ބޮލީވުޑް

އަނުޝްކާގެ ފިރިމީހާ ފިލްމު ކުޅެނީ؟

Sep 22, 2018

އިންޑިއާގެ މަޝްހޫރު ކްރިކެޓު ކުޅުންތެރިޔާ އަދި މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާގެ ފިރިމީހާ ވިރާޓް ކޯލީ އިއްޔެ ކުރި ޓުވީޓަކާއި ގުޅިގެން އޭނާ ފިލްމީ ދާއިރާއަށް ނިކުންނީ ކަމަށް ބައެއް މީހުން ބުނަން ފަށައިފި އެވެ.

އެ ޓުވީޓްގައި ލިޔެފައި ވަނީ "10 އަހަރުފަހުން އަނެއްކާވެސް ޑެބިއުއެއް، ވަރަށް ކެތްމަދުވެފައި މިހުރީ،" އެވެ. ޓުވީޓާއެކު އާންމުކޮށްފައިވާ ޕޯސްޓަރުގައި "ޓްރެއިލާ: ދި މޫވީ" ޖަހާފައި އިންނެވެ. އަދި ރިލީޒްކުރާ ތާރީހެއްގެ ގޮތުގައި މި މަހު 28 ޖަހާފައި އިނެވެ.

އެ ޕޯސްޓަރުގައި ވިރާޓް 29، ހުރީ ރޯންގް ބްރޭންޑުގެ ސްޕޯޓްސް ޓީޝާޓެއް ލައިގެންނެވެ. ވިރާޓްއަކީ ރޯންގް ބްރޭންޑް އިޝްތިހާރުކުރާ އެމްބެސެޑަރެކެވެ. ޕޯސްޓަރުގެ ތިރީގައި "ރޯންގް ޕްރޮޑަކްޝަން" ލިޔެފައިވުމާއެކު ބޮޑަށް ބެލެވެނީ މިއީ އެ ބްރޭންޑްގެ އާ ޕްރޮޑަކްޓެއް ނެރުމަށް ކޮށްފައިވާ އިޝްތިހާރެއް ކަމަށެވެ.

ވިރާޓް ކުރި ޓުވީޓް.

ރިލީޒްކުރާނެކަމަށް ބުނެފައިވާ މި ތާރީހުގައި ވިރާޓްގެ އަންހެނުން އަނުޝްކާގެ އާ ފިލްމު "ސުއީ ދާގާ" ވެސް ނިކުންނާނެ އެވެ. އެ ފިލްމާއި ވިރާޓްގެ ޕޯސްޓަރާއިވެސް ގުޅުމެއް އޮތުން ގާތެވެ.

އެއީ އެ ފިލްމަކީ އިންޑިއާގައި އަންނައުނު ފަހާއި އޭގެ ވިޔަފާރީ ކުރާ މީހުންގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ފިލްމަކަށްވެފައި، ވިރާޓް އިޝްތިހާރުކުރަނީ ޕޯސްޓަރުގައި އޭނާ ލައިގެންހުރި ޓީޝާޓުކަމަށް ބެލެވޭތީ އެވެ. މިއީ އެ ދޭތި އެއްފަހަރާއި އިޝްތިހާރުކޮށްލުމަށް ކުރި ކަމަށްކަށްވެސް ވެދާނެ އެވެ.

އެހެން ވެއްޖެނަމަ ވިރާޓް ފިލްމަކުން ފެންނާނެކަމުގެ އުންމީދުގައި ތިބި މީހުންނަށް ވަރަށް ދެރަ އެވެ. ވިރާޓާއި އަނުޝްކާ ލޯބީގެ ގޮތުން ގުޅުމަށްފަހު ވަރަށް ގިނަ ފަހަރަށް އިވެންޓުގައި ވިރާޓް ފިލްމު ކުޅޭނަންތޯ މީޑިއާތަކުން ސުވާލުކޮށްފައިވެ އެވެ. ނަމަވެސް އެ ސުވާލަށް އެދެވޭ ޖަވާބެއް އޭނާ ދީފައެއް ނުވެ އެވެ.