ޗެމްޕިއަންސް ލީގް

އިންޓަ އާއި ލިވަޕޫލަށް ފަހުވަގުތު ތިން ޕޮއިންޓު

ޗެމްޕިއަންސް ލީގްގައި، އިންޓަ މިލާން އަދި ލިވަޕޫލު ކުޅުނު މެޗުތަކުގައި އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން މޮޅުވެ، މިއަހަރުގެ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ޓޮޓެންހަމްއާ ދެކޮޅަށް، އަމިއްލަ ދަނޑުގައި އިންޓަ މިލާން ކުޅުނު މެޗު ކާމިޔާބު ކުރީ 2-1 އިންނެވެ. ޕީއެސްޖީއާ ދެކޮޅަށް ލިވަޕޫލު އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކުރީ 3-2 އިންނެވެ. މޮނަކޯއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު އެތުލެޓިކޯ މެޑްރިޑް މެޗު ކާމިޔާބު ކުރީ 2-1 އިންނެވެ. އެންމެ ހައިރާން ކުރުވަނިވި ނަތީޖާއަކަށް ވީ ސާބިއާގެ އެފްކޭ ކްރީނާސް ވެޒްޑާއިން ނަޕޯލީ ހިފަހައްޓާލުމެވެ.

ޗެމްޕިއަންސް ލީގްގެ އެންމެ ފަހުގެ ރަނަރަފު، ލިވަޕޫލުން ލީޑް ނަގާފައި ވަނިކޮށް، ޕީއެސްޖީންވެސް ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އެންމެ ފަހު 10 މިނެޓް ތެރޭގަ އެވެ. ނޭމާ ތަނަވަސް ކޮށްދިން ފުރުސަތަކުން ލަނޑު ކާމިޔާބު ކުރީ ކިލިޔަން އެމްބާޕޭ އެވެ.

އެ ނަތީޖާއިން މެޗުގެ ފުރިހަމަ ވަގުތު ނިމިދާނެ ކަމަށް ބެލެވުނު ނަމަވެސް، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ރޮބާޓޯ ފިރުމީނޯ ވަނީ ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރު ކޮށް ދީފަ އެވެ. މެޗުގެ ފުރަތަމަ ހާފުވެސް ލިވަޕޫލުން ނިންމާލީ ލީޑްގައި އޮވެގެންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑެނިއަލް ސްޓްރިޖް އެވެ. އޭގެ ހަ މިނެޓް ފަހުން ޖޭމްސް މިލްނާ ވަނީ ލިވަޕޫލަށް ލިބުނު ޕެނަލްޓީ އަކުން ދެ ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޕީއެސްޖީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ތޯމަސް މުނިއޭ އެވެ.

ޓޮޓޭންހަމްއާ ދެކޮޅަށް އިންޓަ ކުޅުނު މެޗުގައި މެޗުގެ އެންމެ ފަހު ފަސް މިނެޓާ ހަމަޔަށް، ޓޮޓެންހަމްއިން ލީޑް ދެމެހެއްޓި އެވެ. އެ ޓީމުގެ ލަނޑު މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކްރިސްޓިއަން އެރިކްސަން އެވެ.

އިންޓައިން ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ 85 ވަނަ މިނެޓްގައެވެ. އެ ލަނޑު ކާމިޔާބު ކުރީ މައުރޯ އިކާޑީ އެވެ. އިންޓަ މޮޅު ކޮށްދިން ލަނޑު މެޗުގެ 92 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މެޓިއަސް ވެސީނޯ އެވެ.

ރަށުން ބޭރުގައި، އެތުލެޓިކޯއިން، މޮނަކޯ ބަލި ކުރީވެސް ފަހަތުން އަރައި ކާމިޔާބު ކުރި ދެ ލަނޑުންނެވެ. އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ މޮނަކޯއިން ވަނީ މެޗުގެ 18 ވަނަ މިނެޓްގައި ލިޑް ނަގާފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ސެމިއުލް ގްރޭންޑްސާ އެވެ.

އެތުލެޓިކޯއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 31 ވަނަ މިނެޓްގައި، އެންޓުއާން ގްރީޒްމަން ތަނަވަސް ކޮށްދިން ފުރުސަތަކުން ޑިއޭގޯ ކޮސްޓާ އެވެ. އެ ޓީމު މޮޅުކޮށްދިން ލަނޑު ހޯސޭ ހިމެނޭޒް ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭގަ އެވެ.

ބެލްޖިއަމްގެ ކުލަބު ބާގް އަތުން، ބަޔާން މިޔުނިކަށް ލިބުނީ އުނދަގޫ މޮޅެކެވެ. ބަޔާން މެޗު ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގެ 85 ވަނަ މިނެޓްގައި ބަޔާންގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ކްރިސްޓިއަން ޕްލުސިޗް އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ތުރުކީގެ ގަލަތަސަރާއީން ވަނީ ރަޝީއާގެ ލޮކޮމޯޓީވް މޮސްކޯގެ މައްޗަށް 3-0 މޮޅުވެފަ އެވެ. ޝާލްކޭ އާއި އެފްސީ ޕޯޓޯ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.