އަހުމަދު ނިހާން ހުސައިން މަނިކު

ނިހާން، އެސްޓީއޯއަށް ނުވަލައްކަ ރުފިޔާ ދައްކަން ހުކުމްކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ނުވަ ލައްކަ ރުފިޔާ ދެއްކުމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކަށް ސިވިލްކޯޓުން އަމުރުކޮށްފި އެވެ.

ނިހާންގެ މައްޗަށް ސިވިލް ކޯޓުން މިފަދަ އަމުރެއް ނެރުނީ އޭނާގެ ނަމުގައި ހާބަރުން ފުޓްކޯޓެއް ކުއްޔަށް ހިފުމަށްފަހު އެ ތަނުން ކުލީގެ ގޮތުގައި އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ އެ ކުންފުނިން ކުރި ދައުވާއަކާއި ގުޅިގެންނެވެ. ރައީސް ޔާމީންގެ ދުވަސްވަރު ރަނގަޅު ފެންވަރަކަށް ތަރައްގީ ކޮށްފައިވާ ހާބަރު ފުޓްކޯޓްތައް ހަދާފައިވަނީ އެސްޓީއޯއިންނެވެ.

އެސްޓީއޯއިން ހުށައެޅި މައްސަލަ ބެލުމަށްފަހު މިއަދު ސިވިލްކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ހާބަރުން ފުޓްކޯޓެއް ކުއްޔަށް ހިފުމަށްފަހު އެސްޓީއޯއާއި ނިހާނާ ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ތަނުގެ ކުލި ދައްކާފައިނުވާ ކަމަށެވެ. އެހެންކަމުން ކުލި ނުދައްކާ މުއްދަތަށް ކުއްޔާ، ޖޫރިމަނާގެ ގޮތުގައި 959،000 ރުފިޔާ ދެއްކުމަށް އަންގާ ކަމަށެވެ.

މި ފައިސާ ހަމަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށްވެސް ނިހާންގެ މައްޗަށް އެ ހުކުމްގައިވެއެވެ.

އެސްޓީއޯއިން ހުށައެޅި މި މައްސަލައާއި ގުޅިގެން ނިހާންގެ މައްޗަށް މިއަދު ހުކުމް އިއްވާފައިވަނީ އޭނާގެ ގައިރު ހާޒިރުގައެވެ.

އެނގިފައިވާ ގޮތުގައި ނިހާންގެ ނަމުގައި ހާބަރުން ފުޓްކޯޓެއް ކުއްޔަށް ނަގާފައިވަނީ އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲއެވެ. ނިހާންގެ ގާތް ބޭފުޅަކު ވިދާޅުވީ އެއީ ނިހާން ކުއްޔަށް ނެންގެވި ތަނެއް ނޫން ކަމަށާ އަބްދުއްރަހީމް އެތަން ކުއްޔަށް ނަންގަވާ ނިހާންގެ ނަން މަތީގައި އެއްބަސްވުން ހެދީ ކަމަށެވެ.

މިވަގުތު ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މެންބަރު ނިހާނަކީ ރައީސް ޔާމީންގެ ދުވަސްވަރު ވަރަށް ނުފޫޒުގަދަ ސިޔާސީ ސަހުސިއްޔަތެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އެންމެ އިތުބާރު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިހާނަކީ 18 ވަނަ މަޖިލީހުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މެޖޯރިޓީ ލީޑަރުކަން ކުރެއްވި ބޭފުޅެކެވެ.