ސާފް ސުޒުކީ ކަޕް

ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީ ކުޅުންތެރިންގެ އުފަން ރަށަށް

ސާފް ސުޒުކީ ކަޕުގެ ތަށި، ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިން ނިސްބަތްވާ ރަށްރަށަށް ގެންދާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ބަންގުލަދޭޝްގައި ހުރެ، އެފްއޭއެމްގެ މީޑިއާއާ ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ ކުޅުންތެރިންގެ އާއިލާއާ ގާތަށް ތަށި ގެންދިއުމުގެ އިންތިޒާމުތައް އެފްއޭއެމުން ރާވާނެ ކަމަށާއި އެއީ އެ ކުޅުންތެރިންގެ އާއިލާތަކަށްވެސް ލިބޭނެ ބޮޑު ޝަރަފެއް ކަމަށެވެ.

"އެ ކުޅުންތެރިންގެ އުފަން ރަށަށް މިތަށި ގެންދިއުމަކީ އެ ކުޅުންތެރިންނަށްވެސް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވެގެންދާނެ، ކުރިމަގަށް ބަލާއިރުވެސް އެއީ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ،" ބައްސާމް ވިދާޅުވި އެވެ. "މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތެއް، އެކަން އަޅުގަނޑުމެން އެބަޖެހޭ ވަރަށް ބޮޑަށް ފާހަގަ ކުރަން، އެކުޅުންތެރިންގެ އާއިލާ ކައިރިއަށް އެ ކުޅުންތެރިންގެ މައިބަފައިންނާ ކައިރިއަށް ތަށި ގެންދިއުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނެއް،"

ބައްސާމް ވިދާޅުވީ، ޓީމު ރާއްޖެ ދިއުމުން ރާއްޖޭގެ ރައްޔިތުން ޝާމިލުވާނެ ގޮތަށް އުފާފާޅު ކުރުންތައް އިންތިޒާމު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ގައުމީ ޓީމަށް ކިޔާ މަރުހަބާއަކީ ކުލަގަދަ ހަރަކާތަކަށް ވެގެންދާނެ ކަމަށެވެ.

ގައުމީ ސްކޮޑުގައި މިފަހަރު މާލެއަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިޔަކު ނެތެވެ. މިއީ ގައުމީ ޓީމުގައި މާލޭގެ ކުޅުންތެރިޔެއް ނެތި ދިޔަ ފުރަތަމަ ފަހަރެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖެއިން ކާމިޔާބު ހޯދީ އިންޑިއާގެ މައްޗަށް 2-1 ން ކާމިޔާބު ހޯދައިގެންނެވެ. ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ކަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ވަނީ ކަނޑައަޅާފަ އެވެ.