ހަބަރު

ރިޔާޒް މިނިވަންކުރުމަށް ހެބިއަސް ކޯޕަސް މައްސަލައެއް ކޯޓަށް ވައްދައިފި

ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ނިމުނު އޭޕްރިލް މަހު ހައިކޯޓުން އިއްވި ހުކުމުގެ މުއްދަތު ހަމަވެފައިވާތީ މިހާރު ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވުމުން ރިޔާޒް މިނިވަންކުރުމަށް ހެބިއަސް ކޯޕަސް މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

އަބްދުﷲ ރިޔާޒަށް ހުކުމް އިއްވައި ހައިކޯޓުން 24 އޭޕްރީލް 2018ގައި ކުރި ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސާވިސްއިން ދޫކޮށްފައިވާ ޗިޓްގައި އޭނާގެ ހުކުމް ތަންފީޒުކޮށް ނިމޭ ތާރީހުކަމުގައި ބަޔާންކޮށްފައިވަނީ 15 ސެޕްޓެމްބަރު 2018 އެވެ. އެހެން ކަމުން ރިޔާޒްގެ ޖަލު ހުކުމުގެ މުއްދަތު ހަމަވިތާ މިއަދަށް ދެ ދުވަސް ވާނެ އެވެ.

ރިޔާޒްގެ ވަކީލުން މިއަދު ވިދާޅުވީ، ހުކުމްގެ މުއްދަތު ހަމަވެފައިވާއިރު ވެސް ރިޔާޒް ބަންދުން ދޫކޮށްނުލައި ޖަލު ބަންދުގައި ގެންގުޅެމުންދަނީ ގާނޫނާ ހިލާފަށް ކަމަށްވާތީ، ހެބިއަސް ކޯޕަސް އަމުރެއް ނެރެދެއްވުން އެދި ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެހުށަހެޅުން ކްރިމިނަލް ކޯޓުން ބަލައިގެންފައިވާ ކަމަށާއި އަންނަ އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުލާ ދުވަސް ޖެހުމުގެ ކުރިން ރިޔާޒު މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ރިޔާޒް ޖަލުގައި ބަންދުކޮށްފައިވަނީ ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނުގެ ޕިން ޖަހައި ނުދިން މައްސަލާގައި، ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށް ސާބިތުވެގެންނެވެ.