ދުނިޔެ

ނަޖީބު އަނެއްކާވެސް ހައްޔަރުކޮށް، ހިޔާނާތުގެ އިތުރު 21 ދައުވާއެއް ކޮށްފި

Sep 20, 2018
2

ކުއަލަލަމްޕޫރު (ސެޕްޓެމްބަރު 20) - މެލޭޝިއާގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން މައްސަލަ، ވަންއެމްޑީޕީގެ އެތަކެއް މިލިއަން ޑޮލަރެއްގެ ހިޔާނާތުގައި ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު އަލުން ހައްޔަރުކޮށް، ހިޔާނާތުގެ އިތުރު 21 ދައުވާއެއް ކުރަން ނިންމާފައިވާކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެގެން، ޖުމްލަ 21 ދައުވާއެއް ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، މި ދައުވާތައް ކުރަނީ ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު (ވަން އެމްޑީބީ) މައްސަލާގައި ކަމެއް ފުލުހުން ސީދާ ބުނެފައެއް ނުވެ އެވެ.

ނަމަވެސް، މިއަދުގެ ވަގުތެއްގައި، ނަޖީބުގެ މައްޗަށް އެ ދައުވާތައް އުފުލާނެކަމަށް ބެލެވެ އެވެ.

މީގެ ކުރިން، ނަޖީބުގެ އަމިއްލަ ބޭންކް އެކައުންޓަށް 42 މިލިއަން ރިންގިޓް (10 މިލިއަން ޑޮލަރު) ޖަމާކޮށްފައިވުމާއި ގުޅިގެން، ހިޔާނާތުގެ ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި، ހިޔާނާތުގެ މައްސަލާގައި ނަޖީބަށް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި އަމިއްލަ ފައިދާއަށް ބޭނުންކުރުމާއެކު އިތުރު ތިން ދައުވާއެއް ވެސް ވަނީ ކޮށްފަ އެވެ.

ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް އައީ ވެސް އޭނާއަށް ކުރެވޭ ހިޔާނާތުގެ ތުހުމަަތުތަކާއި ހެދި އެވެ. 1އެމްޑީބީ ހިޔާނާތުގައި، ސީދާ ނަޖީބުގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. މި ތުހުމަތުތަކާއި ގުޅިގެން، ނަޖީބާއި އޭނާގެ އަނބިކަނބަލުން ގައުމުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ.

ދާދި ފަހުން، ނަޖީބު ރައްޒާގާއި އޭނާގެ އަނބިކަނބަލުން ރަސްމާ މަންސޫރާއި ގުޅުންހުރި އިމާރަތްތަކުން އަތުލައިގަތް އަގު ބޮޑު ތަކެތީގެ އަގު، 273 މިލިއަން ޑޮލަރަށް އަރާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.