ރާއްޖެއިން ނެގި ކޯނަރަކުން ތަަނަވަސްވި ބޯޅައިން، އޭރިއާ ބޭރުގައި ހުރެފައި މުހްތާރު ނަސީރު (ޓޫކިލޯ) އުންޑައެއްހާ ބާރުމިނުގައި ފޮނުވާލި ބޯޅައިން އިންޑިއާގެ ގޯލް ފޫއަޅުވާލި އެވެ. ލަންކާގެ ވެރިރަށް ކޮލަމްބޯގެ ސުގަތަދާތަ ސްޓޭޑިއަމްގައި ތިބި އެތައް ސަތޭކަ ދިވެހި ސަޕޯޓަރުންގެ އަޑުން މުޅި ސްޓޭޑިއަމް ގުގުމާލި އެވެ.
ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ފަހަރަށް ރާއްޖެއަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔަކީ އއ. ތޮއްޑޫއަށް އުފަން ޓޫކިލޯ އެވެ. އިންޑިއާ ކޮޅަށް އޭނާ ޖެހި ގޯލަކީ ގައުމީ ޓީމުގެ އެންމެ ޝަރަފުވެރި އެއް ގޯލެވެ. ސާފް ޗެމްޕިއަންޝިޕް މިއަހަރު ހޯދި ޓީމަށް އޭނާގެ ހިތް ބަނޑުން ކޮށްލަނީ ޝުކުރުވެރި ކަމާއެކު އެވެ. ކޯޓުފަޓުޅުނުގައި އިއްޒަތްތެރި ކަމާއެކު ގައުމަށް އެނބުރި އައި ކުޅުންތެރިންނަށް ދިވެހި ގައުމުން ކީ މަރުހަބާއަކީ މަތިވެރި މަރުހަބާ އެކެވެ.
"މިފަހަރު ކާމިޔާބު ހޯދި ކުޅުންތެރިންނަށްވެސް ހަމަ އެފަދަ މަރުހަބާ އަކުން މަރުހަބާ ކިޔަން ޖެހޭނެ، އެ ކުޅުންތެރިން އެވީ ވަރަށް ބޮޑު ގުރުބާނީއެއް،" ޓޫކީލޯ އޭނާގެ ޝުއޫރު ހިއްސާ ކުރި އެވެ. "އެފްއޭއެމުން އަޅުގަނޑަށްވެސް ދައުވަތު ދިން، ނަމަވެސް އަޅުގަނޑުގެ މަސައްކަތްތައް މިވަގުތު ހުރި ގޮތުން މާލެ ދެވެން ނެތް، އެހަފުލާގައި ބައިވެރި ނުވެވޭތީ ދެރަވޭ، އަޅުގަނޑުގެ މަރުހަބާ އެ ކުޅުންތެރިންނަށް ކިޔަން."
ޓޫކިލޯ ބުނީ، ސާފް ޗެމްޕިއަންޝިޕްގެ މިފަހަރުގެ ކާމިޔާބަކީ ފުރަތަމަ ފަހަރު ނޫން ނަަމަވެސް އެ ކާމިޔާބަކީ ވަރަށް ހައިބަވެތި ކާމިޔާބެއް ކަމުގައި ދެކެން ޖެހޭނެ ކަމަށެވެ.
"ކުރިން އިންޓަވިއުއެއްގަވެސް އަޅުގަނޑު ބުނިން ސާފް ޗެމްޕިއަންޝިޕް ހޯދާނަމަ އިންޑިއާއާ ބަލި ކުރަން ޖެހޭނީ، މި ޒުވާން ކުޅުންތެރިން އެކަން ހާސިލު ކޮށްފި، މިއީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ދެކެން ޖެހޭނެ،" އޭނާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "2009 ގައި އަޅުގަނޑުމެންވެސް ފައިނަލުގައި ނިކުތީ އިންޑިއާގެ ޒުވާން ޓީމަކާ ދެކޮޅަށް، އޭރު އަޅުގަނޑުމެންނަށް ކާމިޔާބެއް ނުވި، މިފަހަރުވެސް އިންޑިއާއިން ނެރުނީ ޒުވާން ޓީމެއް، ރާއްޖޭގެ މިހާރުގެ ޓީމުން އެކަން ހާސިލު ކޮށްފި."
އޭނާ ބުނީ ސާފް ޗެމްޕިއަންޝިޕުގައި ވާދަ ކުރާއިރު ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ސްކޮޑުން ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
"އިންޑިއާއިން ކޮންމެ ފަހަރަކުވެސް އެ މީހުންގެ ސްކޮޑުގައި ވަރަށް ބައިވަރު ޒުވާން ކުޅުންތެރިން އެބަ ހިމަނާ، އަނެއްކާ މިފަހަރު އިންޑިއާއިން ނެރުނީ މުޅިން ޒުވާން ކުޅުންތެރިން ހިމެނޭ ޓީމެއް، ރާއްޖެއިންވެސް އެބަޖެހޭ އެ ވިސްނުން ގެންގުޅެން ސާފް ޗެމްޕިއަންޝިޕްގައި އަބަދުވެސް ގިނަ ޒުވާން ކުޅުންތެރިންނަށް ސްކޮޑުން ޖާގަ ދޭންވީ."