ބޮލީވުޑް

އަހަރުތަކަކަށްފަހު ޖޫހީއާއި ރިޝީ އެކީގައި

ކާމިޔާބު ގިނަ ފިލްމުތަކެއް އެކީގައި ކުޅެފައިވާ ކުރީގެ މަޝްހޫރު އޮން ސްކްރީން ޖޯޑު ޗޫހީ ޗާވްލާއާއި ރިޝީ ކަޕޫރް އަނެއްކާވެސް އެކީގައި ފިލްމެއް ކުޅުމަށް ސޮއިކޮށްފި އެވެ. މި ދެމީހުން އެކީގައި ފިލްމަކުން ނުފެންނަތާއި މިހާރު 22 އަހަރުވެއްޖެ އެވެ.

ޖޫހީ 50، އާއި ރިޝީ 66، އަލަށް ސޮއިކުރި ފިލްމަކީ ހިތޭޝް ބާޓީޔާ ޑައިރެކްޓުކުރާ ފެމީލީ ކޮމެޑީ ފިލްމެކެވެ. މި ފިލްމުގެ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ. މިއީ ހިތޭޝްގެ އަލަތު ޑައިރެކްޝަނެވެ. ދިއްލީގައި ޝޫޓުކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ހިތޭޝްއާއެކު ސުޕްރަތިކް ސެންއާ އެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި ހާމަކޮށްފައި ނުވާ މި ފިލްމުގައި މަސައްކަތްކުރުމަށް ކެތްމަދުވެފައި ހުރި ކަމަށް ބުނެ ޖޫހީ ވަނީ ޓުވީޓެއްވެސް ކޮށްފަ އެވެ.

ރިޝީއާއި ޖޫހީ އެންމެފަހުން އެކީގައި ފެނިގެންދިޔައީ 1996 ވަނަ އަހަރު ނިކުތް ފިލްމު "ޑަރާރް" އިންނެވެ. އެ ދެމީހުން އެކުގައި މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ބޯލް ރާދާ ބޯލް" (1992) އަދި "ޗާންދުނީ" (1989) ފަދަ މަޝްހޫރު ފިލްމުތައް ހިމެނެ އެވެ.

ޖުހީ އެންމެފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ގެނެސްދިން "ދި ޓެސްޓް ކޭސް" ކިޔާ ވެބް ސީރީޒްއަކުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަނިލް ކަޕޫރް އަދި ސޯނަމް ކަޕޫރްއާއެކު އަންނަ އަހަރު ކުރީކޮޅުގައި ރިލީޒްކުރާނެ ފިލްމު "އޭކް ލަޑްކީކޯ ދޭކާތޯ އޭސާ ލަގާ" އިންނެވެ.

ރިޝީ އެންމެފަހުން ފެނިގެންދިޔައީ މިދިޔަ މަހު ނިކުތް ފިލްމު "މުލްކް" އިންނެވެ. ރިޝީގެ އިތުރު ފިލްމެއް މި އަހަރު ނިކުމެފައިވެ އެވެ. އެއީ އަމީތާބްއާއެކު ކުޅުނު ފިލްމު "102 ނޮޓް އައުޓް" އެވެ.