ކާނާ

ކެތޭ ޕެސިފިކް ޕްލޭނެއް ދަތުރުކުރީ އަކުރެއް މަދުކޮށް!

ދުނިޔޭގައި މިހާރު އުފައްދާ އެންމެ ބޮޑު މަތިންދާބޯޓް އެއާބަސް އޭ380 ގެ ބޯޓެއް ރާއްޖެއަށް އައުމާއި ގުޅިގެން މަތިންދާބޯޓުތަކުގެ ވާހަކަ މި ދެތިން ދުވަހު ވަރަށް ގަދައަށް ދެކެވެނުވެ. އެކަމަކު މިފަހަރު މި އޮތީ އޭ380 ވާހަކައެއް ނޫނެވެ. ދުނިޔޭގައި ދެ ވަނައަށް އެންމެ ބޮޑު މަތިންދާބޯޓުފަހަރު އުފައްދާ ބޮއޭއިން 777 ގެ ބޯޓެއްގެ ވާހަކަ އެވެ.

މި ބޯޓަކީ ހޮންކޮންގުގެ އެއާލައިނެއް ކަމުގައިވާ ކެތީ ޕެސިފިކް ޕްލޭންއިން ދުއްވާ ބޯޓެކެވެ. މި ބޯޓުގައި އެ އެއާލައިންގެ ނަން ބޮޑު އަކުރުން ޖަހާފައި ހުއްޓެވެ. އެކަމަކު އެ ނަމުގައި އެއް އަކުރު މަދުވީ އެވެ. "ފެސިފިކް" ލިޔެފައި ހުރިއިރު "އެފް" އަކުރު ނެތެވެ.

މިކަން ފާހަގަވާވަރުވީ އިއްޔެ ހޮންކޮންގުގެ އޭވިއޭޝަން ޑިސްކަޝަން ބޯޑުން އެމީހުންގެ ފޭސްބުކް ޕޭޖުގައި މި ބޯޓުގައި ފޮޓޯއެއް އާންމުކުރުމުންނެވެ. އާންމުން އެ ފޮޓޯއަށް ރިއެކްޓުކޮށް މަލާމަތްކުރަން ފެށި ހިސާބުންނެވެ. އޭރު އެ ބޯޓު އޮތީ ދަތުރެއް ނިންމާލުމަށްފަހު ހޮންކޮންގު އިންޓަނޭޝަނަލް އެއާޕޯޓުގައި އެވެ.

ސީއެންއެން ޓްރެވަލްއަށް ދިން އިންޓަވިއުއެއްގައި އެ އެއާލައިންގެ ސްޕޯކްސްޕާސަން ބުނީ އެއީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށާއި އެކަން އެހާ ބޮޑު ކަމަކަށް ހަދަން އެމީހުން ބޭނުން ނުވި ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އެ ފޮޓޯތައް ދައުރުވެ މީހުންގެ މަލާމަތް ރައްދުވުމާއެކު އެމީހުނަށްވެސް އެކަންވީ މަޖާ ކަމަކަށް ކަމަށެވެ.

މަދުވާ އަކުރު އިތުރުކޮށް އެ އެއާލައިންވެސް ވަނީ ހެއްވާ ޓުވީޓެއް އާންމުކޮށްފަ އެވެ. އެ ބޯޓު ހޮންކޮންގެ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ އޮތީ ޗައިނާގެ ޒިއާމެންއަށް ދަތުރެއްކޮށް ނިންމާލުމަށްފަހު އެވެ. އެ ދަތުރު ކުރިއިރުވެސް އެ އެއާލައިންގެ މީހުންނަށް ނަން އިނީ ނުބައިކޮށްކަން ފާހަގައެއް ނުވި އެވެ.