ހަބަރު

ޕީޕީއެމްގެ މެނިފެސްޓޯ: ގްރޭޓާ މާލެ ހިމެނޭ ގޮތަށް ދެ އާބަން ސެންޓަރު ތަރައްގީކުރާނެ

Sep 19, 2018
7

ގްރޭޓާ މާލެ، ހިމެނޭ ގޮތަށް ރާއްޖެ ދެ ސަރަހައްދަކަށް ބަހައި ހާއްސަ ފެސިލިޓީތަކާއެކު އާބަން ސެންޓަރުތަކެއް ތަރައްގީ ކުރަން ޕީޕީއެމް މެނިފެސްޓޯގައި ހިމަނައިފި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން ރޭ ނެރުނު "ޕީޕީއެމް މެނިފެސްޓޯ 2018" ގައި ވާ ގޮތުން ގްރޭޓާ މާލެ ޒޯން (ޖީއެމްޒެޑް) ގެ އިތުރުން ހއ، ހދ. ހިމެނޭ ގޮތަށް ނޮދަން ޑިވްލޮޕްމަންޓް ޒޯން (އެންޑީޒެޑް) އަދި ގދ. ގދ. ގެ އިތުރުން އައްޑޫ ސިޓީ ހިމެނޭ ގޮތަށް ސަދަން ޑިވްލޮޕްމަންޓް ޒޯން (އެސްޑީޒެޑް) ތަރައްގީ ކުރާނެ އެވެ.

މެނިފެސްޓޯގައި ގޮތުގައިވާ ގޮތުން މި ސަރަހައްދުތަކުގައި ގިނަ ވަސީލަތްތަކެއް ގާއިމްކުރާނެ އެވެ. މިގޮތުން އިންޓަނޭޝަަލް އެއާޕޯޓާއި ސީޕްލޭން ހަބް ހިމެނޭ ގޮތަށް 10،000 އެނދު ތަރައްގީ ކުރާނެ އެވެ. އަދި މި ސަރަހައްދުގައި ހިމެނޭ ބައެއް މުހިންމު ރަށްތައް ގުޅާލާނެ އެވެ. މީގެ އިތުރުން މި ސަރަހައްދުތަކުގައި މެރިން ޓްރާންސްޕޯޓް ހަބްތައް ގާއިމްކޮށް އިންޑަސްޓްރިއަލް ޒޯން ތަކާއި އާ ސިނާއަތްތައް ގާއިމް ކުރާނެ އެވެ.

މީގެ އިތުރުން މި ސަރަހައްދުތަކުގައި ގާއިމްކުރާނެ ވަސީލަތްތަކުގެ ތެރެއިން ސިޓީތަކަށް އަންނާނެ ހިދުމަތްތަކުގެ ތެރޭގައި:

  • އެންމެ މަދުވެގެން 500 ހައުސިން ޔުނިޓް
  • ސިޓީ ހޮސްޕިޓަލްތައް
  • ސްޓޭޑިއަމްތައް
  • ސުވިމިން ޕޫލްތައް
  • ބޭންކިން ފެސިލިޓީތައް
  • ކުނި ނައްތާލުމުގެ ނިޒާމު
  • ކޮމިއުނިޓީ ސެންޓަރުތައް

ޕީޕީއެމް މެނިފެސްޓޯގައިވާ ގޮތުން މި ސަރަހައްދުތަކުގެ ރަށްތަކުގައި ގާއިމްކުރެވޭނެ ވަސީލަތްތަކުގެ ތެރޭގައި:

  • 30 މިނެޓުން ދެވޭ ކޮންމެ ރަށެއްގެ ކައިރީ އެއާޕޯޓެއް
  • ސުވިމިން އޭރިއާ
  • ކުޑަކުދިންގެ ޕާކުތައް
  • އައުޓް ޑޯ ކިމްތައް
  • ކޮމިއުނިޓީ ސެންޓަރުތައް

މެނިފެސްޓޯގައިވާ ގޮތުން ރައީސް ޔާމީންގެ ސަރުކާރުގެ ދެވަނަ ދައުރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކާޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށް، ސީޕްލޭން ހަބް ގާއިމްކުރާނެ އެވެ. އަދި ހުވަދު އަތޮޅު ދަތުރުފަތުރުގެ ނިޒާމުގެ ވިއުގައަކުން ގުޅާލާނެ އެވެ. އަދި ފެސްމާތޮޑާގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކުރާނެ އެވެ. އަދި ހުވަދު އަތޮޅުގައި ޓޫރިޒަމްގެ 10،000 އެނދު ތަރައްގީ ކުރާނެ އެވެ. އަދި އައްޑޫގައި މަސް ޕްރޮސެސިން ޕްލާންޓެއް ތަރައްގީކުރާނެ އެވެ. އަދި ސިޓީ ހޮޓަލާއި ރިޓެއިލް ސެންޓަރުތައް ތިނަދު އާއި ފުވައްމުލަކުގައި ގާއިމްކުރާނެ އެވެ.