ރިޕޯޓް

ކުޅުދުއްފުށީ ރައްޔިތުންނަށް ލިބުނު އުފާ ބުނެދޭން ވެސް ނޭނގެ

ކުރިން އެއީ ބޮޑު ކުޅިއެއް އޮތް ސަރަހައްދެކެވެ. އެކި ކަހަލަ ދޫނިތައް ޖައްސަމުންދިޔަ އެ ކުޅިއަށް މިއަދު ތިރިކުރީ މަތިންދާބޯޓެކެވެ. ހދ. ކުޅުދުއްފުށީގެ ބޮޑު ކުޅީގެ 30 ޕަސެންޓް ހިއްކައިގެން ހެދި އެއާޕޯޓްގެ ރަންވޭއަށް މިއަދު ވަނީ ޓެސްޓް ފްލައިޓް ޖައްސާފަ އެވެ. އެ މަންޒަރު ކުޅުދުއްފުށީ ރައްޔިތުން ބަލަން ތިބީ އުފަލުގެ ކަރުނަޔާއެކު އެވެ.

ކުޅުދުއްފުއްޓަށް މިފަހުން ލިބިގެން ދިޔަ އެންމެ ބޮޑު ތަރައްގީ އަދި އުފާވެރިކަމަކީ ރަށުގައި އެއާޕޯޓެއް އެޅި އޭގެ ބޭނުން ކުރަން ފެށުމެވެ. އެ މަންޒަރު ބަލަން ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ނުކުމެ ތިއްބެވެ. އެންމެ އަވިގަދަ ގަޑީގައި ވެސް އެ މަންޒަރު ދެކިފައިނޫނީ ނުދާން އެތައް ބަޔަކު ތިއްބެވެ.

ބޯޓަށް މަރުހަބާ ކީ ވެސް ސަގާފަތަށް ލޯބިކުރާ ރައްޔިތަކު އުޅޭ ކުޅުދުއްފުށިން ވަރަށް ސަގާފީކޮށެވެ. އެގޮތުން ބޯޓުގައި ރަށަށް ވަޑައިގެންނެވި އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވީ ރަސްކަލެއްގެ ފަދައިންނެވެ. ކުޅުދުއްފުށީން އަބަދުވެސް މަރުހަބާ ދަންނަވާ، ހިއްޗަށް ދިޔުމާއެކު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް މަރުހަބާ ދެންނެވި އެވެ. އެއަށްފަހު، ޒުވާނުން އަންހުންގެ ފަރި ހަރަކާތްތަކެއް ދައްކާލި އެވެ.

"އުފަލުން ފޮޅިފަ މި ހުރީ، ދުވަހަކު ވެސް އުއްމީދު ކުރި ކަމެއް ނޫން މިއަދު ފެނިގެން ދިޔައީ، ހަމަ އައްސަރި ބަހާއި ސާބަސް،" ހެވިފައިހުރި ހައްވާ އަލީ ބުންޏެވެ.

ކުޅުދުއްފުށީ މިސުރުގަދަކޯޅި، ހަސަން އަލީ ވެސް ހުރީ ހަމަ އެހާ އުފަލުންނެވެ. އޭނާއަށް ކުރެވޭ އިހުސާސްތައް ބުނެދޭން ވެސް ނޭނގުނެވެ. "ވަރަށް އުވާފެރި، ބުނެދޭން ވެސް ނޭނގޭ،"

ހަސަން އަލީ ބުނި ގޮތުގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުން ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ އެވެ. ސަރަހައްދީ ހޮސްޕިޓަލެއް ކުޅުދުއްފުށީގައި ހުންނައިރު ބަލި މީހުން މާލެ ގެންދިޔުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ބުންޏެވެ. އެކަން ތަޖުރިބާ ކޮށްފައި ހުރި، ކުޅުދުއްފުށީ އަބުހަރީ ހައްވާ އަލީ ވެސް ހަސަންއާ އެއް ބަހެވެ.

ހައްވާ ބުނީ ބަލި މީހަކު ގޮވައިގެން މާލެ ދިޔުމަށް ހަނިމާދޫއަށް ގޮސް އުޅެން ޖެހުނު ހާލަކީ ވަރަށް ދެރަ ހާލެއް ކަމަށާއި މިހާރު ސީދާ ކުޅުދުއްފުށިން ފުރޭ ގޮތްވުމަކީ ވަރަށް ލުޔަކަށް ވާނެ ކަމަށެވެ.

"މިއީ ދުވަހަކު ވެސް ލޮލަށް ފެންނާނެ ކަމެއް ކަމަށް އުއްމީދެއް ނުކުރަން، އެހެން ކަހަލަ ގޮތެއް ހަށިގަނޑަށް ވެސް ވެގެން ދިޔައީ ބޯޓު ޖެއްސި ގަޑީގައި، އެއާޕޯޓް ހަދަން ފެށީސުންރެ ކޮންމެ ދުވަހަކު މިތަނަށް އެރިން، މިހާރު ބޯޓު ޖައްސާތަން ފެނުމުން ވަރަށް އުފާވި،" ހިތިފަރު، މުހައްމަދު ހަސަން ބުންޏެވެ.

މަލަކާ، ހަދީޖާ އަލީ ބުނީ، ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަކީ ނުވާނެ ކަމެއް ކަމަށް އޭރު މީހުން ދެއްކި ވާހަކަތަކުން ހިތަށް އެރި ކަމަށެވެ. ކުޅީގައި އެއާޕޯޓް އެޅުމުން ދާނީ އަޑަށޭ ނޫނީ ގަނބައިގަންނާނޭ ކިޔަމުން ދިޔަ ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެއްޖެނަމަ އެކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށް އޭނާ ބުންޏެވެ.

"ނުވާނެ ކަމަކަށް ހީކޮށްގެން ހުރި ކަމެއް ވެގެން މިދިޔައީ، އެހެންވީމަ މިއަދު ކުރެވޭ އިހުސާސްތައް އަހަރެމެން ކައިރީގަ އަހާނެއް ކަމެއް ވެސް ނެތް، ހިތް އެދިއެދި ތިބި ކަމެއް ވެގެން މިދިޔައީ، ވަރަށް އުފާވެރި،" ރޯމާ، ދާއޫދު އަލީ ބުންޏެވެ.

ކުޅުދުއްފުށީ ބަހާދަރު ބޯޓުގެ ވެރިޔާ، މުހައްމަދު ޒުހައިރު ބުނީ އެއާޕޯޓަކީ އަދަދު ނުކުރެވޭވަރުގެ ބޮޑު ކުރިއެރުމެއް ކަމަށެވެ. މީހުން ރަށަށް އައިސް ގޮސްވާ މިންވަރަކުން ރަށް ކުރިއަރައި ތަރައްގީވެގެން ދާނެ ކަމަށެވެ. އެއާޕޯޓްގެ ސަބަބުން އެކަން ހާސިލްވެގެން ދާނެ ކަމަށެވެ.

ގިނަ ވިޔާފަރިތަކެއް ހިންގާ މުހައްމަދު ބުނި ގޮތުގައި މިހާރު ކުޅުދުއްފުއްޓާއި ސަރަހައްދުގެ ގިނަ ބަޔަކު ބަހާދަރު ބޯޓުގައި ދަތުރު ކުރި ނަމަވެސް އެއާޕޯޓާއެކު އޭނާއަށް ގެއްލުމެއް ނުވާނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި ޒަމާނާއެކު ތަރައްގީވާން ޖެހޭނެ ކަމަށެވެ. ބަދަލުވާ ގޮތްތާއެކު މީހުންނާއި ވިޔަފާރިތައް ވެސް ބަދަލުވާނެ ކަމަށެވެ. ޝެޑިއުލްކޮށް މުދާ އުފުލާ ބޯޓެއްގެ ގޮތުގައި ބަހާދަރު ބޭއްވިޔަސް ގެއްލުން ނުވާކަން އޭނާ ފާހަގަކުރި އެވެ.

ކޮންމެއަކަސް ކުޅުދުއްފުއްޓަށް މިއަދު ލިބިގެން ދިޔައީ މިއިން ޒަމާނަކު ލިބިގެން ނުދާވަރުގެ ބޮޑު އުފާވެރިކަމެކެވެ. އެ އުފާވެރިކަން އިންތިހާއަށް އިތުރުވެގެން ދާނީ އެއާޕޯޓް ރަސްމީކޮށް ހުޅުވިއިރު އެއާޕޯޓްގެ އަސްލު ފައިދާ ރައްޔިތުންނަށް ވާން ފެށުމުންނެވެ.