އާމިރު ޚާން

ސިޔާސީ ދާއިރާއަށް ނިކުންނަ ބިރުގަނޭ: އާމިރް ޚާން

ސިޔާސީ ދާއިރާއަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި އަދި ސިޔާސީ މީހަކަށް ދުވަހަކުވެސް ނުވާނެ ކަމަށް ބޮލީވުޑްގެ އެންމެ ކުޅަދާނަ އަދި ކާމިޔާބު އެކްޓަރު އާމިރް ޚާން ބުނެފި އެވެ. އާމިރް މިހެން ބުނީ އިންޑިއާގެ ހަބަރު ޗެނަލެއް ކަމުގައިވާ އެންޑީ ޓީވީއިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަދައްކަމުންނެވެ.

"އަހަންނަކީ ވާހަކަދެއްކުންތެރިއެއް، އެކަމަކު ސިޔާސީ ދާއިރާއަށް އެއްވެސް ޝައުވެރިކަމެއް ނެތް، އެ ދާއިރާއަށް ނިކުންނަ ބިރުގަނޭ، އެހެންވީމަ ދުރުގައި މި ހުންނަނީވެސް، އަހަރެން ބޭނުންވަނީ މީހުން މުނިފޫހިފިލުވައިދޭން، އަހަންނަށް ހީވަނީ ސިޔާސީ ދާއިރާއަށްވުރެ މިކަން މާ ރަނގަޅަށް އަހަންނަށް ކުރެވޭނެހެން،" އާމިރް ބުންޏެވެ.

ސިޔާސީ ދާއިރާއަށް އާމިރް ނިކުމެދާނެ ކަމަށް ސުވާލު އުފެދުނީ އިންޑިއާގެ މަހަރަސްޓްރާ ސްޓޭޓަށް ދިމާވެފައިވާ ސާފު ފެނުގެ މައްސަލަ ހައްލުކުރުމަށް ފާއިތުވި ތިން އަހަރު ތެރޭގައި އާމިރްގެ ޕާނީ ފައުންޑޭޝަނުން މަސައްކަތްކުރަމުން އަންނަނާތީ އެވެ. އާމިރް ބުނީ އެ މައްސަލަ ހައްލުކުރެވެން އޮތީ އެންމެ އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.

އާމިރް ދެން އެންމެ އަވަހަށް ފެނިގެންދާނީ މި އަހަރުގެ އެންމެ އިންތިޒާރުކުރެވޭ ބޮލީވުޑް ފިލްމު "ތަގްސް އޮފް ހިންދުސްތާން" އިން އަންނަ ނޮވެމްބަރު މަހު އަށެއްގަ އެވެ. އާމިރްއާއެކު އެ ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދާނީ އަމީތާބް ބައްޗަން، ފާތިމާ ސަނާ ޝެއިހް އަދި ކެޓްރީނާ ކައިފް އެވެ.