ވިޔަފާރި

ބޭރުގެ 100 ބްލޮގަރުން ރާއްޖޭގެ 100 ރަށަށް ދަނީ

އަންނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި ހާއްސަ އަހަރެކެވެ. އެއީ އަންނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރަށްވުމެވެ. މި އަހަރު ފާހަގަ ކުރުމަށް ޓޫރިޒަމް ދާއިރާއިން ދަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ. މި ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތަކީ 100 ޓްރެވަލް ބްލޮގަރުން ރާއްޖޭގެ 100 ރަށަށް 30 ދުވަހުން ކުރާ ހާއްސަ ޒިޔާރާތެވެ.

"މިކަން ވާނީ ވަރަށް ސަޅި ކަމަށް. މިއީ އަންނަ އަހަރު ހިންގޭނެ އެންމެ ހާއްސަ އެއް ހަރަކާތް،" މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހަރަދުގައި ގެންނަ މި ބްލޮގަރުން ހޮވާނީ ސޯޝަލް މީޑިޔާގައި އަތްފުނާ އަޅައިގެން އެމްއެމްޕީއާރުސީންނެވެ. މި ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ އެކި ބަސް ބަހުން ވާހަކަ ދައްކާ މީހުން ރާއްޖެ އަންނާނެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ ބްލޮގަރުން ވެސް ހިމެނެ އެވެ. މި މީހުންނަށް ރާއްޖޭގެ ސަގާފާއި ރާއްޖެއިން ދޭ ފުރިހަމަ މެހުމާންދާނީ ވެސް ފެނިގެން ދާނެ އެވެ.

ޒިއަތު ވިދާޅުވީ މި ހަރަކާތަކީ ހަރަދު ބޮޑު ހަރަކާތެއް ކަމަށާއި، ނަމަވެސް މީގެ ފައިދާ ކުރާނެ ކަމަށެވެ.

"މި ބްލޮގަރުން އެކި ރަށްރަށަށް ގޮސް ސޯޝަލް މީޑިޔާ މެދުވެރިކޮށް ރާއްޖެ ޕްރޮމޯޓް ކުރާނެ. އެ މީހުން ރާއްޖޭގެ ރިސޯޓްތަކުގެ އިތުރުން މީހުން އުޅޭ ރަށްރަށަށް ވެސް ދާނެ،" ޒިއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ބްލޮގަރުންގެ ތެރޭގައި ދިވެހިން ބައިވެރިކުރުމުގެ ވިސްނުން ވެސް އެބަހުރި ކަމަށެވެ.

"ސޯޝަލް މީޑިޔާގައި ވަރުގަދަ ދިވެހިން ބައިވެރިކުރުމަށް ވެސް ވިސްނާފައިވޭ،" ޒިއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށެވެ.

"އިރާދުކުރެއްވިއްޔާ މި ޓާގެޓަށް ވާސިލް ވާނެ،" ޒިއަތު ވިދާޅުވި އެވެ.