ލައިފްސްޓައިލް

ތައިމޫރްއަށް ރާއްޖޭގެ ދަތުރު އަދިވެސް ނުނިމޭ

ބޮލީވުޑް ސްޓާރުންގެ ދަރިންގެ ތެރެއިން މިހާރު އެންމެ މަޝްހޫރީ ތައިމޫރް އަލީ ޚާން އެވެ. ތައިމޫރްއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ އެންމެ ހަގު ދަރިފުޅެވެ. އަދި ސައިފްގެ އަންހެނުން މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ޚާންގެ ހުރި ހަމައެކަނި ދަރިފުޅެވެ.

ސައިފް އާއި ކަރީނާއަށް ވުރެން، ތައިމޫރް މިހާރު މާ މަޝްހޫރޭ ބުނެވިދާނެ އެވެ. މިހެން މި ބުނީ ތައިމޫރްގެ ހަބަރެއް ނޫހަކުން ކަވަރު ނުކުރާ ދުވަހެއް މިހާރު ނާންނާތީ އެވެ. ކޮންމެތާކުން ތައިމޫރް ފެނުންނަމަވެސް އެ ހަބަރު ނޫސްތަކުގެ ފަލަ ސުރުހީއަށް ނާރަ ނުދެ އެވެ.

ދާދިފަހުން ސައިފް ވަނީ އޭނާގެ އާއިލާ ގޮވައިގެން ރާއްޖެއައިސް ޗުއްޓީ ހޭދަކޮށްފަ އެވެ. އެމީހުން އައީ ތައިމޫރްވެސް ގޮވައިގެންނެވެ. ރާއްޖޭގެ ހިތްގައިމު ދޮންވެލި ގޮނޑުދޮށާއި ހިތްފަސޭހަ މާހައުލުގައި ތައިމޫރްއާއެކު ނަގާފައިވާ ލޯބި ފޮޓޯތައް އެމީހުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އެކަމަކު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ދަތުރު ނިންމާލުމަށްފަހު އެމީހުން އެނބުރި ގައުމަށް ގޮސް އުޅެނިކޮށް އާންމުވި ފޮޓޯ އަކަށެވެ. އެ ފޮޓޯތަކުގައި ފެންނަނީ ތައިމޫރް ރީނދު ކުލައިގެ ޓީޝާޓެއް ލައިގެން، އޭނާގެ މަންމަ ކަރީނާއާއެކު ކާރުން ފައިބާ މަންޒަރެވެ.

ރާއްޖެއިން ސޮވެނިއާއެއްގެ ގޮތުގައި ގެންދިޔަ އެ ޓީޝާޓުގެ މެއި މަތީގައި ޖަހާފައި ވަނީ "މޯލްޑިވްސް" އެވެ. ޓީޝާޓުގައި ކުރަހާފައި އިނީ މުރަކަތަކާއެކު މިޔަރެކެވެ. މި ފޮޓޯ އާންމުވުމާއެކު މީޑިއާތަކުން ބުނަމުން އަންނަނީ ތައިމޫރްއަށް އަދިވެސް ރާއްޖެ ދަތުރު ނުނިމޭ ކަމަށެވެ. އޭނާ ހުރީ އަދިވެސް ޗުއްޓީ މޫޑުގައި ކަމަށެވެ.

ސައިފްގެ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށް އޭނާގެ ކޮއްކޮ ސޯހާ އާލީ ޚާންވެސް ރާއްޖެ އައެވެ. ސޯހާއާއެކު އޭނާގެ ފިރިމީހާ ކުނާލް ކެމޫ އާއި އެ ދެމަފިރިންގެ ދަރިފުޅު އިނާޔާ ނައުމީ ކެމޫވެސް އައެވެ. އެމީހުން ޗުއްޓީ ހޭދަކުރީ ބ. އަތޮޅު ސޮނެވާފުށި ރިސޯޓުގައި އެވެ.