ހަބަރު

އިދިކޮޅު ކެމްޕޭނަށް ޓީޗަރުންނާއި ކުޑަކުދިން ނެރުމަކީ ހުތުރެއް: ނިހާން

ޓީޗަރުންނާއި ކުޑަކުދިން އިދިކޮޅު ކޯލިޝަންގެ ކެމްޕޭނަށް ނެރެގެން ދައްކަނީ ވަރަށްވެސް ހުތުރު މަންޒަރެއް ކަމަށާއި ކުޑަކުދިން ކެމްޕޭނަށް ނެރުމަކީ އެކުދީންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ސިވިލް ސާވިސް މުއައްޒަފުންނާއި ބައްދަލުކުރައްވައި ވަޒީފާގެ ބިރު ދައްކަމުން ގެންދަވާ ކަމަށެވެ. އެގޮތުން ކެމްޕޭން ހަރަކާތްތަކުގައި ބައިވެރި ނުވެއްޖެނަމަ އިދިކޮޅު ސަރުކާރެއްގައި ވަޒީފާ ގެއްލުވާލާނެ ކަމަށް ބުނެ ބިރުދައްކަމުންދާ ކަމަށް ނިހާން ތުހުމަތު ކޮށްފައި ވެއެވެ.

"އެކަމަކު އަޅުގަނޑުމެންގެ ބޮލުގައި މި އަޅުވަނީ ތުހުމަތު ސަރުކާރުން ވަޒީފާގެ ބިރު ދައްކަނީއޭ، އިންޒާރު ދެނީއޭ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ބޭއްވި އެއްވެސް ރިޔާސީ އިންތިހާބެއްގައި ޓީޗަރުން ވަކި ކެނޑިޓަކަށް ތާއީދުކޮށް ސްޓޭޖަކަށް ނާރާ ކަމަށެވެ. އަދި ޓީޗަރުންނެރެ އެފަދަ އަމަލެއް ހިންގި ބަޔަކު ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ ކަަމަށްވެސް ނިހާން ވިދާޅުވި އެވެ.

"ތިޔަ ނުބައި ކަންތައް ވެސް ކުރުމުގެ އަޑީގައި އެންމެ ނުރައްކާ މިންވަރަކަށް ތިބީ ހަމަ އެމްޑީޕީގެ މީހުން، ހާއްސަކޮށް އިބްރާހިމް މުހައްމަދު ސޯލިހް،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ފާޅުގައި ގޮންޖަހާފައި ނިކުތް ޓީޗަރުންނަށް މިސަރުކާރުން ފިޔަވަޅު އަޅާފައިނުވާ ކަމަށާއި އެކަމުންވެސް ދޭހަކޮށްދެނީ މި ސަރުކާރުން ވަޒީފާގެ ބިރު ނުދައްކާނެކަން ކަމަށެވެ. އަދި ވަޒީފާގެ ބިރު ދައްކައި އެފަދަ އަމަލުތައް ހިންގީ އެމްޑީޕީ ސަރުކާރުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ޓީޗަރުންގެ ބޮލަށް އެރިގެން ކުޅެމުންދާ ސިޔާސީ ކުޅިގަނޑަކީ ދިވެހި ތާރީހުގައި ލިޔެވިގެންދާނެ ވަރަށް ހުތުރު ސޮފްހާއެއް ކަމަށެވެ. ޓީޗަރުންނަނީ ދަރިވަރުންގެ މާދަމާގެ އުންމީދު ފުރިހަމަކޮށްދޭނެ ދެވަނަ މައިންބަފައިން ގޮތުގައި ތިބި ފަރާތްތައް ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

"އިއްޔެ އެކަނިވެސް ވިލިމާލޭގައި ބޭއްވުނު ބައްދަލުވުމެއްގައި ޓީޗަރުން އިސްވެތިބެ ވަނީ ޖަރީމާތަކެއް ހިންގާފަ، ކުދި ކުދި ކުދިން އަމިއްލައަށް ނަންވެސް ކިޔާލަންނޭންގޭ ކުދިން ލައްވާ ދެނަމްބަރަށް ވޯޓްދޭނެ ކަހަލަ ބެނާއެއް އެކުދިން އަތަށް ދީފަ ވޯޓް ހޯދަން ކުރާ މަސައްކަތަކީ ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުން، ރަސްމީ ސިފައެއްގައި ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ރައީސް ވަޑައިގަންނަވާއިރު، ކުޑަ ކުއްޖެގެ އަތުގައި ގައުމީ ދިދައެއް އޮތުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ޕާޓީގެ ދިދަ ނުދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ބައެއް ފަހަރު ދިދަ ދީފައި ހުންނަތަންވެސް ފެންނަ ކަމަށާއި އެކަންކަން އިސްލާހު ކުރަމުންދާ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ކެމްޕޭނުގައި ބައިވެރިވާނެ ބަޔަކު ނުވެގެން ކުޑަކުދިން ނެރުމުގެ ބަދަލުގައި 100ރ. ދީގެން ބިދޭސީން ނެރެގެން ފޮޓޯ ނެގުންވެސް މާ ރަނގަޅުވާނެ ކަމަށެވެ. ކުޑަކުދިން ނެރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށްވެސް ނިހާން ވިދާޅުވި އެވެ.