ސާފް ސުޒުކީ ކަޕް

އެންމެ އުނދަގޫ މައްސަލައަށް ހައްލު ހޯދައިދިނީ ސަމޫހް!

ރާއްޖޭގެ ގައުމީ ޓީމަށް އަބަދުވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޓީމުގެ ޑިފެންސަށް ދިމާވާ މައްސަލަ އެވެ. ހައްލު ކުރަން އެންމެ އުނދަގޫ މައްސަލައެއްގެ ގޮތުގައި އޮތީ އެކަންތަކެވެ. ރާއްޖޭގެ ކޯޗު ކަމާ ހަވާލުވާ ކޮންމެ ކޯޗަކަށްވެސް އެކަމަށް ދާއިމީ ހައްލެއް ހޯދިފައެއް ނުވެ އެވެ.

ރާއްޖޭގެ ޓީމުގެ ޑިފެންސް އަތުރާލާ ގޮތުން، ޑިފެންސް ލައިނަށް ނެރެނީ ތަޖުރިބާކާރު ކުޅުންތެރިންނެވެ. ނަމަވެސް އެންމެ އެކިއުރޭޓް ހައްލެއް ނުލިބެ އެވެ. ސްކޮޑު ނަގާ ކޮންމެ ފަހަރަކު ޑިފެންސަށްވެސް ބަދަލު އާދެ އެވެ. ކުރިން ނެގި ކުޅުންތެރިޔާ ސްކޮޑުން ބާކީވެ، އަނެއްކާވެސް އެހެން ކުޅުންތެރިޔަކަށް ޑިފެންސް ބަރާސާ ވެއެވެ. ރާއްޖެ ވާދަ ކުރި މުބާރާތްތަކުގެ ތެރެއިން، ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަކީ ޑިފެންސަށް އެންމެ ބޮޑު އިތުބާރެއް އޮތް މުބާރާތެވެ. ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއްގައި ބަދަލެއް ނެތި ޑިފެންސް ބެކެހެއްޓި ކުޅުންތެރިޔަކީ މާޒިޔާގެ ޑިފެންޑަރު އަލީ ސަމޫހް 'ސަމުއްޓޭ' އެވެ.

މުބާރާތުގައި ރާއްޖޭގެ ކުޅުން ފެށި ފުރަތަމަ މިނެޓުން ފެށިގެން، ޑިފެންސުގައި ސަމޫހު ދެމި ހުއްޓެވެ. ކެޕްޓަން އަކުރަމް އަބްްދުލް ގަނީ، މެދު ރޮނގު ހުރަސްކޮށް ކުރިއަށް އަރައިގެން ދަނީ މުޅި ޑިފެންސް ސަމޫހު އަތް މައްޗަށް ދޫކޮށްލުމަށް ފަހު ކައުންޓަ އެޓޭކު ހަމަލާއަށްވެސް ޓެކުލު ކުރުމުގައި ސަމޫހް ތޫނު ފިލިވާނެކަން އެނގި، މުޅި ޓީމަށްވެސް އޭނާއާ މެދު އިތުބާރު އޮންނާތީ އެވެ.

އުފަންރަށް މަހިބަދޫގެ، މަހިބަދޫ ސްޕޯޓްސް ކުލަބުން ފުރަތަމަ ޑިވިޝަންގެ ކެރިއާ ފަށައި، އޭނާ އެ ޓީމުގައި ދެއްކި ކުޅުމާއެކު، މާޒިޔާއިން އޭނާ ސޮއި ހޯދީ އެހެން ކުލަބުތަކުން އޭނާއަށް ފާރަލާ ތިއްބަ އެވެ. ގައުމީ ސްކޮޑުގައި 2015 ވަނަ އަހަރު ހިމެނި އޭގެފަހުން އޭނާގެ ނަން ސްކޮޑުން އުނިވިޔަކަ ނުދެ އެވެ. ޑިފެންސަށް ކުޅުނު އެހެން ކުޅުންތެރިން ސްކޮޑުން ބާކީވި ނަމަވެސް ސަމޫހްގެ ޖާގަ އޭނާ ޔަގީން ކުރި އެވެ.

ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ، ޒުވާން ކުޅުންތެރިޔެއް ނަމަވެސް، ސަމޫހުގެ އެޓިޓިޔުޑްގައި ސީނިއާ ކުޅުންތެރިޔެއްގެ ފެންވަރު އެބަހުރި ކަމަށެވެ.

"އަހަރެން ރާއްޖޭގެ ކޯޗު ކަމާ ހަވާލުވީން ސުރެ ހުރިހާ މިނެޓެއްގައި ސަމޫހް ކުޅެފި، އެއީ އެހާ ޒުވާން އިރުވެސް އޭނާގެ މުހިންމުކަން ހާމަވާ ކަމެއް،" އުމުރުން 22 އަހަރުގެ ޑިފެންޑަރާ ބެހޭގޮތުން ޝެގަޓް ބުންޏެވެ. "އޭނާއަށް ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމަށް ކުޅެވޭނެ، ދަނޑުން ބޭރުގައި އޭނާއަކީ ވަރަށް މަޑުމައިރިރި ކުއްޖެއް، ޕްރެކްޓިހުގައި ބުނާ ބަސް އަހާނެ."

"ގަތަރުގެ ޓްރެއިނިން ކޭމްޕްގައި ހާއްސަ ޓްރެއިނިންތައް ކުރިއަށް ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި އަހަރެން ސަމޫހް ހިމެނިން، ވަރަށް ބުރަކޮށް ގެންދިޔަ ޓްރެއިނިންތަކެއް ނަމަވެސް އޭނާގެ ފަރާތުން ބަރާބަރަށް ކޮމިޓްމެންޓް ފެނިގެން ދިޔަ."

ޝެގަޓް ބުނީ، ސަމޫހްއާ އެކު ޑިފެންސަށް ދާއިމީ ހައްލެއް ހޯދިއްޖެ ކަމަށެވެ. އޭނާ ބުނީ ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބީގައި ސަމޫހްއަކީ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށެވެ.

މަހިބަދޫގެ ހިއްސާ ގައުމީ ޓީމުގައި އަބަދުވެސް އޮވެއެވެ. ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ކާމިޔާބު 10 އަހަރު ކުރިން ހޯދިއިރުވެސް މަހިބަދޫގެ ހިއްސާ ޓީމުގައި ބޮޑެވެ. ގައުމީ ޓީމުގެ ކުރިގެ ގޯލްކީޕަރު އިމްރާން މުހައްމަދު އާއި އަހްމަދު ތޯރިގް [ޓޮމް] އަކީ އޭރުގެ ކާމިޔާބުގެ އެންމެ މުހިންމު ތަރިންނެވެ. މިފަހަރުގެ ކާމިޔާބުގައި ސަމޫހް އާއި މާޒިޔާގެ ކެޕްޓަން އަސަދު އަބްދުﷲ މުހިންމު ދައުރެއް އަދާ ކުރި އެވެ.