ދިވެހި ސިނަމާ

ނިއުމާގެ ވަދާއީ ފިލްމް، ނިވައިރޯޅިގެ ޓްރެއިލާ ދޫކޮށްލައިފި

ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ. ޓްރެއިލާ ދޫކޮށްލީ އެކަމަށް ހާއްސަކޮށް ރޭގައި ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި "ނިވައިރޯޅި ކާޓެއިން ރެއިޒާ" އިވެންޓުގައި އެވެ.

ޓްރެއިލާއާއެކު ފިލްމުގެ އޮފިޝަލް ޕޯސްޓަރާއި ފިލްމުގެ ލަވައެއް އަދި ޕްރޮމޯޝަނަލް ލަވައެއްވެސް ވަނީ ދޫކޮށްލާފަ އެވެ. ޓްރެއިލާ އަދި ޕޯސްޓަރު ލޯންޗުކޮށް ދިނީ މަޝްހޫރު "ނޯޓް" ކޮސްމެޓިކްސްގެ ރާއްޖޭގެ މާކެޓިން މެނޭޖަރު އަހްމަދު ޝިޔާމެވެ.

"ނޯޓް" ކޮސްމެޓިކްސްއަކީ "ނިވައިރޯޅި" ގެ އޮފިޝަލް މޭކަޕް ޕާޓުނަރެވެ.

"ނިވައިރޯޅިގެ ޓްރެއިލާ އާންމުކުރުމާއެކު ވަރަށް ގިނަ ދުވަސްތަކެއްގެ އިންތިޒާރު ނިމުމަކަށް މި އައީ، ވަރަށް ބުރަ މަސައްކަތެއްގެ ކުޑަ ތަންކޮޅެއް ތި ފެނުނީ، ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ކަމުދާނެކަމަށް އުއްމީދުކުރަން،" މިހާރު އެންމެ އިންތިޒާކުރެވޭ ދިވެހި ފިލްމާއި ބެހޭގޮތުން ނިއުމާ ބުންޏެވެ.

"ނިވައިރޯޅި" ގެ ޓްރެއިލާ.

ރޭގެ ހަފްލާގައި ފިލްމުގެ ކާސްޓާއި ކްރޫ އަދި ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ބައިވެރިވި އެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ލައިވް ހުށަހެޅުންތަކެއްވެސް އަޑުއިވިގެންދިޔަ އެވެ.

ނިއުމާގެ ފިލްމީ ކެރިއަރަށް 24 އަހަރުފުރުންވެސް ރޭގައި ވަނީ ފާހަގަކޮށްފަ އެވެ. ނިއުމާ ފިލްމީ ދާއިރާއަށް ނިކުތީ 1994 ގައި ޑްރާމާ ސިލްސިލާ "ހިތި ތަޖުރިބާ" އިންނެވެ.

ނިއުމާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރިޕްޓާއި ޑައިރެކްޝަންގެ މަސައްކަތްކޮށްފައި ވަނީ މޫމިން ފުއާދު އެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ރ. އިނގުރައިދޫ އާއި މާލޭގައި އެވެ.

"ނިވައިރޯޅި"ގެ ޕްރޮމޯޝަނަލް ލަވަ.

ނިއުމާއާއިއެކު މި ފިލްމުގެ ކާސްޓުގައި ޔޫއްޕެ، ފާތިމަތު ޒީނަތު (ޒީތު)، އަމިނަތު ރިޝްފާ، އަހްމަދު އަޒްމީލް (އަޒޭ)، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، ނާޝިދާ މުހައްމަދު (ނާއްކޮ)، އާމިނަތު ނިފާ ރަޝީދު، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އަދި އަޖްނާޒް އަލީ ހިމެނެ އެވެ.

މި ފިލްމު ސިނަމާއަށް އަންނާނީ އަންނަ މަހު 15 ގައި އެވެ.