ވިޔަފާރި

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ވިޒިޓް މޯލްޑިވްސްގެ ލޯގޯ ޖަހައިފި

"ވިޒިޓް މޯލްޑިވްސް" ލޯގޯ މޯލްޑިވިއަންގެ ފްލައިޓްތަކުގައި ޖަހަން ފަށައިފި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިއަންގެ ބޯޓުގައި ޖަހާފައިވާ "ވިޒިޓް މޯލްޑިވްސް" ލޯގޯ ގެ ފޮތިގަނޑު ކަހައި ދެއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު އެވެ. މި ރަސްމިއްޔާތުގައި   އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ޒިއަތު ވިދާޅުވީ މޯލްޑިވިއަން ވެގެން ދަނީ ވިޒިޓް މޯލްޑިވްސް އިޔާގައި ވަރަށް މުހިންމު ބައިވެރިއަކަށް ކަމަށެވެ.

"މޯލްޑިވިއަން ވެގެން ދާނީ ވަރަށް މުހިންމު ބައިވެރިއަކަށް. ހުރިހާ އިވެންޓް ތަކެއްގެ މޭޖާ ޕާޓްނަރަކަށް ވެގެން ދާނީ،" ޒިއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަންގެ އިތުރުން ރާއްޖޭގެ އެއާލައިންތަކުގައި "ވިޒިޓް މޯލްޑިވްސް" ގެ ލޯގޯ ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަންނަ އަހަރު ވެގެން ދާނީ ވަރަށް ބޮޑަށް ފާހަގަ ވެގެން ދިޔަ އަހަރަކަށް،" ޒިއަތު ވިދާޅުވި އެވެ.