ހޮލީވުޑް

އެމިލިއާ ކްލާކް އާއި ހެންރީ ގޯލްޑިން ލޯބީގެ ފިލްމަކަށް

އެޗްބީއޯގެ ސީރީޒް "ގޭމް އޮފް ތުރޯންސް" އިން މަގުބޫލުކަން ހޯދި އެކްޓްރެސް އެމިލިއާ ކްލާކް އާއި ދާދިފަހުން ހުސް އޭޝިއާގެ ކާސްޓަކާއެކު ގެނެސްދިން ކާމިޔާބު ފިލްމު "ކްރޭޒީ ރިޗް އޭޝިއަންސް" އިން މަގުބޫލުކަން ހޯދި އެކްޓަރު ހެންރީ ގޯލްޑިން އެކުގައި ފިލްމެއް ކުޅުމަށް ސޮއިކޮށްފި އެވެ.

ލޯބީގެ މި ފިލްމުގެ ނަމަކީ "ލާސްޓް ކްރިސްމަސް" އެވެ. ޔުނިވާސަލް ޕިކްޗާސްގެ ކުޑައިގެ ދަށުން ގެނެސްދޭ މި ފިލްމު ޑައިރެކްޓުކުރަނީ ޕޯލް ފިގް އެވެ. ފޯލް ފިގްގެ ފިލްމަކުން ދާދިފަހުން ހެންރީ ވަނީ ފެނިގެންގޮސްފަ އެވެ. އެއީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ތުރިލާ ފިލްމު "އަ ސިމްޕަލް ފޭވާ" އެވެ.

މި ފިލްމުގެ ސްކްރިޕްޓު ތައްޔާރުކުރީ އެމާ ތޮމްސްޕްސަން އާއި ބަރްއިޔޯނީ ކިމިންގްސް އެވެ. ފިލްމުގެ ވާހަކަ ގެނެސްދޭ ގޮތް ހާމަކޮށްފައި ނުވި ނަމަވެސް ހޮލީވުޑް ރިޕޯޓާއިން ބުނީ މި ފިލްމަކީ ހޮލިޑޭ ރޮމޭންސްގެ ތީމްއަށް ގެނެސްދޭ ފިލްމެއް ކަމަށެވެ. މި ފިލްމުގެ ޝޫޓުކުރަނީ ލަންޑަންގައި އެވެ.

އެމީ އެވޯޑްސް ހޯދާފައިވާ އެކްޓްރެސް އެމިލިއާ އެންމެފަހުން ފެނިގެންދިޔައީ ސްޓާ ވޯޒްގެ ފިލްމު "ސޯލޯ: އަ ސްޓާ ވޯޒް ސްޓޯރީ" އިންނެވެ. އޭނާ ވަނީ 2016 ވަނަ އަހަރު ލޯބީގެ ފިލްމެއް ކަމުގައިވާ "މީ ބިފޯ ޔޫ" ކުޅެފަ އެވެ. އަންނަ އަަހަރު ދައްކަން ފަށާނެ "ގޭމް އޮފް ތުރޯންސް" ގެ އެންމެފަހު ސީޒަންގެ ޝޫޓިންވެސް މިހާރު އޭނާ ވަނީ ނިންމާލާފަ އެވެ.