށް އެންމެ އެއްބާރުލުން ދޭން ޖެހޭ ވަގުތެވެ. މޯގެ އެއްބާރުލުން ކޯޗަށް އޮތްކަން އޭނާ ހާމަ ކުރި އެވެ.

ގަތަރުގެ ޓްރެއިނިން ކޭމްޕްގައި، މޯ ބޭނުވާ ގޮތަށް މަސައްކަތް ކުރަން ފުރުސަތު ލިބުނެވެ. ޓީމުގެ ކިޓް މެނޭޖަރު ބަދަލުވެ އާ ކިޓް މެނޭޖަރަކު މަގާމަށް ހަމަޖެއްސުމުން ކިޓް މެނޭޖަރުގެ މަސައްކަތް މޯ ބޭނުންވި ގޮތަށް ކުރިއަށް ގެންދިޔަ އެވެ.

"ޓެކްނިކަލް އެއްވެސް ކަމަކާ އަޅުގަނޑު ވިސްނާކަށް ނުޖެހޭނެ، އެއީ ހެޑް ކޯޗުގެ މަސްއޫލިއްޔަތެއް، އަޅުގަނޑުގެ މަސައްކަތަކީ ޓީމުގައި އިދާރީ ގޮތުން ހުރިކަންކަން މެނޭޖު ކުރުމާއި ލޮޖިސްޓިކު ކަންކަން ކުރިއަށް ގެންދިއުން،" މޯ ބުންޏެވެ. "ޓީމު ޕްރެކްޓިސް ކުރަނީ ކިހިނެއްތޯ އަޅުގަނޑު ނުބަލަން، އަޅުގަނޑު ބެލީ ޓީމު ޕްރެކްޓިސް ގުރައުންޑަށް ދާއިރު ހުރިހާ ކަމެއް ހަމަޖެހިފައި ހުރިތޯ ބެލުން، މުޅިން އާ ކިޓް މެނޭޖަރަކާއެކު މަސައްކަތް ކުރަން ފެށީ، ނަމަވެސް ގަތަރު ޓްރެއިނިން ކޭމްޕް ނިމިގެން ދިޔައި އެއްވެސް މީހަކު ނުބުނާނެ އޭނައަކީ މުޅިން އާ ކިޓް މެނޭޖަރެކޭ އެހާވެސް ރަނގަޅަށް މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދިޔައީ."

މުބާރާތްތެރޭގައި ބައެއް މީޑިއާތަކުން ކައްކަމުން ދިޔަ ޕްރެޝަރާއެކު ބައެއް ކުޅުންތެރިންގެ މާޔޫސްކަންވެސް ފެނިގެން ދިޔަ އެވެ. ނަމަވެސް މޯ މަސައްކަތް ކުރީ ކޮންމެ ކުޅުންތެރިޔަކާ ވަކި ވަކިން އެކުޅުންތެރިޔަކާ ގުޅޭ ގޮތަށެވެ.

"ބްރޭކްފާސްޓަށް ނިކުންނައިރުވެސް ކުޅުންތެރިޔަކު ހުރެ ދާނެ މޫޑް ގޯސްވެފަ، ހަމަ އެވަގުތުގައިވެސް ވަކިން ގޮސް އަހާލަން ކިހިނެއްވީހޭ، ޝެއާ ކޮށްލަބަލާށޭ ކޮންމެވެސް ހައްލެއް ހޯދައި ދެވޭނެ ނޫންހޭ، 45 ދުވަސް އެއްކޮށް އުޅޭއިރު ކުޅުންތެރިން ހިތްހަމަނުޖެހޭ ކަންކަންވެސް ފެންމަތިވާނެ، ކުޅުންތެރިންގެ އަމިއްލަ ވާހަކަތައްވެސް އަޅުގަނޑާ ޝެއާ ކުރާނެ، އަޅުގަނޑު ދެކެނީ އެއީ ކުޅުންތެރިން އަޅުގަނޑަށް އިތުބާރު ކުރާތީ ކަމަށް."

ގުރޫޕް ސްޓޭޖުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ދެން އައީ ރާއްޖޭގެ ފުޓްބޯޅައިގެ ހަޔާތުގައި އައި އެންމެ ހައްސާސް ވަގުތު ކޮޅެވެ. ގުރު ލައިގެން ސެމީ ފައިނަލަށް ދާނެ ޓީމެއް ކަނޑައަޅަން ޖެހުމަކީ އޭގެ ކުރިން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވި ހާލަތެއް ނޫނެވެ.

"ޓޮސް ދިމާވެގެން ސެމީ ފައިނަލު ކަށަވަރު ވުމުން ޓީމުގައި ހިމެނުނު ކޮންމެ މީހެއްގެ މޫނަށް ވަކިވަކަން އަޅުގަނޑު ބެލިން ކޮންމެ ކުޅުންތެރިޔެއް ހެން ތިބީ ފެންކަޅިވެފަ، ތަށި ލިބުނީމަވެސް ކުޅުންތެރިން އުފަލުން ލޮލުން ފެން އައިތަނެއް ނުދެކެން، ގުރު ލުމަށް ދިޔަ ވަގުތު ކޮޅަކީ އަޅުގަނޑުގެ ކެރިއަރުގައިވެސް އައީ އެންމެ މުހިންމު ވަގުތު ކޮޅު."

ފައިނަލުގެ ކާމިޔާބަށް ފަހު އޭނާގެ ކަރަށް މެޑަލް މަހާލި ވަގުތަކީ މޯއަށް އެންމެ ޝަރަފުވެރި ވަގުތު ކޮޅެވެ. އިންޓަނޭޝަނަލް ދެ މުބާރާތެއްގައި ރަން މެޑަލް ކަރުގައި އަޅުވާލި ފުރަތަމަ މެނޭޖަރަކީ އޭނާ އެވެ. އޭނާގެ ފުރަތަމަ މެޑަލްއަކީ ޓީސީ އާއެކު ހޯދި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތެވެ. ފުޓްބޯޅަ ކުޅުންތެރިޔަކަށް ނުވެވުނަސް، ފުޓްބޯޅައިގައި އޭނާއަށް ބޮޑު ޝަރަފެއް ލިބިއްޖެ އެވެ.