ހަބަރު

ފުލުހުން މިނިވަންވާން ލިބޭ ފުރުސަތުގެ ބޭނުން ހިފާ: އަރީފު

ފުލުހުންގެ މުއައްސަސާ ވަނީ މި ސަރުކާރުގެ ސިޔާސީ އެޖެންޑާ ތަންފީޒުކުރާ އިދާރާއަކަށް ހަދާފައި ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

އަރީފްގެ މައްޗަށް ވަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ބަޔަކާއި ބައިވެރިވެގެން ދުރާލާ ރާވައިގެން ތަންފީޒު ކުރަން މަސައްކަތް ކުރިކަމަށްބުނެ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެމައްސަލައިގެ ޝަރީއަތް ދަނީ ކުރިއަށެވެ.

އަރީފް މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ވޭތުކުރި މުއްދަތުގެ ތެރޭގައި ފުލުހުންގެ ތެރޭގައި ހުރި ވަރަށް ގިނަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަމަށް އެއްބާރުލުން ދިނުމެއް ނެތި ފުލުހުންގެ މުއައްސަސާއަކީ ސަރުކާރުގެ ސިޔާސީ އެޖެންޑާ ތަންފީޒުކުރާ އިދާރާއަކަށް ހެދީ ކޮމިޝަން އޮފް ޕޮލިސްގެ މަގާމުގެ ބާރު ކަނޑުވާލުމަށްފަހު ކަމަށްވެސް އަރީފް ވިދާޅުވި އެވެ.

"ފުލުހުންގެ މުއައްސަސާއަށް މިހާރު ރައްދުވާ އެންމެހައި ހިތްހަމަނުޖެހުންތަކެއްގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ މިއަދުގެ ސަރުކާރު،" އަރީފް ވިދާޅުވި އެވެ.

ބަޔާނުގައި ވަނީ، ޣައިރު ގާނޫނީ އަމުރުތަކާއި ބޭއިންސާފުގެ ދިގު ސިލްސިލާއަކަށްފަހު އެކެއް ފެބުރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރު ތަންފީޒުކުރުމަށް ނިންމީ އެކަމަކީ ގާނޫނީ ވާޖިބެއްކަމުގައި ވާތީ ކަމަށެވެ. އަދި އެ ނިންމުން ނިންމީ ފުލުހުންގެ މުއައްސަސާގެ އިސްވެރިންނާވެސް ވާހަކަ ދެއްކުމަށްފަހު އެފަރާތްތަކުގެ ރުހުމާ ފުރިހަމަ ތާއީދާއެކު ކަމަށްވެސް ބަޔާނުގައި ވެއެވެ.

"އެހެންނަމަވެސް އަޅުގަނޑުގެ ގާނޫނީ ވާޖިބު އަދާކުރުމަކީ ކުށަކަށް ހައްދަވައި، މަގާމުން ވަކިކޮށް އަޅުގަނޑުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި މިވަނީ އެއްވެސް ގާނޫނީ ހުއްޖަތެއްނެތި ކަނޑައެޅިގެން ނުޙައްގުން، އަޅުގަނޑުގެ އިތުރުން، ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި އެސްއޯ ފުލުހުންގެ މައްޗަށް އުފުލި ދައުވާއަކީވެސް އެއްވެސް އަސާސެއްނެތި އުފުލާފައިވާ ދަޢުވާއެއް، ސަލާމަތީ ބާރުތަކުގެ އެކި މަގާމުތަކުގައި ހޭދަކުރި މުއްދަތަށްވެސް ރިއާޔަތްކުރުމެއްނެތި އަޅުގަނޑުމެންގެ މައްޗަށް ނުހައްގުން ދައުވާ އުފުލައި ޖަލަށްލާފައި މިވަނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އަމުރު ތަންފީޒުކުރަން މަސައްކަތްކުރުމުގެ ސަބަބުން" އަރީފް ވިދާޅުވި އެވެ.

އަރީފް ވިދާޅުވީ، ފުލުހުންނަކީ ޕްރޮފެޝަނަލްކޮށް ވަކި ފަރާތަކަށް ނުޖެހި ހަމައެކަނި ގާނޫނު އަސާސީއާ ގާނޫނަށް ތަބާވާންޖެހޭ ބައެއް ކަމަށާއި ފުލުހުންނަށް ކުރާ ޣައިރު ގާނޫނީ އަމުރަށް ތަބާ ނުވުމަކީ ފުލުހުންގެ ދުސްތޫރީ ވާޖިބެއް ކަމަށެވެ. އަދި ފުލުހުންގެ އިސްވެރިންނާއި ވަކިވަކި ފުލުހުންގެ މައްޗަށް ކުރާ ޣައިރު ގާނޫނީ އަމުރުތަކާއި ފުލުހުންނަށް ދައްކާ ވަޒީފާގެ ބިރަށް ނިމުން ގެނެސް ފުލުހުންގެ މުއައްސަސާއަކީ ހަމައެކަނި ރައްޔިތުންނަށް ހިދުމަތްކުރާ މުއައްސަސާއަކަށް ވާންޖެހޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.

"ކުރިއަށް މިއޮތް ރިޔާސީ އިންތިހާބު ބޭއްވޭ ދުވަހު ފުލުހުންގެ ދުސްތޫރީ ވާޖިބު އަދާކުރުމަށާއި އެއްވެސް ހަމަނުޖެހުމަކަށް ޖާގަ ނުދިނުމަށާއި ވޯޓުލުން ހުއްޓުމެއްނެތި ކުރިއަށްގޮސް އޮމާންކަމާއެކު ނިންމާލެވި، ނަތީޖާ އިއުލާނު ކުރެވުމާ ހަމައަށް ސަލާމަތީ ކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓުމަކީ ފުލުހުންގެ އެންމެ އިސް ވާޖިބު ކަމުގައި ހެދުމަށް އިލްތިމާސްކުރަން، ހަމައެއާއެކު، އެދުވަހު ރައްޔިތުން ނިންމާ ނިންމުން، ތަންފީޒުކުރުމުގައި ފަސްނުޖެހުމަށްވެސް ހުރިހާ ފުލުހުންނަށް އިލްތިމާސްކުރަން،" އަރީފް ވިދާޅުވި އެވެ.

އަރީފް އިތުރަށް ވިދާޅުވީ، ކަން ހިނގަމުންދިޔަ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އަދި އެންމެ ގާތުން ފެންނާނީ ފުލުހުންނަށް ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަށް ހައްގު އިހްތިރާމާއި ފުލުހުންގެ ދުސްތޫރީ ވާޖިބު އަދާކުރެވޭނޭ މާހައުލެއް އުފެއްދުމަށް ފުލުހުންނަށް ލިބޭ މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ނުހަނު އާދޭހާއެކު އެންމެހައި ފުލުހުންނަށް އަރީފް ވަނީ އިލްތިމާސްވެސް ކޮށްފަ އެވެ.