ލައިފްސްޓައިލް

އެހެން އެކްޓަރުންނާ ބެހޭ ވާހަކަ ދައްކަން ކަރީނާ ބިރުގަނޭ

މީގެ ކުރިން ކަރީނާ ކަޕޫރު ކައިރީގައި އެހެން އެކްޓަރަކާ ބެހޭ ގޮތުން ސުވާލެއް ކޮށްފިނަމަ ވަރަށް ސާފުކޮށް އޭނާއަށް ފެންނަ ގޮތެއް ކިޔައިދޭނެ އެވެ. ނަމަވެސް މިހާރު އެކްޓަރުންނާ ބެހޭ ގޮތުން ވާހަކަ ދައްކަން ކަރީނާ ބިރުގަނެ އެވެ.

ކަރީނާ ބުނި ގޮތުގައި އެއްވެސް އެކްޓަރަކާ ބެހޭ ގޮތުން ތެދުވެރިކަމާއެކު އެއްޗެއް ބުނެފިނަމަ އެ މީހަކު އެ ކަމަކާ ހިތްހަމައެއް ނުޖެހެ އެވެ. އަދި އޭނާ ދެއްކި ވާހަކަ ނަގަނީ ވަރަށް ގޯސްކޮށެވެ. އެހެންވީމާ މިހާރު އެގޮތަށް ވާޙަކަ ދައްކަން އޭނާ ބޭނުން ނޫނީ އެވެ.

ނަމަވެސް ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އޭނާ ގޯސްކޮށް ކަމެއް ކޮށްފިއްޔާ ތި ކުރީ ގޯސް ކަމެކޭ ބުނާނެ މީހަކު ހުރުން މުހިއްމުކަމަށް ކަރީނާ ގަބޫލު ކުރެ އެވެ.

ދާދިއަވަހަށް ރިލީޒްކުރަން ހަމަޖެހިފައިވާ "ގުޑް ނިއުޒް"ގެ ބަތަލާ ބުނި ގޮތުގައި އޭނާގެ ގާތް މީހުންގެ ތެރޭގައި އޭނާ ކުޅޭ ރޯލުތަކަށް އެކަށީގެންވާ ގޮތެއްގައި ތެދުވެރިކަމާއެކު ފާޑުކިޔާ މީހަކު ހުރުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެކެވެ.

"އަހަރެންނަށް އެހެން އެކްޓަރެއްގެ މަސައްކަތަކަށް އެއްޗެކޭ ބުނެވޭކަށް މިހާރަކު ނެތް. އަހަރެން ތެދުވެރިކަމާއެކު އެއްޗެކޭ ބުނެފިނަމަ އެ ރައްދުވާ މީހަކު ހިތްހަމައެއް ނުޖެހޭ. ނަމަވެސް އަހަރެންނަށް ތެދުވެރިކަމާއެކު ފާޑުކިޔާނެ މީހަކު އަހަންނަށް ވަރަށް މުހިއްމު. އަހަރެންގެ ވަކި ފިލްމެއް ކަމު ނުދިޔަނަމަ ސީދަ އަހަރެން ކައިރީގައި އެ ފިލްމެއް ކަމުނުދިޔަ ސަބަބު ކިޔައިދިނުން އަހަރެންގެ ކުރިއެރުމަށް ވަރަށް ބޭނުންތެރިކަމެއްގެ ގޮތުގައި ދެކެން. އަހަރެންގެ ގާތް މީހުން އަހަރެންގެ ފިލްމުތަކާ މެދު ވާހަކަ ދައްކާއިރު ތެދުވެރިވުން އެދެނީ،" ކަރީނާ ބުންޏެވެ.

ކަރީނާ ގަބޫލުކުރާ ގޮތުގައި ކޮންމެ އެކްޓަރަކަށް ވެސް އަދި ފިލްމީ ތަރިއަކަށް ވެސް ހަގީގަތް ކިޔައިދޭނެ މީހަކު ބޭނުންވާނެ އެވެ.

އަދި އޭނާގެ ފިލްމަކަށް ނުވަތަ އޭނާގެ ރޯލަކަށް ފާޑުކިޔާ މީހުންނާ އޭނާ ކުރިމަތިލާނީ ވަރަށް ޕްރެކްޓިކަލްކޮށް ކަމަށް ކަރީނާ ބުންޏެވެ.

"ހަމައެކަނި ހާދަ މޮޅޭ ހާދަ މޮޅޭ ކިޔާނެ މީހުން ބޭނުމެއް ނޫން. އެއަށް ވުރެ ބޮޑަށް ބިނާކުރަނިވި ފާޑުކިޔާ މީހުންގެ އެހީތެރިކަން މާ ބޭނުން،" ކަރީނާ ބުންޏެވެ.

ކަރީނާ ބުނި ގޮތުގައި އޭނާ ވެސް ފިލްމު ކުޅެން ފެށި ދުވަސްވަރު މީހުން ފާޑުކީމަ ހިތްހަމައެއް ނުޖެހެ އެވެ. ނަމަވެސް މިހާރު އެކްޓަރެއްގެ ގޮތުގައި ވެސް އޭނާ ވަނީ ހަރުދަނާ ވެފަ އެވެ. ވީމާ މިހާރު ބޭނުންވަނީ ފާޑުކިޔާ މީހުންގެ އެހީ އެވެ.

ފިލްމީ ރޮނގުން ބަލާއިރު ކަރީނާގެ އަތުގައި މިވަގުތު އޮތީ އަކްޝޭ ކުމާރާއެކު ކުޅެފައިވާ "ގުޑް ނިއުޒް" އެކަންޏެވެ. ކިއާރާ އަދުވާނީ އާއި ދިލްޖީތު ދޮސާންޖް ވެސް މުހިއްމު ބައިތަކެއް ކުޅެފައިވާ މި ފިލްމު މިމަހުގެ 27 ވަނަ ދުވަހު ރިލީޒްކުރަން ދަނީ ތައްޔާރު ވަމުންނެވެ.