ރިޕޯޓް

ކުޅި ރަންވޭއަކަށް، ދޫނިތައް ފްލައިޓްތަކަށް!

ހދ. ކުޅުދުއްފުށި: ނާޒިމް ހަސަން
Apr 12, 2018
8

ސަރާސަރު ބޮޑު ކުޅިއެކެވެ. ވަށައިގެން ގަސް ގަހާ ގެހީގެ ފެހި ކަމެވެ. ދޫނި ސޫފާސޫފީގެ ގޮވުންތަކާއި މަސް މަހާމެހީގެ ހިތްގައިމު ކަމެވެ؛ އެކަމަކު އެއީ މީގެ ދެތިން މަސް ކުރިން، އުތުރުގެ އެންމެ އާބާދީ ބޮޑު، މިރަށް، ކުޅުދުއްފުށީގެ އެންމެ އުތުރު ކޮޅުން ފެންނަން އޮތް މަންޒަރާއި އިވުނު އަޑުތަކެވެ އޭރު އެތަނުގެ މާހައުލު އޮތް ގޮތެވެ. ތަފާތު އެތައް ސިފަތަކެއް ލިބިފައިވާ ބޮޑު މަށި ކުޅިއެއް އޭރު އެތާ އޮތެވެ. އެކަމަކު މިހާރު މަންޒަރު އެއްކޮށް ބަދަލުކޮށްލައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު މި ރަށަށް އައިއިރު އޮތީ ބޮޑު ބަހުސެކެވެ. އޭރުގެ ބަހުސަކަށްވީ ކުޅިތޯ ނޫނީ އެއާޕޯޓްތޯ އެވެ؟ އެ ބަހުސްގެ ތެރެއަށް ވަދެ މިރަށުގެ މީހުނާ ވާހަކަ ދައްކައި އެ ދަތުރު ނިންމާލާފައި ދިޔައިރު މިރަށު މީހުން ބޭނުންވާ ގޮތާއި އެމީހުންގެ އުއްމީދު ވަރަށް ބޮޑަށް އޮޅުންފިލި އެވެ. އެމީހުންގެ ގިނަ މީހުން ކުޅިއެއް ބޭނުމެއް ނުވެ އެވެ. ގިނަ މީހުން ބޭނުން ވަނީ އެއާޕޯޓްކަން އޭރު އެނގުނެވެ.

މި ކުޅުދުއްފުށީ އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. ދެ އަހަރު ތެރޭގައި ހުޅުވާނެ ކަމަށް ވައުދުވެވަޑައިގަތެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެކަން ނުވެ މި ރަށު މީހުން މާޔޫސްވެފައި ތިއްބައި ރައީސް ޔާމީން، މި ރަށަށް ވަޑައިގެން އެ ބޮޑު ކުޅި ހިއްކުމުގެ މަސައްކަތް ފެއްޓެވި އެވެ. ކުޅި ހިއްކިއިރު އެކަމާ ރަށުގެ ބައެއް ޒުވާނުންނާއި ރޯނު ވަށާ ބައެއް އަންހެނުން ދެކޮޅު ހަދަމުން ދިޔައެއް ކަމަކު މެޖޯރިޓީގެ އަންބާއަކަށްވީ އެއާޕޯޓްގެ މާ މުހިންމުކަމަށް ކީ ލަވައާއި އަންބާ އެވެ.

މިއަދު ވެސް މި އާދެވުނީ ހަމަ އެ ކުޅި އޮތް ސަރަހައްދަށެވެ. އޭރުގެ ފެހި މާހައުލަށެވެ. އެކަމަކު މިހާރު އެއީ ވެލީގެ "ފަރުބަދަ"ތަކާއެކު އޮތް ހުސް ބޮޑު ބިމެކެވެ. އެކި ސަރަހައްދުތަކުގެ މީހުނާއި ވެހިކަލްތައް ކޮޅުކޮޅަށް ދުއްވާ ތަން ފެނެ އެވެ. އެ ވެލި ފަރުބަދައިގެ އެންމެ އުހަށް އަރައި ކޮޅުކޮޅު ބަލައިލުމުން ފެންނަނީ އެންމެ މަންޒަރެކެވެ. ކުޅުދުއްފުށީ މީހުންގެ ބޮޑު ހުވަފެނުގައި ފުރަތަމަ ކުލަ ޖެހިގެން ހިނގައިދާނެ ކަމުގެ އުންމީދުގެ މަންޒަރެވެ.

ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓް އަޅަން ކުޅީގެ ބަޔަކާއި މޫދުން ވަނީ ބައެއް ހިއްކައި ރަށުގެ ބިން ބޮޑުކޮށްފަ އެވެ. އެ މަސައްކަތް އެމްޓީސީސީގެ މަހާ ޖައްރާފުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ވަނީ ހަލުވިކަމާއެކު ނިންމާލާފަ އެވެ. މޫދުން ހިއްކާފައިވާ ސަރަހައްދުގައި މިހާރު މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ. އެ މަސައްކަތް ވެސް ކުރަނީ ސަރުކާރާއި ރައްޔިތުންގެ ދުވަސްވީ އެމްޓީސީސީނެވެ. ރަންވޭ އެޅުމަށް ބިންގަނޑު ހެޔޮވަރު ކުރުމުގެ މަސައްކަތް އެ ސަރަހައްދުގައި ބާރު ސްޕީޑްގައި އެ ކުންފުނިން ދަނީ ކުރަމުންނެވެ. -- އަންނަ އޮގަސްޓް މަހަށް މި ރަށުގެ އެއާޕޯޓް ނިންމައި ފްލައިޓް ޖެއްސޭ ވަރު ކުރަން އޮތީ އަޒުމު ކަނޑައަޅާފަ އެވެ.

މޫދުން ބައެއް ހިއްކާފައި އޮތުމުން މި ރަށުގެ ބިން އިތުރަށް ބޮޑުވެފައިވާއިރު ކުޅުދުއްފުށީ ކުޅި އަދިވެސް އެއްކޮށް ނެތިގެނެއް ނުދެ އެވެ. މިހާރު އޮތް ގޮތުންނަމަ ރަންވޭގެ ދެ ފަރާތަށް ވާ ގޮތަށް ކުޅީގެ ރީތިކަން އޮންނާނެ އެވެ. ކުޅީގެ އެންމެ އުތުރަށް އޮތް ބަޔާއި ރަށުގެ ތެރެއަށް އޮތް ބައި ހިއްކާފައެއް ނުވެ އެވެ. ހިއްކާފައި އޮތީ ކުޅީގެ މެދެވެ. އެއީ ބޮޑު ސަރަހައްދެކެވެ.

މި ކުޅުދުއްފުށީ މީހުންގެ ހުވަފެނުގައި ކުލަ ޖެހޭ މަންޒަރާއެކު ހިތްގައިމު މާހައުލަކުން ބައެއް ނެތިގެން ގޮސް، ތިމާވެށީގެ ބޮޑު ހަލާކެއްގެ މަންޒަރު ވެސް ހަމަ ފެނުނީ އެ ތަނުންނެވެ. އެތާ އޮތް އެތައް ވައްތަރެއްގެ ކަނޑޫފާ ގަސްތަކާއި ރުއްތައް މިހާރު ވަނީ ހިކި ހޯއްޔާއި ގަސްގަނޑުތަކަށްވެފަ އެވެ. އެ ތަކެތި އަންދައި ވަޅުލާ ތަން ފެނެ އެވެ. އެ ފެހިކަން އެ ވަނީ އެއާޕޯޓެއް ފަދަ ތަރައްގީއަށް ބިމު އަޑީ ވަޅުލާފަ އެވެ.

މީގެ ދެ ތިން މަސް ކުރިން އަހަރެން ކުރި ދަތުރުގައި ކެނޯ ދުއްވާލި ހިސާބަށް މިއަދު ދިޔައީ ފައި މަގުގަ އެވެ. އެ ދަތުރުގެ ތެރޭ ކެނޯގައި ދަތުރުކުރިއިރު ކުރެވުނީ ހިތްފަސޭހަ ކަމުގެ އިހުސާހެވެ. ބޯމަތިން ދޫނިތައް އުދުހެމުން ދިޔަ އެވެ. މިއަދު ވެސް ހަމަ އެ ދޫނިތައް ބޯމަތިން އުދުހުނެވެ. މިއަދު ނެތީ އެ ފެހި މާހައުލެވެ. އެ ދޫނިތައް އުދުހި ވަށާލައި މަޑުކޮށްލަނީ ކުޅި ހިއްކަން އަޅާފައިވާ ވެލިގަނޑުގަ އެވެ. ވެލިގަނޑުގައި ދޫނި ބައިގަނޑު ތިރިކޮށްގެން ތިބެ އެ ވެރިންގެ ގެދޮރު ހޯދާން އުޅޭ ކަހަލަ އެވެ. -- ކުޅީގެ ބައެއް އެތާ އޮތުމުން އަދިވެސް ދިރުމާއި އުންމީދު ނެތިގެނެއް ނުދެއެވެ.

މިރަށުގެ ފެހި މާހައުލުގެ ބޮޑު ބައެއް ސުންނާފަތިވެފައިވީ ނަމަވެސް މި ރަށުގެ މީހުން ތިބީ ވަރަށް އުފަލުންނެވެ. ގެއްލިގެން ދިޔަ އެ މާހައުލަށްވުރެ އެ މީހުން އުއްމީދު ކުރަމުން ދަނީ އަދި މާ ބޮޑު ތަރައްގީއަކަށެވެ. ސިނާއީ އާ މާހައުލަކަށެވެ. ދޫނީގެ ބަދަލުގައި އެތަނަށް ފްލައިޓްތައް ޖައްސާނެ ދުވަހަކީ މި އެންމެންގެ އެންމެ ބޮޑު ހުވަފެނެވެ. އެ ފްލައިޓްތަކަށް ބޭނުންވާ ރަންވޭ ހެދުމުގެ މަސައްކަތް ފެށިފައިވުމަކީ ކުޅީގެ މަތިން ހަނދާންކޮށް ހިތާމަކުރުމަށްވުރެ އެމީހުންނަށް ލިބޭ މާ ބޮޑު އުފަލެކެވެ.