(18 ސެޕްޓެމްބަރ 2018 އާ ގުޅޭ)
"ޑެވިލް އަދި ތައްޔާރުވަނީ، ކޮޓަރީގައި ވީ... ބައްޕަ ވެސް ކޮޓަރީގައި، މަންމަ ބުނި ރެޑް އައީމަ ގޮވާލައްޗޭ" ނިމްރާ ގޮވައިގެން ގޭތެރެއަށް ވަންނަމުން ހަލަފް ބުނެލިއެވެ. އޭރު ސޯފާގައި ޝިހާނާއާއި އެހެން އަންހެންކުއްޖަކު އިންތަން ނިމްރާއަށް ފެނުނެވެ.
ސޯފާއިން ޝިހާނާ ތެދުވިގޮތަށް ނިމްރާއަށް އަތުން އިޝާރާތްކޮށްލީ ނިކަން ބޮޑަށް ހިނިތުންވެލައިގެން ހުރެއެވެ. އެންމެން އެކުގައި ސޯފާގެ ކައިރިއަށް އައުމުން ޝިހާނާއާއެކު އިންތަން ފެނުނު އަންހެންކުއްޖާ ނިމްރާއަށް ހިނިތުންވުމެއް ދިނެވެ.
"މީ އަހަރެންގެ ކޮއްކޮ، ޝިފްނާ... ޝިފޫ، މީ ނިމްއަކީ" ޝިހާނާއާއެކު އިން އަންހެންކުއްޖާ އޭނާ ތަޢާރަފުކޮށްދިނެވެ. ޝިހާނާ އެނގުނެއްކަމަކު އޭނާގެ ޢާއިލާގެ މެންބަރުންނަކީ ކޮބައިކަމެއް ނިމްރާއަކަށް ނޭނގެއެވެ. ކޮއްކޮއޭ ޝިހާނާ ބުނުމުން ޝިފްނާއާއި ޝިހާނާއާ ވައްތަރުގޮތެއް ހުރިކަން ނިމްރާއަށް ފާހަގަވިއެވެ.
"އާންތަ އަތުގައި ހުރި ފޮޓޯތަކުން ނިމް ފެނިފަހުރީ، ކޮންގްރެޓްސް އިނގޭ" ޝިފްނާ ސަލާމްކޮށްލަން ދިއްކޮށްލި އަތުގައި ނިމްރާ ހިފީ ހިނިތުންވެލައިގެން ހުރެއެވެ.
"އެބައަންނަން މަންމައަށް ގޮވާލާފައި" ހަލަފް ބުންޏެވެ. އަދި އޭނާ އިށީނުމުގެ ބަދަލުގައި ހިނގައިގަތީ ޝަރުމީނު ގާތަށް ދާށެވެ.
ޙަފުލާ ފެށުމުގެ ކުރީން ފަހުފަހަރަށް ބަދިގޭގެ ކަންކަން ބެލުމަށް ސިޑިންފައިބަފައިބާ ހުރި ޝަރުމީނާއި ހަލަފް ބައްދަލުވީ އެވަގުތެވެ. ބޮޑުކޮޓަރީގައި މީހުން ވާހަކަދައްކާ އަޑު އޭރު ޝަރުމީނަށް ވެސް އިވެއެވެ. ހަލަފްގެ މޫނުން ފާޅުވަމުންދިޔަ އަސަރުތައް ޝަރުމީނު ވަގުތުން ދެނެގަތެވެ.
"ނިމްރާ އައީތަ؟" ޝަރުމީނު އަހާލިއެވެ.
"ޔެސް، އެހެންވެ މަންމައަށް ގޮވަން މި އައީ" ހަލަފް ބުނެލިއެވެ.
"ދޮންބެ ވެސް އެބައިންތަ" ޝަރުމީނު އޮޅުންފިލުވާލިއެވެ.
"އަދި ނުނިކުމޭ، ނޭނގޭނެ ރެޑް އައިކަމެއް ވެސް" ހަލަފް ބުންޏެވެ.
"ހަލަފް ދޭ ނިމްރާ ގާތަށް، މަންމަ ބަދިގެއަށް ވަދެފައި މިދަނީ ބައްޕަ ގާތުގައި ބުނަން، އަރްސަލް ގާތުގައި ވެސް ބުނެލާނަން، އަދި ވަގުތުކޮޅެއް އެބައޮތެއްނު، މުއްތުބެގެ ފެމެލީ މިހާރު އަންނަން އުޅޭނެ، އެ މީހުން އައީމަ ހަލަފްވާނެ އެމީހުން ގޭތެރެއަށް ވައްދައި ބައިތިއްބަން އިނގޭ" ސިޑީގެ ވަކި ހިސާބަކަށް އަރާހުރި ހަލަފްއާ ޝަރުމީނު އެއްވަރު ކުރުމުން ދެ މީހުން އެކުގައި ތިރިއަށް އައެވެ. ޝަރުމީނު ދެއްކި ވާހަކަތަކަށް ހަލަފް އެއްބަސްވަމުން ބޯޖެހިއެވެ.
ބަދިގެއަށް އައިސް ޝަރުމީނު ވަންއިރު އެ ގެ ސާފުކުރަން ގެންގުޅޭ ބިދޭސީ ނޯކަރުކުއްޖާ އިސްވެ ހުރެ ކާއެއްޗެހި ޓްރޭތައް ބަހައްޓަން ތައްޔާރުކޮށްފައި ހުރި ދިގު މޭޒުގައި އެ ތަކެތި ބަހައްޓާނޭ ތަރުތީބު ކިޔައިދެމުންދިޔައެވެ. ކޭޓަރިން ޚިދުމަތްދޭ ބަޔަކުގެ އެހީ ޝަރުމީނު ހޯދީ ގިނަބަޔަކަށް ދަޢުވަތުދެވިފައިވާ ޙަފުލާއަކަށްވާތީއެވެ. އެހެންނޫނަސް އެގޭގައި އެފަދަ ބޮޑު ޙަފުލާއެއް ބޭއްވޭ ކޮންމެ ފަހަރަކު ކެއުމުގެ އިންތިޒާމު ހަމަޖައްސަނީ އެފަދައިންނެވެ. އަށް ވެއިޓަރުންނާއި ކާއެއްޗެއްސާއި ތަށިތައް އެތުރުމާއި ހަވާލުވެ އިތުރު ސްޓާފުން ބަދިގޭގައި ހަރަކާތްތެރިވަމުންދިޔައެވެ. ޝަރުމީނު ފެނުމުން ގޭގެ ޚާދިމާއި ކޭޓަރިންއާ ހަވާލުވެ އައިސް ހުރި އިސް މީހާ އައެވެ. އެންމެފަހުގެ ތައްޔާރީތައް ވަނީކަމުގައި އެ މީހުން ޝަރުމީނަށް އޮޅުންފިލުވައިދިނެވެ. ހުރިހާކަމެއް ރަނގަޅަށް ކުރިއަށްދާކަން އެނގި ލޮލަށް ފެނުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ޝަރުމީނު ލިއެވެ. އަދި އެނބުރި ހިނގައިގަތީ ބިލާލުއަށް ނިމްރާ އައިސް ހުރި ކަމުގެ ޚަބަރު ދޭށެވެ.
"އެމަންޖެ އައީތަ؟" ލޯގަނޑު ކުރިމަތީ ހުރެ ބްލޭޒަރ ހެޔޮވަރުކުރަމުން ބިލާލު ބުންޏެވެ.
"އަތުވެއްޖެއޭ... ވަރަށް ލޯބި، މިގެއަށް އަރްސަލްއާއެކު އައި ފަހަރަށްވުރެ ވެސް މިރޭ ހީވޭ ވަކިން ރީތިހެން، ހުރިހާ ކުދީން އެބަތިބި ބޮޑުކޮޓަރީގައި، އެކަމަކު އަރްސަލް ފޭބި ހެނެއް ހިޔެއްނުވޭ، ބިލާލު ނުކުންނަމުން ބަލާލަންވީނު އެ ސޮރު ތައްޔާރުވެއްޖެތޯ" ބިލާލު ހެޔޮވަރުކޮށްލި ބްލޭޒާރ ރީތިކޮށްދެމުން ޝަރުމީނު ވާހަކަދެއްކީ ހިނިތުންވެލައިގެން ހުރެއެވެ.
ބިލާލު ތައްޔާރުވެގެން ކޮޓަރިން ނުކުމެ އަރްސަލްގެ ކޮޓަރިއާ ދިމާއަށް އައެވެ. ލައްޕާފައި ހުރި ދޮރުގައި ޓަކި ޖަހާލުމުން އެތެރެއިން އަރްސަލްގެ އަޑު އިވުނެވެ. ވަނުމުގެ ހުއްދަދިނެވެ. ދޮރުހުޅުވާލައިފައި ބިލާލު އެތެރެއަށް ވަންއިރު އަރްސަލް ހުރީ އަތުގައި އޮތް ކުޑަކުޑަ ފޮށްޓަށް ބަލަހައްޓައިގެންނެވެ.
"އަނގޮއްޓީގައި މައްސަލައެއް އުޅެނީތަ؟" އަރްސަލްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލައިފައި ބިލާލު އަހާލިއެވެ.
"ބައްޕާ، މި އަނގޮއްޓި... މި އެހާއެއްނޫން، އަހަރެންގެ ސްކާލެޓްއެއްނޫން، އެކަމަކު މިވަގުތު މި ނޫން ގޮތެއް ވެސް ނެތް" އަރްސަލް މިހެން ބުނުމުން ބިލާލު އަނގޮއްޓިއަށް ބަލާލިއެވެ.
އޭރު ދޮރުކައިރީ ދެބަފައިންގެ ވާހަކަ އަޑުއަހަން ޝަރުމީނު ހުއްޓެވެ. އޭނާ ނިކަން އަވަހަކަށް އެނބުރި ކޮޓަރިއަށް ދިޔައެވެ. އަދި ހަލުވިކޮށް އައީ ރަތްކުލައިގެ މަހުމާ ކުޑަކުޑަ ފޮށްޓެއް ހިފައިގެންނެވެ. އަރްސަލްގެ ކޮޓަރީ ދޮރުގައި ޓަކިދީފައި އެތެރެއަށް ޝަރުމީނު ވަނެވެ. އެހިނދު އަރްސަލްއާއި ބިލާލާ އެއްފަހަރާ ޝަރުމީނަށް ބަލާލިއެވެ.
"މީ... ދަރިފުޅަށް... މީ ނިމްއާ ވަރަށް ގުޅޭނެ" އަތުގައި އޮތް ކުޑަފޮށި އަރްސަލްއަށް ދިއްކޮށްލަމުން ޝަރުމީނު ބުންޏެވެ. އަރްސަލްއަށް ލިބުނީ ހައިރާންކަމެވެ. ހިފަންވީކަމެއް ނޭނގިފައި އޭނާ ހުއްޓައި ބިލާލު އެ ފޮށި ޝަރުމީނުގެ އަތުން ނެގިއެވެ. އަދި ހުޅުވާލައި އެތެރެއަށް ބަލާލުމަށްފަހު ޝަރުމީނަށް ބަލާލީ ހިނިތުންވެލަމުންނެވެ.
"ބައްޕައަށް ވެސް ހީވަނީ މި އަނގޮއްޓި ގުޅޭނެހެން" ބިލާލު އަތުގައި އޮތް ފޮށި އަރްސަލްއަށް ދައްކާލިއެވެ.
"އެކަމަކު މީ..." އަރްސަލްއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.
"ތީ މަންމަ ނާޅައި އަނގޮއްޓިއެއް، މިވަގުތަށް ބޭނުންކޮށްލަންވީނު، އަރްސަލްއަށް ކަމުނުދާނަމަ ފަހުން ނިމްއަށް އަނގޮއްޓިއެއް ހޯދާފައި މި އަނގޮއްޓި މަންމައަށް ރައްދުކުރިޔަސް އެންމެ ރަނގަޅު" ޝަރުމީނު އިސްޖަހާލިއެވެ.
"އަނގޮއްޓި ވަރަށް ރީތި، ނިމްއަށް ވަރަށް ކަމުދާނެ" އަރްސަލްގެ ވާހަކަ އަހާފައި ޝަރުމީނަށް ބޭއިޚްތިޔާރުގައި އިސްއުފުލައި ހިނިތުންވެވުނެވެ.
"ނިމް އެބައިން ތިރީގައި، އިރުކޮޅެއްވެއްޖެ އައީތާ، ރާދިންއާއި ހަލަފްގެ އިތުރުން އާނާ ވެސް އެބައިން" އަރްސަލްގެ ކޮނޑުގައި ޖަހާލަމުން ބިލާލު ބުންޏެވެ.
ބިލާލުއާއި ޝަރުމީނާއެކު އަރްސަލް ބޮޑުކޮޓަރިއަށް އައިއިރު މުއްޠަލިބުގެ ޢާއިލާ ވެސް އެތަނުގައި ތިއްބެވެ. އަރްސަލްގެ ނަޒަރު އަމާޒުވެފައި ހުރީ ހަމައެކަނި ނިމްރާއަށެވެ. ފައި ނިވާވާވަރުގެ ދިގު ހެދުމެއްގައި ނިމްރާ އިންއިރު އެ ހެދުމުގައި ނިމްރާ ފެންނަނީ ވަރަށް ނަލަކޮށެވެ. ކޮށްފައި ހުރި މޭކަޕްގެ ސަބަބުން އޭނާގެ މޫނު ވަކިން އަލިކަމަށް ދައްކައެވެ. މާނަވީ ހިނިތުންވުމެއް ނިމްރާއާ އަރްސަލް ބަދަލުކޮށްލިއެވެ. ނިމްރާގެ ކަޅިރަވައިގެ ޖާދޫގައި ޖެހިފައި ހުރި އަރްސަލްގެ ސަމާލުކަން އެހެން ދިމާއަށް ގެންދިޔައީ ރާދިންއެވެ. މަސައްކަތުގެ ދާއިރާގައި އަރްސަލްއާއި ރާދިންގެ ރަޙުމަތްތެރީންގެ ތެރެއިން ގާތް މީހުންނަށް ދަޢުވަތު ދީފައި ވުމުން މަޑުމަޑުން މީހުންނާއިގެން ގޭތެރެ ފުރެމުންދިޔައެވެ. މާޙައުލުގައި އެއްފަހަރާ ގިނަ ބަޔަކު ވާހަކަދައްކަމުންދާ އަޑު ހަރުލަމުންދިޔައެވެ. އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ކައިވެނި ފޯމުފުރުމަށް ޚާއްޞަކުރެވިފައިވާ މީހުން އަންނާނޭ އިރަކަށެވެ.
އެންމެންގެ ހަރަކާތްތަކަށް ބަލަން ހުރި ނިމްރާއަށް އެނގެނީ އެތަނުން މަދު ބައެކެވެ. ޝިހާނާގެ ޢާއިލާގެ ހުރިހާ މެންބަރުންނާ ބައްދަލުވި ހިނދު އެ މީހުން ކީ ހޫނު މަރުޚަބާއެކެވެ. އަރްސަލްގެ ޢާއިލާއާ އެ ޢާއިލާ ގުޅިފައިވާ މިންވަރު ނިމްރާއަށް އިޙްސާސް ކުރެވުނެވެ. ނިމްރާގެ ގާތަށް އަރްސަލް އަޔަނުދީ ރާދިން ހިފަހައްޓާހެން ވެސް އޭނާއަށް ހީވިއެވެ. އަރްސަލް އަންނަން އުޅޭއިރަށް ކޮންމެ ފަހަރަކު ރާދިން އޭނާ އެހެން ދިމާއަށް ގެންދެއެވެ. އެ ޙަފުލާއަށް ނިމްރާ ދަޢުވަތު ދިން މީހަކަށް އައީ ހަމައެކަނި އީވާއެވެ. އޭނާ އައުމުން ނިމްރާގެ ގާތުގައި ހުރި ހަލަފް ދުރަށް ޖެހިލީ އީވާ ގޮވައިގެންނެވެ. އެވަގުތު ނިމްރާގެ ކަންފަތުގައި ޖެހުނީ މުއްޠަލިބުގެ އަންހުން އަފީފާ ދެއްކި ވާހަކައެވެ.
ނިމްރާގެ ހަރަކާތްތަކަށް ބަލަމުންދިޔަ ޒިވަންއަށް އޭނާ އެކަހެރިވެ ހުރެ އެންމެންނަށް ނަޒަރު ހިންގާތަން ފެނުނެވެ. އެ މޫނުމަތި ކުއްލިއަކަށް މިލައިފިކަން ޒިވަންއަށް ފާހަގަވިއެވެ. އޭނާ ހަލުވި ފިޔަވަޅުގައި އައިސް ނިމްރާގެ ގާތުގައި ހުއްޓިލިއެވެ.
"ވަޓްސް ރޯންގް ލިޓްލްވަން" ޒިވަންގެ ކޮނޑުން ނިމްރާގެ އަތުގައި ޖެހިލާފައި ބުނެލިއެވެ. ނިމްރާ އަނގައިން ބުނުމުގެ ބަދަލުގައި ދެފަރާތަށް ބޯހޫރާލީއެވެ.
"ކޮންމެވެސް ކަމަކާ ތި ވިސްނަނީ، މި އެންމެންގެ ތެރެއިން ކޯޗެއް ތި ހޯދަނީ، ކީއްވެ އެކަނި ތި ހުރީ" ޒިވަން އަނެއްކާ ވެސް ސުވާލުކުރިއެވެ. ނިމްރާ ފުންނޭވާއެއް ދޫކޮށްލިއެވެ.
"ޒިވަން، މިރެއަކީ އަހަރެންނަށް ވަރަށް ޚާއްޞަ ރެއެއް، މީ އުމުރުގައި އެއްފަހަރު އަންނާނޭ ފަދަ ރެއެއް، ކައިވެންޏަކަށް ތައްޔާރުވާއިރު އަހަރެންގެ އެކަކު ވެސް ނެތް" ނިމްރާ ވާހަކަދެއްކީ މަޑުންނެވެ. އެ އަޑުގައިވާ ރިހުން ޒިވަން ދެނެގަތެވެ.
"ނިމް އެކަންޏެއްނޫނެއްނު، އަހަރެން މި ހުރީނު، ނިމް ކަމެއް ބޭނުންވާ ކޮންމެ ވަގުތަކު އަހަރެންގެ އެހީތެރިކަން ލިބޭނެ، އަހަރެންގެ ރައްކާތެރިކަން ނިމްއަށް ލިބޭނެ، މިރޭ މީ ނިމް އުފަލުން ހުންނަންވީ ރެއެއް، ތިހާ ނަލަހެދިގެން ދެރަވެފައި ހުންނާކަށް ނުވާނެ" ޒިވަން ބުންޏެވެ.
"އަހަރެންގެ ފެމެލީގައި އެކަކު ވެސް ނެތީއޭ" ނިމްރާ ބުންޏެވެ.
"ތިހެން ނުބުނާށޭ މިބުނީނު، އަހަރެން މީ ނިމްގެ ބޭބެއޭ ބުނީމެންނު، ވިވިއަން ވެސް އެ ހުރީނު، އަހަރެންގެ މަންމައަކީ ހަމަ ނިމްގެ ވެސް މަންމަ، އެހެންވީމަ ނިމް އެކަންޏޭ ހީނުކުރޭ" ޒިވަން ހަޤީޤަތް ހާމަކުރި ނަމަވެސް ނިމްރާއަށް ހީކުރެވުނީ މުޅިން ތަފާތުކޮށެވެ.
"އަދި ހަނދާންނެތިފައޭ މިހުރީ، މަންމަ ބުނި ނިމް ރަންކިޔާ ރޭގެ ފޮޓޯ ފޮނުވައްޗޭ، އެކަން ނުކޮށްފިއްޔާ މި މަސް ތެރޭގައި ވެސް އަހަރެން ހަމަ ނޭވާ ލިޔަކަނުދޭނެ، ސޯ ލިޓްލްވަން، އަހަންނާއެކު ސެލްފީއެއް ނަގަންވީނު" ޒިވަން ބުނެލީ ނިކަން މަޖާކޮށެވެ. ނިމްރާ ހީނލުމުން އޭނާގެ މަޤްސަދު ހާސިލުވިއެވެ.
"ޒޭވިއާ ކީއްތަ އެ ކުރަނީ... ރާދު، ހީ އިޒް ޓަޗިންގް ހާ... ދެން އަހަރެން އޭނާގެ ގާތަށް ދިޔަދީބަލަ" ދުރުގައި ތިބި ޒިވަންއާއި ނިމްރާއަށް ނަޒަރު ހުއްޓާލައިގެން ހުރި އަރްސަލް ބުންޏެވެ. އެއާއެކު އޭނާގެ ގާތުގައި ހުރި ރާދިން ޖަހާލީ ހިނިގަނޑެކެވެ.
"މިރޭ އިންނަން ރަންކިޔާނެ ނިމް، ދެން ކުރިއަށް އޮތީ ދެމީހުން އެކުގައި އުޅޭނޭ ދުވަސްތައް، ފޯމު ފުރާ މީހުން އައީމަ ތި ދެ މީހުންނަށް ގާތުގައި ތިބެވޭނެ، ބީ ޕޭޝަންޓް ބްރޯ" އަރްސަލްގެ ކޮނޑަށް އަތްލައިގެން ހުރެ ރާދިން ބުންޏެވެ.
"ޒޭވިއާއާއި ސްކާލެޓް އެހާ ކްލޯސްތަ؟" އަރްސަލް އަނެއްކާ ވެސް ސުވާލުކުރިއެވެ.
"އެ ދެމީހުން އެކަކުއަނެކަކު ދަނެއެއްނު މާކުރީންސުރެ، ދެން މިއޮއްފަދަ ރޭ ޖެލަސް ޓީނޭޖާއެއްހެން ނޫޅޭތި" ރާދިން ވެސް ޒިވަންއާއި ނިމްރާ ތިބި ދިމާއަށް ބަލާލަމުން ބުންޏެވެ. އެވަގުތު ޒިވަން ނިމްރާގެ އިސްތަށިގަނޑު ރީތިކޮށްލަ ދިންތަން ރާދިންއަށް ފެނުނެވެ.
"މިރޭ އަހަރެން އަސްލު ހުންނަންޖެހޭނީ ސްކާލެޓްގެ ގާތުގައި... ރާދު، މާދަމާ ރޭ މީ ރާދުގެ ރޭ އިނގޭ، ރެޑީވެގެން ހުންނާތި، އާނާ ލޮލަށް ފެނުނަ ވެސް ނުދޭނަން" އަރްސަލް ބުނެލިއެވެ.
ޚަފުލާ ފެށުނީ އަށްގަޑި ތިރީސްވެ ބޮޑުވިފަހުންނެވެ. ތައްޔާރުކުރެވިފައިވާ މޭޒުގެ ދޮށުގައި ބިލާލުއާއި މުއްޠަލިބުގެ އިތުރުން އަރްސަލްއާއި ރާދިންއާއި ނިމްރާ ތިއްބެވެ. ފޯމުފުރުމުގެ ކަންކަން ކުރިއަށް ގޮސް ރަންކިއުމަށް ނިމްރާގެ ގާތުން އެދުނެވެ. އޭރު މޭޒު ކައިރީ އިށީނުއްސުރެ ހާސްވެފައި އިން ނިމްރާގެ ދެއަތް ލޮނުދާހިއްލާ ފޯވެއްޖެއެވެ. ރަންކިޔަން ބުނުމުން އިރުކޮޅަކު ނިމްރާ މަޑުޖެހުނެވެ. އޭނާގެ ފަހަތުން ޝިހާނާ އައިސް މަޑުކޮށްލިއެވެ. ނިމްރާ ޖެހިލުންވެފައި އިންކަން އެތަނުގައި ތިބި އެންމެންނަށްވުރެ ކުރީން އަރްސަލް ދެނެގަތެވެ.
"ނިމްރާ" އަރްސަލް ގޮވާލިއެވެ. ނިމްރާގެ ނަޒަރު އަރްސަލްއަށް ހުއްޓުމާއެކު މަޑުމަޑުން ބޯޖަހާލިއެވެ. އަދި އެއްހާސް އަށާވީސް ރުފިޔާ އަށްޑިހަ ނުވަ ލާރިއަށް ނިމްރާ ރަންކިޔައިފިއެވެ. ކުއްލިއަކަށް ރާދިންގެ ނަޒަރު ނިމްރާއަށް ހުއްޓުނެވެ. އެ އަދަދު ވަނީ އަރްސަލްއާ ގުޅިފައިކަން އޭނާއަށް އެނގުނީއެވެ. ކައިވެނީގެ ރަން ކައިވެނި ކުރެވޭ ވަގުތުގައި ނިމްރާއާ ހަވާލުކުރެވޭނެކަމުގައި ނިންމިއެވެ. އަދި ފޯމުފުރާ ނިމުމުން ޢައިލާގެ ތެރޭގައި ޅީދަރިފުޅުގެ ގޮތުގައި ނިމްރާ ބަލައިގަތްކަން ޢިއުލާންކޮށް އަރްސަލްގެ ވާން އުޅޭ އަނބިމީހާކަން އަންގައިދޭ ރަމްޒެއްގެ ގޮތުގައި އަނގޮއްޓި އެޅުވުން އޮތެވެ. ހުރިހާ ކަމެއް ނިމުމާއެކު ޝިހާނާގެ އަތްތިލަބަޑިއާ ގުޅިގެން ތަނުގައި ދެންތިބި ބައެއްގެ ވެސް ހޫނު ތަހުނިޔާގެ އަޑު އިވިގެންދިޔައެވެ. ހިފަހައްޓާލައިގެން ހުރެވުނު ނޭވާ ނިމްރާއަށް ދޫކޮށްލެވި މީހާ ހަމަޖެހިލެވުނީ ދެނެވެ.
ޙަފުލާ ނިމި ނިމި ގޭތެރޭގައި ހަމައެކަނި ބިލާލުގެ ޢާއިލާގެ އިތުރުން ތިބީ މުއްޠަލިބުގެ ޢާއިލާއެވެ. އެ މީހުން ދާން ނުކުތުމުން ނިމްރާ ގެއަށްލާން ބިލާލު އަރްސަލްގެ ގާތުން އެދުނެވެ. އެވަގުތު ޒިވަން ކުރިއަށް ނުކުމެ އޭނާ ގެއަށްދާ މަގުމަތީ ނިމް އެޕާޓްމެންޓަށް ގެންގޮސްފައި ހިނގައިދާނަން ކަމަށް ބުންޏެވެ.
"ޒޭވިއާ، ޝީ އިޒް މައި ފިއަންސޭ" އަރްސަލް ބުންޏެވެ. ޒިވަން އިތުރަށް އެއްޗެއް ނުބުނީ އެ މީހުންގެ އަޑު އިވޭ ހިސާބުގައި ރާދިންއާއި ހަލަފް ތިބީމައެވެ. ނަމަވެސް ނިމްރާ ގޮވައިގެން އަރްސަލް ގެއިން ނުކުތުމުން އެ މީހުންނާއެކު ޒިވަން ވެސް ނުކުތެވެ. ދޮރޯށިން ނުކުމެނުކުމެ ހުރި އަރްސަލްގެ އަތުގައި ޒިވަން ހިފެހެއްޓިއެވެ. އަދި އޭނާ ގާތު ވާހަކައެއް ބުނަން ބޭނުންވާ ކަމުގައި ބުންޏެވެ.
"ނިމް، އިހަށް މަޑުކޮށްލާ، އަހަރެން އަރްސަލް ގާތު އެކަނި ވާހަކައެއް ބުނަން" ޒިވަން ބުންޏެވެ. އަދި ނިމްރާ ގޭތެރޭގައި ބަހައްޓާފައި އަރްސަލްއާއެކު ދޮރޯށިން މަގުމައްޗަށް ނުކުމެ ދުރަށް ޖެހިލިއެވެ. ދޮރޯށި ކައިރީ ނިމްރާ ހުރިއްޔާ އަޑުނީވޭނެހާ ދުރަށެވެ.
"ޒޭވިއާއަށް ކަމެއްވެއްޖެހެން ހާދަ ހީވޭ" އަރްސަލް ބުނެލިއެވެ.
"މެރީ ކުރަން ހުރިހާކަމެއް ފިކްސްވެއްޖެ، ނިމްއަކީ އަރްސަލްގެ މީހެއް، ސޯ ޕްލީޒް... ސްޓޮޕް ސްލީޕިންގް ވިތް ހާ، ޑޯންޓް ޔޫސް ހާ ލައިކް ދެޓް، އެޓްލީސްޓް މެރީ ކުރެވެންދެން" ޒިވަންގެ ވާހަކަތަކުން އަރްސަލްއަށް ލިބުނީ ހައިރާންކަމެވެ.
"ޒޭވިއާތަ ތިވާހަކަ ތި ދައްކަނީ... އެނީވޭސް ނިމް ގޮވައިގެން ދާން އަހަރެން މިދަނީ" އަރްސަލް އިރުކޮޅަކު ހުރެފައި ބުނެލިއެވެ. އަދި އެނބުރި އައިސް ދޮރޯށި ހުޅުވާލިއެވެ. ހުޅުވުނު ދޮރުގައި އެތެރެއިން ނިމްރާ ވެސް ހިފިއެވެ. އަރްސަލް އަތްދިއްކޮށްލަމުން ހިނިތުންވެލިއެވެ. އެ އަތުގައި ނިމްރާ ހިފުމުން ދެ ޒުވާނުން އެކުގައި ހިނގައިގަތީ ރާދިން ކާރު ޕާކުކުރި ދިމާއަށެވެ.
"ކުޑަކޮށް ދޫ ދޯ އަނގޮއްޓި" ކާރު ދުއްވަމުންދިޔަ އަރްސަލް އޭނާއާ ޖެހިގެން ނިމްރާއަށް ބަލާލި ވަގުތު އޭނާ ކަށިއިނގިލީގައި އިން އަނގޮއްޓި އިނގިލީގައި އަނބުރާލަ އަނބުރާލައި އިން ގޮތް ފެނި ބުންޏެވެ.
"ކުޑަކޮށް، އެކަމަކު ވަރަށް ރީތި... އަރްސަލްއަށް އަހަރެންގެ އިނގިލީގެ ސައިޒު ނޭނގުނީ ދޯ، ބުނެލިނަމައެއްނު" ނިމްރާ ހިނިތުންވެލިއެވެ. އަރްސަލްގެ ހަނދާނަށް އައީ އޭނާ ނިމްރާގެ އިނގިލީގެ މިންނެގި ހަނދާނެވެ. އެ އަނގޮއްޓިއަކީ ނިމްރާއަށް ޓަކައި އޭނާ ޚާއްޞަކުރި އަނގޮއްޓިއެވެ. ނަމަވެސް އެ އަނގޮއްޓި ނިމްރާގެ ނަސީބުގައި ނެތީއެވެ.
"ތީ އަސްލު މަންމަ ދިން އަނގޮއްޓިއެއް، ބައްޕަ ވެސް ބުނި ސްކާލެޓްއާ ވަރަށް ގުޅޭނޭ، އެންމެން ވެސް ދެއްކި މިރޭ ސްކާލެޓް ރީތިވާހަކަ" އަރްސަލް މަގުމައްޗަށް ނަޒަރެއް ދީފައި އަނެއްކާ ވެސް ނިމްރާއަށް ބަލާލިއެވެ. އެހިތުގައި ލޯބި އުތުރިގަތް ފަދައެވެ. ނިމްރާގެ ކަނާއަތްތިލައިގެ އިނގިލިތަކާއި އަރްސަލްގެ އަތްތިލަ ގުޅުވާލަމުން ގެނެސް އޭނާގެ ތުންފަތުގައި ޖައްސާލައި ލޯބިން ބޮސްދީފިއެވެ.
"އަހަރެން ވަރަށް ހެޕީ މިރޭ، ތޭންކްސް ސްކާލެޓް" އަރްސަލް ބުނެލިއެވެ.
"އަހަރެން ވެސް ހިޔެއްނުކުރަން މިހިސާބަށް އާދެވިދާނެއެކޭ... އެކަމަކު މިހާރު ޔަގީންވެއްޖެ ކައިވެނީގެ ނަސީބު އަހަރެންގެ ތަޤުދީރުގައި ލިޔެވިފައިވާކަން، މި އުފާވެރިކަމަށް އަރްސަލްއަށް ޝުކުރުވެރިވަން، އަހަރެންގެ ދިރިއުޅުން ބބަދަލުކޮށްލި މީހަކީތީ" ނިމްރާގެ އަތަށް ބާރުލަމުން އަރްސަލްގެ އަތުގައި ބާރަށް ހިފާލިއެވެ. އަދި އޭނާއާ ގާތަށް ޖެހިލައި ކޮނޑުގައި ބޯއަޅާލިއެވެ. (ނުނިމޭ)