ސާފް ސުޒުކީ ކަޕް

ރަންތަށި ފެނި އެންމެން ފެންކަޅިކޮށްލައިފި!

ގައުމީ ޓީމަށް މަރުހަބާ ކިޔަން ބައެއް މީހުން، ބްރިޖު ކޮޅުގައި ޖެހުނީ، ޓީމު ތަށި ހިފައިގެން އައުމުގެ ދެގަޑިއިރު ކުރިންނެވެ. ކޮންމެ މީހަކުވެސް ހެދުން އަޅާފައި ހުރީ، ގައުމީ ކުލަ ރަމްޒު ކޮށްދޭ ރަތް ކުލައިން އެވެ. ސިނަމާލެ ބްރިޖު ސަރަހައްދަށް ޖަމާވި އެތައް ސަތޭކަ މީހުންގެ މަތިން ބާޑުވިއު ޝޮޓެއް ނެގީމާ، ފެންނީ ރަތް ކުލައިން މުޅިތަން ފުރާލާފައިވާ ތަނެވެ.

ރަތް ބުރުގާއެއް ނުވަތަ ރަތް ހެދުމެކެވެ. ބައެއް މީހުން ރަތް ކުލައިގެ ފޮތިކޮޅުތައް ނިއްކުރީގައި އައްސާލައިގެން ހާމަ ކުރަމުން ދިޔައީ ގައުމަށްޓަކައި އޮތް ލޯއްބެވެ. ދިވެހިންގެ ކިބައިގައި ގައުމިއްޔަތެއް ނެތޭ ބުނާ އަވަށްޓެރި ގައުމުތަކުގެ ސިޔާސީ ބައެއް މީހުންނަށް އެ ފޮޓޯތައް ފެނިއްޖެނަމަ އެމީހުންގެ ގަބޫލު ކުރުން ދޮގުކަން މިއަދު ހާމަވާނެ އެވެ.

ސިޔާސީ ގޮތުން، ގިނަ ހަރަކާތްތަކެއް ހިނގަމުންދާ ދުވަސްކޮޅެއް ނަމަވެސް، ދިވެހިން ބްރިޖު ސަރަހައްދަށް ޖަމާ ކުރީ ގައުމަށްޓަކައި އޮތް ލޯއްބެއްގެ ސަބަބުންނެވެ. ސިޔާސީ ގޮތުން ސަރުކާރާ އެއް ހިޔާލަކަށް ނާދެވޭ މީހުންނަށްވެސް، ބްރިޖު ސަރަހައްދަށް އާދެވުނީ ގައުމީ ޓީމަށްޓަކައި އޮތް ލޯއްބެގެ ސަބަބުންނެވެ. އެ މީހުން އައީ ސިޔާސީ މީހަކަށް ތާއީދު ކުރާތީއެއް ނޫނެވެ. އެތަނަށް އެތައްހާސްބައެއް އެއްވީ، ގައުމީ ޓީމަށްޓަކައި ގައުމަށް ޓަކައި ހިތުގައި އޮތްލޯބި ދައްކާލާށެވެ.

"މިއީކީ ވަކި މީހަކަށް ލިބުނު ކާމިޔާބެއް ނޫން، ވަކި މީހަކަށް ކްރެޑިޓް ނަގަން އުޅުނަސް ހަގީގަތަކީ މިއީ ގައުމަށް ލިބުނު ކާމިޔާބެއް." ބްރިޖު ސަރަހައްދުން ދިމާވި އަޅުގަނޑު ރައްޓެއްސެއްގެ ގާތު އަހާލުމުން އޭނާ ޖޯޝާ ފޯރީގައި ހިޔާލުފާޅުކުރި އެވެ. އޭނާ އަކީ ސިޔާސީ ގޮތުން ސަރުކާރަށް ތާއީދު ނުކުރާ މީހެއްކަން އަޅުގަނޑަށް އެނގެ އެވެ. ގައުމީޓީމަށް ކިޔާ މަރުހަބާގެ ލަވަތަކުން މުޅިތަން އެއް އަޑުކޮށްފައި އޮތް އިރު، އެތަނުން ދިމާވި ކޮންމެ ރައްޓެއްސެއްގެ ޝުއޫރު ހުރީ ހަމަ އެހެން އެވެ. ނަމަވެސް އޭނާވެސް ބްރިޖު ސަރަހައްދަަށް މަރުހަބާ ކިޔަން ގެނުވީ ގައުމީ ޓީމަށާއި ފުޓްބޯޅައަށް އޮތް ލޯއްބެވެ.

ސޯޝަލް މީޑިއާގައި، މުބާރާތާ ގުޅުވައި ދިވެހިން ދައުރު ކުރުވަމުން ދިޔަ ހޭޝްޓެގަކީ، "އިޓްސް ކަމިން ހޯމް" އެވެ. އެއީ މިއަހަރުގެ ވޯލްޑްކަޕުގައި އިނގިރޭސި ގައުމީ ޓީމުގެ ކޯޗް ގެރެތު ސައުތު ގޭޓް ލައިގެން ހުރި ކޯޓުގައިި ލިޔެފައިވާ އިބާރާތަކުން، އިނގިރޭސި ސަޕޯޓަރުން ބޭނުން ކުރި ތީމް އެކެވެ. އިނިގިރޭސި ފުޓްބޯޅައާ ރަށްޓެހި ދިވެހިން އެ އިމްޕޯޓް ކުރީ އިނގިރޭސި ފުޓްބޯޅައިންނެވެ.

ބްރިޖު ސަރަހައްދުގައި އަޅުގަނޑަށް ހުރެވުނީ މީހުން ބޯކޮށް އޮތް ސަރަހައްދެއްގަ އެވެ. ޓީމު ދަތުރު ކުރި ޕިކަޕު ބްރިޖު ކޮޅަށް އަންނަން ފެށުމުން އެތަނުގައި ހުރި ޒުވާނަކު ހަރުއަޑުން ގޮވާލީ؛ "ފައިނަލީ އިޓްސް ކޭމް ހޯމް" އެވެ.

ބްރިޖު ކޮޅަށް ޓީމު އައިސް ތަށި ދައްކާލި އެވެ. ފޯރި ނަގަމުން ދިޔަ ދިވެހި ސަޕޯޓަރުންގެ އަޑު އިތުރަށް ގަދަވި އެވެ. ކުޅުންތެރިންނާ ސަލާމް ކުރުމަށް އެތަނަށް އެއްވެ ތިބި މީހުން މަސައްކަތް ކުރި އެވެ. "ތަށި ފެނުމުން ފެންކަޅި ވެއްޖެ،" ބްރިޖު ސަރަހައްދަށް ޖަމާވި މީހެއްގާތު ތަށި ފެނުމުން ކުރެވުނީ ކޮންކަހަލަ އިހްސާސެއްތޯ އެހުމުން ބުންޏެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު ފޮޓޯ ނަގަން ނުލިބުމުން ބައެއް މީހުން ޝަކުވާވެސް ކުރި އެވެ. "ހަތަރެއް ޖެހިރު މިތަނަށް އައިސްފިން، އެހާ ގިނައިރު މިތާންގައި މަޑުކޮށްގެން ތިބެންޖެހުނު އިރު ކުޅުންތެރިންނާއެކު ފޮޓޯ ނަގަން ލިބުނު ނަމަ ވަރަށް ފުރިހަމަވީސް." ބްރިޖު ސަރަހައްދުން އަންނަމުން މީހަކު ބުންޏެވެ. އެހެން ނަމަވެސް ބައެއް މީހުންނަށް ވަނީ ފޮޓޯ ނެގުމުގެ ފުރުސަތު ލިބިފަ އެވެ. މިއަދު މިދައްކައިދިނީ ގައުމަށް ޓަކައި ދިވެހިން އެއް ބައިވާނެ ކަމެވެ. ސިޔާސީ ފިކުރުތައް އެއް ފަރާތްކޮށް ދިވެހިން މިއަދު ދައްކައިދިނީ ގައުމީ ޖޯޝް އެ މީހުންގެ ކިބައިގައި އޮތްތަނެވެ.