ވިޔަފާރި

މަޝްހޫރު ބްރޭންޑްތަކާއެކު ވީއައިއޭ ވޯޓާ ފްރެންޗައިޒް ރެސްޓޯރެންޓް ހުޅުވައިފި

Sep 19, 2018

ކެއިން ބުއިމުގެ ގިނަ ތަންތަނާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހެދި ފްރެންޗައިޒް ރެސްޓޯރެންޓެއް މިއަދު ހުޅުވައިފި އެވެ.

ވީއައިއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރެސްޓޯރެންޓް ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މުޅި ރާއްޖެ ތަރައްގީ ވެގެންދާތަން ފެންނަމުންދާ ކަމަށެވެ.

ބޮޑު މިނުގައި ގާތްގަނޑަކަށް 14،000 އަކަފޫޓު ހުންނަ މި އިމާރާތުގެ ސްޓީލް އޮނިގަނޑު ރާވައި ވަނީ ނިމިފަ އެވެ. މި ތަން ހަދަނީ އެއާޕޯޓަށް އަންނަ މީހުން އަރާ ޖެޓީ ސަރަހައްދުގަ އެވެ. މި ތަނުގައި "ކޮފީ ޝޮޕް" ހިންގަން 231 އަކަ މީޓަރުގެ ސަރަހައްދެއް ހުންނާނެ އެވެ. އަދި "ޑޯނަޓް" ވިއްކަން ހާއްސަކޮށްގެން 80 އަކަމީޓަރުގެ ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، "ކެޝުއަލް ޑައިނިން" އަށް 302 އަކަމީޓަރު ހުންނާނެ އެވެ. އަދި "ފާސްޓް ފުޑް ކޮންސެޕްޓް" ރެސްޓޯރަންޓަކަށް 171 އަކަމީޓަރު ހާއްސަކޮށްފައިވެ އެވެ. މީގެ އިތުރުން ޕިއްޒާ ލިބޭ ސަރަހައްދުގެ ގޮތުގައި 99 އަކަމީޓަރުގެ ސަރަހައްދަކާއި އައިސްކްރިމީގެ މީރު ރަހަތަކަށް 14 އަކަމީޓަރުގެ ސަރަހައްދެއް ހުންނާނެ އެވެ.

މި ތަން ހުޅުވާފައިވަނީ ގާތްގަނޑަކަށް 200 މީހުންގެ ޖާގަ ހިމެނޭ ގޮތަށެވެ. މި ތަނުގެ ރެސްޓޯރެންޓްތައް ހިންގަނީ ދުނިޔޭގެ 150 ގައުމުގައި ބްރޭންޑްތައް ހިންގާ އެޗްއެމްއެސް ހޮސްޓް ކުންފުނިންނެވެ. މިތަނުގައި ހުރި ބްރޭންޑްތަކުގެ ތެރޭގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް އަދި އިނގިރޭސި ވިލާތުގެ މަޝްހޫރު "ކޮސްޓާ ކޮފީ" އާއި އަދި ހާވެސްޓް މާކެޓް ވެސް ހުންނާނެ އެވެ.