ސާފް ސުޒުކީ ކަޕް

ރަން ތައްޓާއެކު ގައުމީ ޓީމު ރާއްޖެ، ކުލަގަދަ މަރުހަބާއެއް

ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ދިވެހި ގައުމީ ޓީމު، މުބާރާތުގެ ތައްޓާއެކު ރާއްޖެއަށް އަތުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސާފް ސުޒުކީ ކަޕު ކާމިޔާބު ކުރުމަށް ފަހު، ގައުމީ ޓީމު މިއަދު މާލެ އައީ އިއްތިހާދު އެއާވޭސްގެ އޭ380 ގެ މަތިންދާބޯޓްގަ އެވެ. އިންޑިއާ ބަލިކޮށް ރާއްޖެއިން ފައިނަލު މެޗު ކާމިޔާބު ކުރީ 2-1 ންނެވެ.

އޭ380، މަތިންދާބޯޓާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުން، ތައްޓާއެކު މަތިންދާބޯއްޓުން އެންމެ ފުރަތަމަ ފޭބީ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އެވެ. ގައުމީ ޓީމަށް މަރުހަބާ ދެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ އެއާޕޯޓަށް ވަޑައިގެންފަ އެވެ.

ކެޕްޓަން އަކުރަމް ވަނީ، ސާފް ޗެމްޕިއަންޝިޕްގެ ތަށި ރައީސް ޔާމީންގެ އަތްޕުޅަށް އަރުވާފަ އެވެ. ގައުމީ ޓީމާއެކު އޭ380 ޖެއްސުމުގެ ކުރިން ބޯޓް ވަނީ 1000 ފުޓު މަތިން މާލެ ވަށައި ބުރެއްޖަހާފަ އެވެ. އަދި ސިފައިން ވަނީ ޕެރަޝޫޓްގައި އެއާޕޯޓަށް ފައިބާފަ އެވެ.