ހަބަރު

ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ފަނާވެ ނެތި ދިއުމުގެ ބިރު ބޮޑު: ޖަމިއްޔާތައް

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށްޓަކައި ހިއްކި އެ ރަށު ކުޅީގެ ބާކީ ނުހިއްކާއި އޮތް ބައި ހިމަޔާތްކުރުމަށް ގޮވާލައި އަނެއްކާވެސް މަދަނީ ޖަމިއްޔާތަކުން ބަޔާނެއް ނެރެފި އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ކުޅުދުއްފުށީ ކުޅިން ބޮޑު ބައެއް ހިއްކުމުގެ ސަބަބުން އެކުޅިއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށާއި އަދި މިފަދަ ބޮޑު ޖަރީމާއެއް ސަރުކާރުން ހިންގީ ކުޅުދުއްފުށީގެ ކުޅީގެ ހާލަތާއި ބޭނުން ދެނެގަންނަށް ކޮށްފައިވާ ދިރާސާތަކަށްވެސް ބެލުމެއް ނެތި ކަމަށެވެ.

މި ބަޔާން ނެރުނީ 13 ޖަމިއްޔާއަކުން ގުޅިގެންނެވެ. އެ ޖަމިއްޔާތަކަކީ ސޭވް މޯލްޑިވްސްއާއި ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާއާއި އިކޯކެއާ، ޓްރާންސްޕޭރެންސީ މޯލްޑިވްސް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް، އުތެމާ، މާޅޮސް އެވެއަނެސް އެންޑް ރެކްރިއޭޝަން ސޮސައިޓީ، ބިލީފް، އައްޑޫ ވުމަންސް ޑިވެލޮޕްމަންޓް އިނީޝިއޭޓީވް، ވޮއިސް އޮފް މޯލްޑިވްސް، މީދޫ އެކުވެރިންގެ ޗޭނު، އެންވަޔަރަމަންޓް ޕްރޮޓެކްޝަން މޫވްމަންޓުންނެވެ.

އެއާޕޯޓް އެޅުމަށް ހިއްކާނީ ކުޅީގެ 30 ފަސެންޓް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނި ކަމަށާއި ނަމަވެސް މަސައްކަތް ނިމުނުއިރު ކުޅީގެ 70 ފަސެންޓް ހިއްކާފައިވާ ކަމަށެވެ. ކުޅިން ހިއްކާނީ 30 ޕަސެންޓު ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމްވެސް ވިދާޅުވި ކަމަށާއި އަދި ކުޅީގެ ބާކީ އޮތް ބަޔަށް ގެއްލުން ނުވާނެކަމުގެ ޔަގީންކަން އެކިފަހަރު މަތިން އެމަނިކުފާނު ދެއްވާފައިވާ ކަމަށެވެ.

ކުޅި ހިއްކުމުގައި އެންވަޔަރަންމަންޓް އިމްޕެކްޓް އެސްސްމެންޓްތަކަށް އެއްވެސް ބެލުމެއް ނެތި އަމަލު ކޮށްފައިވާ ކަމަށާއި ހިއްކާ ބަޔާއި ނުހިއްކާ ބައި ވަކި ނުކުރުމާއި އަދި ހިއްކިބައިން ނެގި ކިސަޑު ނުހިއްކާ ބަޔަށް އެޅުމުގެ ސަބަބުން ކުޅީގެ ބާކީ އޮތްބަައި ވަނީ ވަރަށް ބޮޑަށް ތިލަވެ، ކުޅި ފަނާވެ ނެތި ދިއުމުގެ ބިރާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކުޅިއަށް މޫދުން ލޮނު ވަންނާނެ އެންމެހާއި ގޮތްތައް ބަންދުކޮށްފައިވުމުން ކުޅީގެ ދިރުންތަކަށް މެދުކެނޑުމެއްނެތި ގެއްލުން ލިބެމުންދާ ކަމަށާއި އަދި މި ކަންކަަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ ބަލަމުން ނުދާކަމަށްވެސް ބުނެފައިވެ އެވެ.

އެއާޕޯޓް ހެދުމަށްޓަކައި ކަމަށް ބުނެ އެ ރަށުގެ 18 ގެއެއްގެ އާއިލާއެއް އެމީހުންގެ ގެދޮރުން ބޭރުކޮށް، އުޅޭނެތަނެއްވެސް ދައްކާފައި ނުވާ ކަމަށާއި އަދި މިކަން މިހެން ހިނގަމުންދާއިރު އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ މިނިވަން މުއައްސަސާކަމުގައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އިން ހަނުތިބުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ބުނެފައިވެ އެވެ.

މިކަމަކީ ދައުލަތުގެ ހުރިހާ އިދާރާއަކަށް ގާނޫނީ ގޮތުން ލާޒިމްކުރާ ކަމެއް ކަމަށާއި މިކަމަށް އިހުމާލުވުމަކީ މިކަމުގައި ޝާމިލުވާ އެންމެހާއި ފަރާތްތަކާއި މެދުގައި ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކުށެއް ކަމަށްވެސް ބުނެފައިވެ އެވެ. އަދި މިދަނޑިވަޅުގައި ދިވެހިރާއްޖެއިން ސޮއިކޮށް، ބަލައިގަނެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ހިލާފަށް އެތައް ކަމެއް ތަކުރާރުކޮށް ސަރުކާރުން ކުރަމުންގެންދާތީ އެކަން ކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެސްވެ އެވެ.