ސާފް ސުޒުކީ ކަޕް

ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް 35،000 ރުފިޔާ

ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ގައުމީ ޓީމަށް އިނާމެއްގެ ގޮތުގައި ކޮންމެ ކުޅުންތެރިޔަކަށް 35،000 ރުފިޔާ ދޭން ސަރުކާރުން ނިންމައިފި އެވެ.

ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް 35،000 ރުފިޔާ ދެނީ، 2015 ވަނަ އަހަރު އޯގަސްޓް މަހު ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ. ރީޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފަހު، ސަރުކާރުން ވަނީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުން މެޑަލް ގެންނަ އެތުލީޓުންނާއި ގައުމީ ޓީމުތަކަށް ފައިސާގެ އިނާމު ދިނުމުގެ އުސޫލު ކަނޑައަޅާފަ އެވެ.

ޓީމު އިވެންޓްގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން މެޑަލް ހޯދާ ޓީމުތަކާއި އިންޑިވިޖުއަލް އިވެންޓްތަކުގައި ވާދަކޮށް މެޑަލް ހޯދާ އެތުލީޓުންނަށް އިނާމު ފައިސާ ދެނީ ސަރުކާރުން ކަނޑައަޅާފައިވާ މި އުސޫލުގެ ދަށުންނެވެ.

މެޑަލް ހޯދާ ޓީމުތަކަށް ފައިސާގެ އިނާމު ދޭނެގޮތް

  • ރަން މެޑަލް ހޯދާ ޓީމުތަކުގެ ކޮންމެ ކުޅުންތެރިއަކަށް 35،000 ރުފިޔާ
  • ރިހި މެޑަލް ހޯދާ ޓީމުތަކުގެ ކޮންމެ ކުޅުންތެރިއަކަށް 25،000 ރުފިޔާ
  • ލޯ މެޑަލް ހޯދާ ޓީމުތަކުގެ ކޮންމެ ކުޅުންތެރިއަކަށް 15،000

މެޑަލް ހޯދާ ވަކިވަކި އެތުލީޓުންނަށް ފައިސާ ދޭނެގޮތް

  • ރަން މެޑަލް ހޯދާ ކުޅުންތެރިންނަށް 250،000 ރުފިޔާ
  • ރިހި މެޑަލް ހޯދާ ކުޅުންތެރިންނަށް 100،000 ރުފިޔާ
  • ލޯ މެޑަލް ހޯދި ކުޅުންތެރިންނަށް 20،000 ރުފިޔާ

ސާފް ސުޒުކީ ކަޕުގެ ތައްޓާއެކު، ގައުމީ ޓީމު ރާއްޖެ އައިސްފައިވަނީ އިއްޔެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުހަބާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އެވެ. ސިނަމާލެ ބްރިޖު ހުރަސްކޮށް ޓީމު މާލެ އައިރު، ސަޕޯޓަރުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ސާފް ޗެމްޕިއަންޝިޕް، ރާއްޖެއިން ކާމިޔާބު ކުރީ، މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ފައިނަލު މެޗުގައި އިންޑިއާގެ މައްޗަށް 2-1 ކާމިޔާބު ހޯދައިގެންނެވެ. ރާއްޖޭގެ ލަނޑުތައް ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' އާއި އަލީ ފާސިރު 'ސެންޓޭ' އެވެ.