ޑާންސް އަދި އެކްޝަން ސްޓަންޓުތަކުގެ ހުނަރާއެކު ޓައިގާގެ ހިތް އެތައް ބަޔަކު ވަނީ ދަމައިގެންފަ އެވެ. ބޮލީވުޑްގައި އޭނާގެ ފިލްމީ ކެރިއަރު ކުރިއަރައިގެން އަންނަނިކޮށް، މިހާރު ހޮލީވުޑް ފިލްމަކުންވެސް ފުރުސަތު ލިބިފައިވާކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.
ޓައިގާއަށް މި ފުރުސަތު ދެނީ "މޯޓަލް ކޮމްބެޓް" ފިލްމު ސީރީޒް އާއި "ފުޑްފައިޓް" ފިލްމު އުފެއްދި ހޮލީވުޑްގެ ޕްރޮޑިއުސަރު ލޯރެންސް ކަސަންއޯފް އެވެ. ރިޕޯޓުތައް ބުނާގޮތުން ލޯރެންސްއާއި އޭނާގެ ޓީމު ވަނީ ދާދިފަހުން މުމްބާއީއަށް ގޮސް މި ފިލްމާއި ބެހޭގޮތުން ޓައިގާއާއި މަޝްވަރާކޮށްފަ އެވެ.
މި ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ވިލަން އެކްޓަރު ގުލްޝަން ކުމާރްގެ ދަރިފުޅު ސަންޖޭ ގްރޯވާވެސް ހިއްސާ އޮވެގެން ތައްޔާރުކުރާ ފިލްމެއް ކަމަށްވެ އެވެ. އަދި މި ފިލްމަށް ޓައިގާ ނެގުމަށް ލޯރެންސްއަށް ހިޔާލުދިނީވެސް އޭނާ ކަމަށްވެ އެވެ.
ރަސްމީކޮށް އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާ މި ފިލްމާއި ބެހޭގޮތުން މަޝްވަރާކުރުމަށް، ލޯރެންސް މުމްބާއީއަށް ކުރި ދަތުރުގައި އެނާއާއެކު މި ފިލްމުގެ ސްކްރިޕްޓު ތައްޔާރުކުރާ އެމީ އެވޯޑު ހޯދާފައިވާ ލިޔުންތެރިޔާ ކެތެރިން ޑެރެކްވެސް ބައިވެރިވި ކަމަށްވެ އެވެ. ކެތެރިންއަކީ "ބެޓްމޭން" ސީރީޒްގެ ލިޔުންތެރިޔާ އެވެ.
ޑައިގާ އެންމެފަހުން ފެނިގެންދިޔައީ މިދިޔަ މާޗު މަހު ނިކުތް ސާޖިދު ނަޑިއާޑްވާލާގެ ފިލްމު "ބާގީ 2" އިންނެވެ. ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ އަންނަ އަހަރު މެއި 10 ގައި ރިލީޒްކުރާ ކަރަން ޖޯހަރްގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިންނެވެ.