ސާފް ސުޒުކީ ކަޕް

ސާފު ސުޒުކީ ތައްޓާއެކު ފޮޓޯނެގުމުގެ ފުރުސަތު މިއަދު ހަވީރު

ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަން ޓްރޮފީއާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް އެފްއޭއެމުން ހުޅުވާލައިފި އެވެ.

މިއަދު ހަވީރު މާފަންނު ޓާފް ދަނޑުގައި، ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު ހަވީރު 4:00 އިން ފެށިގެން 6:00 އަށެވެ. ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީ އާއެކު އިއްޔެ ޓީމު މާލެ އައިރު ގިނަ ބަޔަކު ވަނީ ތައްޓާއެކު ފޮޓޯ ނަގަން ބޭނުން ވެގެން އެ ވާހަކަ ދައްކާފަ އެވެ.

ބްރިޖު ސަރަހައްދުން، ރަން ކާމިޔާބުގެ ޓީމަށް މަރުހަބާ ކިޔުމަށް އެތައް ސަތާކަ ބަޔަކު ޖަމާވި އެވެ. ތައްޓާއެކު އުފާ ފާޅު ކުރުމަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެފްއޭއެމުން ނިންމާފައިވާ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ވަނީ ވިދާޅުވެފަ އެވެ.

އުފާފާޅު ކުރުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ މުހިންމު ހަރަކާތަކަށް ވާނީ، ގައުމީ ޓީމުގައި ހިމެނޭ، ކުޅުންތެރިންގެ ރަށްރަށަށް ޓްރޮފީ ގެންދިއުމެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޓްރޮފީ ގެންދާނެ އެވެ.

ސާފް ޗެމްޕިއަންޝިޕް، ރާއްޖެއިން ކާމިޔާބު ކުރީ، މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ފައިނަލު މެޗުގައި އިންޑިއާގެ މައްޗަށް 2-1 ކާމިޔާބު ހޯދައިގެންނެވެ. ރާއްޖޭގެ ލަނޑުތައް ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' އާއި އަލީ ފާސިރު 'ސެންޓޭ' އެވެ.