ލައިފްސްޓައިލް

ބަތަލާ އާއި ބަތަލުގެ އުމުރު ތަފާތަސް މައްސަލައެއް ކޮބާ: ކަރީނާ

ކަރީނާ ކަޕޫރާއި އަކްޝޭ ކުމާރުގެ "ގުޑް ނިއުޒް" މިހާރު ވަނީ ރިލީޒްވާން ތައްޔާރުވެފަ އެވެ. ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި މި ދެ ތަރިންގެ އިތުރުން ކިއާރާ އަދުވާނީ އާއި ދިލްޖީތު ދޮސާންޖް ވެސް ބައިވެރިވެ އެވެ.

ކަރީނާގެ ފިލްމީ ކެރިއަރުގައި ވަރަށް ރީތި މޮޅު ފިލްމުތަކެއް ކުޅެފައި ވެއެވެ. އަދި ޝާހިދު ކަޕޫރުން ފެށިގެން އަކްޝޭ ކުމާރާ ހަމައަށް ހުރިހާ އުމުރެއްގެ އެކްޓަރުންނާއެކު ރޮމޭންސް ކޮށްފައި ވެއެވެ.

ދާދިފަހުން ކަރީނާ ދިން އިންޓަވިއު އެއްގައި ވަނީ 50 އަހަރުން މައްޗަށް ގޮސްފައިވާ އެކްޓަރުން 21 އަހަރުގެ ބަތަލާއިންނާ ރޮމޭންސްކޮށް އެއީ ވަރަށް އާދައިގެ ކަމެއް ކަމަށް ގަބޫލުކޮށްފައި ދުވަސްވީ ބަތަލާއަކު އޭނާއަށް ވުރެ ހަގު ބަތަލަކާ ރޮމޭންސް ކޮށްފިނަމަ އެއީ ވަރަށް ފާޑުކިޔުންތައް އަމާޒުވާ މައްސަލައަކަށް ވާތީ އެކަމާ މެދު އޭނާ ދެކޭ ގޮތް ހާމަކޮށްފަ އެވެ.

ކަރީނާ ބުނި ގޮތުގައި އެއީ އިންޑިއާގައި ގިނަ މީހުންގެ ވިސްނުން ހުންނަނީ އެގޮތަށެވެ. މިހާރު އޭނާ ވެސް ކައިވެނިކޮށް ދަރިއަކު ލިބިފައިވާތީ އޭނާ އާ މެދު ވެސް މީހުން ދެކޭނީ މިހާރު އެގޮތަށް ކަމަށް ހީވާ ކަމަށް ކަރީނާ ބުންޏެވެ. ނަމަވެސް މިކަމާ މެދު މީހުން މިހާރު ދެކޭ ގޮތް ބަދަލުކުރުމަކީ ވެސް ކަރީނާ ބޭނުންވާ ކަމެކެވެ. ސަބަބަކީ ހަގީގަތުގައި އެކަން ވަނީ އެގޮތަށް ކަމަށް ވާތީ އެވެ.

މިސާލަކަށް ކަރީނާ ދެއްކީ ނިކް ޖޯނަސް އާއި ޕްރިޔަންކާ ޗޯޕްޅާ އެވެ. އެ ދެ ތަރިންނަކީ މުޅިން ދެ ޖެނެރޭޝަނަކަށް ނިސްބަތްވާ ދެ މީހުން ނަމަވެސް ދެ މީހުން ލޯބިވެ ކައިވެނި ކޮށްފައިވާ ކަމަށާއި ހަގީގަތަކީ އެއީ ކަން ކަރީނާ ފާހަގަ ކުރި އެވެ. އަދި ޚުދް އޭނާ އާއި ފިރިމީހާ ސައިފް އަކީ ވެސް ދެ ޖެނެރޭޝަނެއްގެ ދެމީހުންކަމަށާއި އެހެންވީމާ އޭގައި މާ ބޮޑު މައްސަލައެއް ނެތް ކަމަށް ކަރީނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިހާރު ޖެހޭނީ ހަމައެކަނި މިކަމާ މެދު ފިލްމު ޕްރޮޑިއުސަރުން ދެކޭ ގޮތް ބަދަލު ކުރާށެވެ.