ބޮލީވުޑް

ލަވްރާތުރީގެ މައްސަލައަށް ނިމުމެއްނައި

ސަލްމާން ޚާންގެ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމު "ލަވްރާތުރީ" ގެ ނަން "ލާވްޔަތުރީ" އަށް މިދިޔަ ހަފްތާފައި ތެރޭގައި ވަނީ ބަދަލުކޮށްފަ އެވެ. އެ ފިލްމުގެ ނަން ބަދަލުކުރިކަން ސަލްމާން ވަނީ ޓުވީޓެއް މެދުވެރިކޮށް ހާމަކޮށްފަ އެވެ. ނަން ބަދަލުކުރީ ފިލްމުގެ ނަމާއި ބެހޭގޮތުން މައްސަލަ ހޫނުވެ، އިންޑިއާގެ ހިންދޫ ޖަމާއަތުގެ ބަޔަކު އެ މައްސަލަ ކޯޓަށް ވައްދާފައި ވަނިކޮށެވެ.

އަބީރާޖް ކޭ މިނަވާލާ ޑައިރެކްޓުކޮށްފައިވާ އެ ފިލްމަށް ނަން ދީފައި ވަނީ ހިންދޫން ފާހަގަކުރަމުން އަންނަ ނުވަ ދުވަހުގެ ހާއްސަ ފެސްޓިވަލެއް ކަމުގައިވާ ނަވްރާތުރީއާއި ގުޅުވައިގެންނެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އެ ފެސްޓިވަލުގެ ތެރެއިން ދިމާވާ ދެ ޒުވާނުންނަށް ލޯބިވެވުމުން ހިނގާ ކަންތައްތަކެއް މައްޗަށެވެ.

ހިންދޫ ޖަމާއަތެއް ކަމުގައިވާ ވިޝްނޫ ހިންދޫ ޕްރަޝާދުން ބުނީ އެ ނަމުގެ ސަބަބުން އެމީހުންގެ އެހާ މާތް ފެސްޓިވަލެއްގެ ނަމަށް ހުތުރުވާކަމަށާއި އަދި އެ ނަން ބަދަލުނުކޮށްފިނަމަ ސަލްމާން އާއި ދެކޮޅަށް ދައުވާކުރާނެ ކަމަށެވެ. އަދި އެކަމާއި ދެކޮޅަށް މަގުތަކަށް ނިކުމެ މުޒާހަރާ ކުރާނެ ކަމުގެ އިންޒާރުވެސް ދީފައިވެ އެވެ.

އެ ފިލްމަކީ ސަލްމާންގެ ޅިޔަނު އަޔުޝް ޝަރްމާ ބޮލީވުޑަށް ތައާރަފުވާނެ ފިލްމެވެ. އަދި ފިލްމުގެ ލީޑު އެކްޓްރެސް ވަރީނާ ހުސެއިންވެސް ބޮލީވުޑަށް ތައާރަފުވާނެ ފިލްމެވެ.

ނަން ބަދަލުކުރުމުންވެސް މައްސަލަ ހައްލެއް ނުވި

ބަދަލުކޮށްފައިވާ ނަމާއި މެދުގައިވެސް ހިތްހަމަނުޖެހިގެން ކޯޓަށް މިހާރު ވަނީ އަނެއްކާވެސް މައްސަލަ ހުށަހަޅާފަ އެވެ. އަދި އެ ނަމުގެ ސަބަބުން ނަވްރާތުރީ ފެސްޓިވަލަށް ހުތުރުވާކަމަށް ވަނީ ބުނެފަ އެވެ. މައްސަލަ ބޮޑުވެ އިންޑިއާގެ ހައި ކޯޓުން މިހާރު ވަނީ މި މަހު 27 ގައި އެ މައްސަލާގެ އަޑުއެހުމެއް ބޭއްވުމަށް ނިންމާފަ އެވެ.

މި ފިލްމު ރިލީޒްކުރުމަށް ތާވަލުކޮށްފައި ނަވްރާތުރީ ފެސްޓިވަލު ފެށޭ، އަންނަ މަހު ފަހެއްގައި އެވެ.