ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ގިނަ މަސައްކަތް އަންނަ އަަހަރު ނިމޭއިރު، އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލް އެއްކޮށް ނިމޭނީ 2022 ގައި ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އެއާޕޯޓުގައި ކުރިއަށްދާ ބިޔަ މަޝްހޫރުގެ މަސައްކަތް ހިންގާ ގޮތް އެ ކުންފުނިން މިއަދު ވަނީ ދައްކާލާފަ އެވެ. ފިއުލް ފާމް އާއި ކާގޯ ޓާމިނަލް އަދި އަލަށް ހަދާ އޭޕްރަން އާއި ސީޕްލޭން ޓާމިނަލް ބިލްޑިންގް ހިމެނެ އެވެ.
ވީއައިއޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އެއާޕޯޓުގައި ހަދަމުންދާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ނިމޭނީ 2022 ގައި ކަމަށެވެ. ނަމަވެސް ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެފައިވަނީ އާ ޓާމިނަލްގެ ނިންމައި އަންނަ އަހަރު ބޭނުން ކުރަން ފަށާނެ ކަމަށެވެ.
ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދެއްވަމުން އެކްޓިން އެމްޑީ ސޯލިހު މިއަދު ވިދާޅުވީ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ލަސްވެގެން ގޮސްފައިވަނީ ހަތަރު ޕާޓިންއިން ފައިނޭންސް ހޯދައިގެން ކުރިއަށްދާ މަޝްރޫއަކަށްވާތީ ކަމަށެވެ.
"ގިނަ މަޝްރޫއުތައް އަންނަ އަހަރުގެ ޖޫން، ޖުލައި ހިސާބު ނިމިގެން ދާނެ. ހަމައެކަނި ލަސްވެގެންދާނީ ޕެސެންޖަރު ޓާމިނަލް. ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް 2022 އާ ހަމައަށް ދެމިގެން ދޭ. އެންމެ ބޮޑު ލަސްވެގެން މިދިޔައީ ހަތަރު ޕާޓީގެ މެދުގައި ކުރިއަށްދާތީ،" ސޯލިހު ވިދާޅުވި އެވެ.
"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސޯލިހު ވިދާޅުވީ މިހާރު ފައިނޭންސް ލިބިފައިވާ ވަރުން މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށެވެ.
"ޕްރޮޖެކްޓުތަކުގެ ފައިސާ ހުންނަނީ މަޝްރޫއު ކުރިއަށްދާ ވަރަށް ލިބޭ ގޮތަށް. އެގޮތަށް ދާނެ. މަޝްރޫއުގެ އަގަކަށް ބަދަލެއް ނާދެ،" ސޯލިހު ވިދާޅުވި އެވެ.
ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދީން ގްރޫޕުންނެވެ. އެ ކުންފުންޏާ މި މަޝްހޫރު ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށެވެ. މި މަޝްހޫރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ ފަހުކޮޅު އެވެ.
ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ޓާމިނަލްގެ އިތުރުން އާ ރަންވޭގެ އާއި ސީޕްލޭން ޓާމިނަލް އަދި ކާގޯ ޓާމިނަލްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.