މި އަންނަ ބުރާސްފަތި ދުވަހަކީ ދިވެހި ފުޓްބޯޅައިގެ ފޯރިގަނޑެއް އަރައިގެން ގޮސް މުޅި ގައުމު އަނެއްކާވެސް އެކަތިގަނޑަކަށް ވާނެ ދުވަހެކެވެ. ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް މުބާރާތަށް ކޮލިފައިވުމުގެ ދެ ވަނަ މަރުހަލާގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ގަތަރުގެ ގައުމީ ޓީމާ ދެކޮޅަށް ގަލޮޅު ރަސްމީ ދަނޑުގައި ނުކުންނަ ދުވަހެވެ.
މި ފެންވަރުގެ މެޗެއް ދިވެހި ފަސްގަނޑުގައި ކުޅޭއިރު ހާއްސަނުވާންވީ ނުވަތަ ދިވެހިންގެ ލޭ ކައްކާނުލަންވީ އެއްވެސް ސަބަބެއް ނެތެވެ. އަނެއްކޮޅުން ދެކޮޅަށް ނުކުންނަ ޓީމަކީ ވެސް ފުޓްބޯޅައިގެ ދުނިޔޭގައި މިހާރު ނަން ހިނގާ ބާރާއި ނުފޫޒާއި ފެންވަރުގެ ގޮތުން ބެލިޔަސް މި ކުޑަކުޑަ ދިވެހި ރާއްޖެއާ އެތައް ގޮތަކުން ތަފާތު ޓީމެކެވެ.
ރަޝިއާ އަށް ފަހު ވޯލްޑް ކަޕް ބާއްވާ ގައުމެއްގެ ގޮތުގައި އޮތީ ވެސް ގަތަރެވެ.
ކޮންމެއަކަސް މިހުރިހައި ސަބަބުތަކަކާ ގުޅިގެން ގޮސް ރާއްޖެ އާއި ގަތަރާ ދެމެދު އޮތް ތަފާތު ވަރަށް ވެސް ބޮޑެވެ. ނަމަވެސް ފުޓްބޯޅަ އަކީ ވަށް އެއްޗެކޭ މީހުން ބުނާ ފަދައިން މި މެޗުން ހަމަ ކޮންމެ ކަހަލަ ނަތީޖާއެއް ވެސް ނުކުމެދާނެ އެވެ.
އެކަމަކު ރާއްޖެ އާއި ގަތަރު ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން މި ދެ ޓީމާއި ދެ ގައުމުގެ ތަފާތުތަކަށް ބަލާލުން ކިހނެތްވާނެ ހެއްޔެވެ؟
ގަލްފުގެ ގައުމެއްގެ ގޮތުގައި އޮތް ގަތަރަކީ 1.8 މިލިއަން މީހުން އާބާދީއެއް އޮތް ގައުމެކެވެ. އާބާދީ އާއި ސައިޒުގެ ގޮތުން އެހެން އަރަބި ގައުމުތަކާއި ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކަށް ވުރެ ފަހަތުގައި އޮތް ނަމަވެސް މިއީ އާރާއި ބާރާއި މުއްސަނދިކަމުގެ ގޮތުން އެފަދަ ދެ ވަނަ އެއް ނެތް ގައުމެކެވެ.
ބޮލަކަށް ޖެހޭ ނިސްބަތަށް ބަލައިގެން ތަރުތީބުކޮށްފައިވާ "ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ" ލިސްޓައި ގަތަރު އޮތީ އެއް ވަނައިގަ އެވެ.
މި ފެންވަރުން ދާ ނަމަ މި ބައިގައި ރާއްޖޭގެ ވާހަކަ ދައްކާނެ ކަމެއް ވެސް ނެތެއް ނޫން ހެއްޔެވެ؟ ރާއްޖޭގައި ގަތަރުގެ ޓީމު ކުޅެން ޖެހޭ މެޗަށް ހާއްސަ ގަލޮޅު ދަނޑުގެ ފެންވަރާ މެދުގައި ވެސް އެމީހުން އެތިބީ އެހާ ހިތްހަމައެއް ނުޖެހި އެވެ.
އިވޭ އަޑުތަކަށް ބަލާއިރު މި މެޗުގެ ކުރިން ދަނޑު އިންސްޕެޓްކުރަން އައި ގަތަރުގެ އޮފިޝަލުން މި މެޗަށް ހާއްސަކޮށްގެން ދަނޑުގެ ފެންވަރު ރަނގަޅުކުރުމަށް ވެސް ހުށަހެޅި ކަމަށް ބުނެވެ އެވެ.
މިހައި ހިސާބުން ދެން ފުޓްބޯޅައިގެ ދަނޑަށް ޖެހިލަމާ ހިނގާށެވެ.
މިދިޔަ މެއި މަހު އާންމުކުރި ފީފާގެ ރޭންކިން އަށް ބަލާއިރު ގަތަރު މިހާރު އޮތީ 99 ވަނައިގަ އެވެ. ނުވަ ދިހައިގެ ކުރީކޮޅު އެމީހުން މި ރޭންކިންގައި 51 ވަނަ އަށް ވެސް އެރި އެވެ. އަދި 2010 ވަނަ އަހަރު 114 ވަނަ އަށް ވެސް ވެއްޓުނެވެ.
އޭޝިއާގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް އޭޝިއަން ކަޕުގައި ނުވަ ފަހަރު ވާދަކޮށް 2011 ވަނަ އަހަރު މި މުބާރާތް ހޯސްޓްކުރި ނަމަވެސް ސަރަހައްދުގެ އެހެން ބާރުތަކުގެ ކުރިމަތީގައި ގަތަރު މާ ބޮޑު އެއްޗަކަށް ވެފައެއް ނެތެވެ. އެހެން ނަމަވެސް އަރަބި އެހެން ގައުމަކަށް ނުލިބޭ ޝަރަފެއް އެމީހުންނަށް މިފަހުން ލިބުމުން ގަތަރު ފުޓްބޯޅައިގެ ފެންވަރާއި ހިތްވަރު ވަނީ ހަތަރު ގިޔަރު ކުރިއަށް ޖެހިލައިފަ އެވެ.
އެހެންވީމަ ވޯލްޑް ކަޕް މުބާރާތެއް ބާއްވާ ފުރަތަމަ އަރަބި ގައުމުގެ ޝަރަފް ލިބިފައި އޮތުމުން އެމީހުންގެ ފެންވަރު އަހަރެމެން ވެސް ގުނަން ޖެހޭނީ ވަރަށް މަތިންނެވެ.
އަނެއްކޮޅުން މިދިޔަ އަހަރު ބޭއްވި ގަލްފް ކަޕް އޮފް ނޭޝަންސް އާއި ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން ޗެމްޕިއަންޝިޕް ވެސް ގަތަރުން ކާމިޔާބުކޮށްފައި ވުމަކީ އެމީހުން މި ވޯލްޑް ކަޕެއްގެ ފޯރިއަކާ އެކު ކުރިއަށް ޖެހިލާފައިވާވަރު ދައްކުވައިދޭ ދެ ކާމިޔާބީ އެވެ.
މިފަދަ ނަޒަރަކުން ރާއްޖެ އަށް ބަލާލާއިރު ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި ރާއްޖެ އަކީ ގަދަ ބާރެކެވެ. ފަހަރެއްގައި ރާއްޖޭގެ ނަސީބަކީ ކުރިކެޓަށް މަރުދޭ ގައުމުތަކެއްގެ ތެރޭގައި ލައްވާލާފައި އޮތުމެވެ.
ކޮންމެއަކަސް ސަރަހައްދުގެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަން ޝިޕް ކޯ-ހޯސްޓްކޮށް ކޮންމެ ފަހަރަކު ވާދަކޮށް އެއް ފަހަރު މި މުބާރާތް އެ ވަނީ ކާމިޔާބު ވެސްކޮށްފަ އެވެ.
ރޭންކިން އަށް ބަލާއިރު ރާއްޖެ މިހާރު އޮތީ 38 ދަރަޖަ ފަހަތަށް ޖެހި 178 ވަނައިގަ އެވެ. މި ރޭހުގައި އެންމެ ކުރިއަށް އެރީ 126 ވަނަ އަށެވެ. އަދި އެންމެ ފުލަށް ވެއްޓުނީ 1997 ވަނަ އަހަރު، 183 ވަނަ އަށެވެ.
ޝަރަފްވެރި އޭޝިއަން ކަޕަކަށް ދިވެހިން ދުވަހަކު ވެސް ކޮލިފައެއް ނުވެ އެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ގަތަރުން ދެ އަހަރު ކުޅެފައިވެ އެވެ.
ގަތަރުން އަންނަނީ 1978 ވަނަ އަހަރު އާޖެންޓީނާގައި ބޭއްވި މުބާރާތުން ފެށިގެން ވޯލްޑް ކަޕް ކޮލިފައިންގައި މެދު ނުކެނޑި ވާދަކުރަމުންނެވެ. އަދިވެސް ވޯލްޑް ކަޕްގައި ކުޅުމުގެ ނަސީބެއް އެމީހުންނަކަށް ނުލިބެ އެވެ.
ކޮލިފައިންގައި މިހާތަނަށް ކުޅުނު 94 މެޗުގައި އެމީހުން މޮޅުވެފައި ވަނީ 41 މެޗުންނެވެ. މީގެ ތެރެއިން 21 މެޗު އެއްވަރުވިއިރު 32 މެޗުން ވީ ބައްޔެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ރޭހުގައި ގަތަރުން މިހާތަނަށް 144 ގޯލު ޖަހާފައިވާއިރު އެމީހުން ކޮޅަށް 102 ލަނޑު ވަދެފައިވެ އެވެ. މެޗުތަކުން ލިބިފައިވާ ޕޮއިންޓްތަކުގެ ޖުމްލަ އަދަދަކީ 144 ކެވެ.
ރާއްޖެ ކޮޅަށް ވެސް ވޯލްކަޕް ކޮލިފައިންގައި ވަނީ 100 ލަނޑު ވަދެފަ އެވެ. ރާއްޖެ އިން މިހާތަނަށް ކޮލިފައިންގެ 24 މެޗެއް ކުޅެފައިވާއިރު މޮޅުވެފައި ވަނީ އެންމެ ފަސް މެޗުންނެވެ.
ދެ މެޗު އެއްވަރުވެފައިވާއިރު 17 މެޗުން ބަލިވެފައިވެ އެވެ. އެއް ވަރުކުރި ދެ މެޗުގެ ތެރެއިން އެއް މެޗަކީ 2004 ވަނަ އަހަރު ގަލޮޅު ދަނޑުގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅެ އެއްވަރުކުރި މަޝްހޫރު މެޗެވެ.
ރާއްޖެ އިން ވޯލްޑް ކަޕްގެ ކޮލިފައިންގައި 28 ގޯލު ޖަހާފައިވުމަކީ ފަހުރުވެރިވާވަރުގެ އަދަދެކެވެ. ލިބުނު ޕޮއިޓްތަކުގެ ޖުމްލަ އަކީ 17 އެވެ.
ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖެ އާއި 17އާ ދެމެދު އޮތް ހާއްސަ ގުޅުން ވެސް ފާހަގަކޮށްލެވެ އެވެ. މިހާތަނަށް 17 މެޗުން ބަލިވެ، 17 ޕޮއިންޓް ޖުމްލަކޮށް ލިބިފައިވާއިރު 97 ވަނަ އަހަރު، ކޮލިފައިން މެޗެއްގައި އީރާނުން ރާއްޖެ ކޮޅަށް 17 ލަނޑު ވެސް ޖެހި އެވެ.
ދެ ޓީމުގެ ކުޅުންތެރިންގެ އުމުރަށް ބަލާއިރު ޒުވާންކަމުގެ ފޯރި ދެ ޓީމުގައި ވެސް މި އުޅެނީ ގާތްގަނޑަކަށް އެއް ވަރެއްގަ އެވެ. އަދި މި ދެ ޓީމު ކުރިމަތިލާއިރު ދަނޑުމަތީގައި ހުންނާނެ ކަމަށް ލަފާކުރެވޭ އެންމެ ދޮށީ ކުޅުންތެރިޔަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކީޕަރު އިމްރާން މުހައްމަދެވެ. އޭނާ އަށް މިހާރު 34 އަހަރެވެ.
މީގެ އިތުރުން ރާއްޖޭގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ ނުރައްކާތެރި ފޯވާޑް އަލީ އަޝްފާގު މި މެޗުގައި ކުޅޭ ނަމަ އޭނާ ވެގެން ދާނީ މި މެޗަށް ދެ ޓީމުން އަރާ ކުޅުންތެރިންގެ ތެރެއިން، ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާ އަށެވެ. ނަވާނީސް އަހަރުގެ އަޝްފާގު ވަނީ މިހާތަނަށް ގައުމީ ޓީމަށް 101 މެޗު ކުޅެފަ އެވެ.
ގަތަރުގެ ކޯޗަކީ ހޯސޭ ޑެނިއަލް ކެރީނޯ އެވެ. ރާއްޖެއާ ދެކޮޅަށް ގަތަރުން ކުޅޭ މި މެޗަކީ އޭނާގެ އިރުޝާދާ އެކު އެމީހުން ވާދަވެރި މެޗަކަށް ނުކުންނާނެ ފުރަތަމަ މެޗެވެ.
މި ކޯޗު ގަތަރަށް ގެނައީ ނިމިގެން ދިޔަ އޭޝިއަން ކަޕްގައި ޕޮއިންޓެއް ނުލިބި ގަތަރު ކަޓައިގެން ދިއުމުންނެވެ. އެއަށް ފަހު ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިކަމުގެ ދެ މެޗު ކުޅެފައިވާއިރު އެއް މެޗުން އެއް ވަރުގެ އަނެއް މެޗުން ވަނީ ބަލިވެފަ އެވެ.
ގަތަރުން ކުޅުނީ އުތުރު އަޔަލެންޑާއި ސްކޮޓްލެންޑާ އެވެ.
ރާއްޖެ އިން މެޗަށް ތައްޔާރުވުމުގެ ކުރިން ކުޅެފައި ވަނީ ދެކުނު ކޮރެއާގެ ދެ ވަނަ ޑިވިޝަނުގެ ޓީމަކާ އެވެ. އެ މެޗު ވީ 2-2 އިން އެއްވަރެވެ.
ރާއްޖޭގައި ތުރުކެމިނިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ވީ ބައްޔެވެ. އެހެންވީމަ މި ދެ ޓީމު ވެސް މި އޮތީ މި މެޗު ތައްޔާރީގެ ކެމްޕޭނުގައި މެޗަކުން މޮޅެއް ނުވެ އެވެ.
ރާއްޖެ އާއި ގަތަރު ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ ނުވައެއް ޖަހާއިރު އެވެ.