ހަބަރު

ޗާޓަރު ފްލައިޓްތަކަށް ކުޅުދުއްފުށި ތައްޔާރު!

ހދ. ކުޅުދުއްފުށީގައި ސަރުކާރުން އެޅި އެއާޕޯޓަށް ޗާޓަރު ފްލައިޓްތައް މިހާރުން ފެށިގެން ޖެއްސޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓެސްޓް ފްލައިޓް ޖެއްސިފައިވާތީ މާދަމާއިން ފެށިގެން ޗާޓަރު ފްލައިޓްތަކަށް އެ ރަންވޭގައި ޖެއްސޭނެ ކަމަށެވެ. ޝެޑިއުލް ފްލައިޓްތައް ޖެއްސޭނެ އިރެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ނިމިފައިވީ ނަމަވެސް ޓާމިނަލާއި ޓަވަރުގެ މަސައްކަތް އަދި ނުނިމެ އެވެ. އެ ސަރަހައްދުގައި އެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މިހާތަނަށް ބޮޑު ބައި ވަނީ ނުނިމި އެވެ.

ރިޔާސީ އިންތިހާބަށް ކުޅުދުއްފުއްޓަށް ޗާޓަރު ފްލައިޓްތަކެއް ބޭއްވުމަށް ޕީޕީއެމްއިން ނިންމާފައިވެ އެވެ. އެގޮތުން 22 ވަނަ ދުވަހާއި 23 ވަނަ ދުވަހު ފްލައިޓްތައް އޮންނާނެ ކަމަށްވެ އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން ވަރަށް އަވަހަށް ކުޅުދުއްފުއްޓަށް ވަޑައިގެން އެ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވާނެ ކަމަށެވެ. ކުރިއަށް އޮތް ދެ ދުވަސްގެ ތެރޭގައި ވެސް އެ ރަސްމިއްޔާތު ހަމަޖެހިގެން ގޮސްދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ މަޝްވަރާތައް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ނޭޅޭނެ ކަމަށާއި ތަފާތު ގޮންޖެހުންތައް އިދިކޮޅު ފަރާތްތަކުން ކުރިމަތި ކުރަމުން ދިޔަ ނަމަވެސް އެއާޕޯޓް ރައީސް ޔާމީން ހަގީގަތަކަށް ހައްދަވައިދެއްވައިފި ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

އީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ވައުދެއް ކަމަށްވާ ކުޅުދުއްފުށީ އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެއާޕޯޓް ފުރަތަމަ ދެ އަހަރުގެ ތެރޭގައި އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގަތް އެއާޕޯޓްގެ މަސައްކަތް ލަސްވުން ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ފަހުން ކުޅީގެ ބައެއް ހިއްކާތީ ތިމާވެއްޓަށް މަސައްކަތް ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވެ އެވެ.

ސަރުކާރުން އެމްޓީސީސީއާ ކުޅުދުއްފުށީ އެއާޕޯޓްގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 53.4 މިލިއަން ރުފިޔާ އަށެވެ. މީގެ އިތުރުން ރަންވޭ އެޅުނަށް އެމްޓީސީސީއާ ހަވާލު ކުރީ 50.9 މިލިއަން ރުފިޔާއަށެވެ.

ނުވަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީގެ އެއާޕޯޓަކީ އެ ރަށުގެ ގިނަ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ. ރަށަށް މިއަދު ފުރަތަމަ ފްލައިޓް ޖެއްސި ވަގުތު ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދަށް ގޮސް ތިއްބެވެ. އަދި ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ.

ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް ސަރުކާރުން އަޅާފައިވާއިރު އެ އަތޮޅު ހަނިމާދޫގައި އިންޓަނޭޝަނަލެއް އެއާޕޯޓެއް އޮވެ އެވެ. ނަމަވެސް އަތޮޅުގެ ގިނަ ރަށްރަށުގެ ރައްޔިތުން ވެސް ބޭނުން ވަނީ ކުޅުދުއްފުށީގައި އެއާޕޯޓެއް އޮތުމެވެ. ކުޅުދުއްފުއްޓަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށާއި ވިޔަފާރިކުރުމަށް ވަރަށް ގިނައިން ގޮސް އުޅޭ ރަށެކެވެ.

ސަރުކާރުން ގެންދަނީ ށ. ފުނަދޫގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި ވަރަށް އަވަހަށް އެ އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ވެސް ނިމޭނެ އެވެ. ސަރުކާރުން ވަނީ ހއ. ހޯރަފުށީ ކައިރީގައި ވެސް އެއާޕޯޓެއް އެޅުމަށް ނިންމާފަ އެވެ.