ހދ. ކުޅުދުއްފުށީގައި ސަރުކާރުން އެޅި އެއާޕޯޓަށް ޓެސްޓް ފްލައިޓް މިއަދު ޖައްސައިފި އެވެ. ޓެސްޓް ފްލައިޓްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް ކުޅުދުއްފުއްޓަށް ވަޑައިގެންނެވި އެވެ.
ކުޅުދުއްފުށީގެ ކުޅީގެ 30 ޕަސެންޓް ހިއްކައިގެން އަޅާފައިވާ އެއާޕޯޓްގެ ރަންވޭ ނިންމާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ރަންވޭ ނިންމާފައިވީ ނަމަވެސް އެއާޕޯޓްގެ އެހެން މަސައްކަތްތައް އަދި ނުނިމެ އެވެ. ޓާމިނަލް އެޅުންފަދަ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށް އެއާޕޯޓްގެ މަސައްކަތް ކުރާ އެމްޓީސީސީއިން ބުނެފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ވައުދެއް ކަމަށްވާ ކުޅުދުއްފުށީ އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެއާޕޯޓް ފުރަތަމަ ދެ އަހަރުގެ ތެރޭގައި އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގަތް އެއާޕޯޓްގެ މަސައްކަތް ލަސްވުން ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ފަހުން ކުޅީގެ ބައެއް ހިއްކާތީ ތިމާވެއްޓަށް މަސައްކަތް ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވެ އެވެ.
ސަރުކާރުން އެމްޓީސީސީއާ ކުޅުދުއްފުށީ އެއާޕޯޓްގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 53.4 މިލިއަން ރުފިޔާ އަށެވެ. މީގެ އިތުރުން ރަންވޭ އެޅުނަށް އެމްޓީސީސީއާ ހަވާލު ކުރީ 50.9 މިލިއަން ރުފިޔާއަށެވެ.
ނުވަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީގެ އެއާޕޯޓަކީ އެ ރަށުގެ ގިނަ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ. ރަށަށް މިއަދު ފުރަތަމަ ފްލައިޓް ޖެއްސި ވަގުތު ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދަށް ގޮސް ތިއްބެވެ. އަދި ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ.
ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް ސަރުކާރުން އަޅާފައިވާއިރު އެ އަތޮޅު ހަނިމާދޫގައި އިންޓަނޭޝަނަލެއް އެއާޕޯޓެއް އޮވެ އެވެ. ނަމަވެސް އަތޮޅުގެ ގިނަ ރަށްރަށުގެ ރައްޔިތުން ވެސް ބޭނުން ވަނީ ކުޅުދުއްފުށީގައި އެއާޕޯޓެއް އޮތުމެވެ. ކުޅުދުއްފުއްޓަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށާއި ވިޔަފާރިކުރުމަށް ވަރަށް ގިނައިން ގޮސް އުޅޭ ރަށެކެވެ.
ސަރުކާރުން ގެންދަނީ ށ. ފުނަދޫގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި ވަރަށް އަވަހަށް އެ އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ވެސް ނިމޭނެ އެވެ. ސަރުކާރުން ވަނީ ހއ. ހޯރަފުށީ ކައިރީގައި ވެސް އެއާޕޯޓެއް އެޅުމަށް ނިންމާފަ އެވެ.