ވާހަކަ

ބުނެދޭށޭރުހެމޭ

(20 ސެޕްޓެމްބަރ 2018 އާ ގުޅޭ)

"އަހަރެން ވެސް ހިޔެއްނުކުރަން މިހިސާބަށް އާދެވިދާނެއެކޭ... އެކަމަކު މިހާރު ޔަގީންވެއްޖެ ކައިވެނީގެ ނަސީބު އަހަރެންގެ ތަޤުދީރުގައި ލިޔެވިފައިވާކަން، މި އުފާވެރިކަމަށް އަރްސަލްއަށް ޝުކުރުވެރިވަން، އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލި މީހަކީތީ" ނިމްރާގެ އަތަށް ބާރުލަމުން އަރްސަލްގެ އަތުގައި ބާރަށް ހިފާލިއެވެ. އަދި އޭނާއާ ގާތަށް ޖެހިލައި ކޮނޑުގައި ބޯއަޅާލިއެވެ.

ނިމްރާގެ ފަރާތުން އަރްސަލް އަޑުއަހަން ބޭނުންވި ލަފުޒުތައް އިވިގެން ދިޔަ ހިނދު އެއްވެސް އިޚްތިޔާރެއްނެތި ހިނިތުންވެވުނީ ހިތަށް ލިބުނު ފިނިކަމެއްގެ ސަބަބުންނެވެ. ނިމްރާގެ ދިރިއުޅުން އާބާދުކޮށްދޭ މީހަކީ އޭނާކަމުގައިވުން އެއީ އަރްސަލްގެ ހިތުގައި ނިމްރާއަށް ޚާއްޞަކަމެއް ދެވުނު ދުވަހުން ފެށިގެން އޭނާ އެދެމުންއައި އެއް އެދުމެވެ. ނިމްރާ ލޯބި އޭނާއަށް ލިބިއްޖެއެވެ. އެ ހިތުގައިވަނީ ހަމައެކަނި އަރްސަލްކަން މިހާރު އޭނާއަށް ޔަގީންވެއެވެ. އަދި ނިމްރާ އެންމެ އިތުބާރުކުރާ ފަރާތަކީ ވެސް ޚުދު އަރްސަލްއެވެ.

ޕެންޓްހައުސް އެޕާޓްމެންޓަށް އަރްސަލްއާއެކު ނިމްރާ ވަނެވެ. އެތަނުގައި މާގިނަ ވަގުތެއް އަރްސަލް ހޭދައެއް ނުކުރިއެވެ. އަރްސަލްގެ އެއްވެސް އެދުމަކަށް ނިމްރާ ދެކޮޅު ނަހަދާނޭކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް ޒިވަން ދެއްކި ވާހަކަތައް ސިކުނޑިން އެއްފަރާތްކޮށް ނުލެވުނެވެ. ނިމްރާ ފެންނަލެއް ނުހަނު ޗާލުވެފައި ހިތްއުފާވާފަދަ ބާރެއް އޭނާއާ ގާތަށް އަރްސަލް ދަމާ ކަހަލަ އިޙްސާސެއް ކުރެވުނެވެ. ނަމަވެސް އޭނާ އެ އިޙްސާސްތަކަށް ފުރުޞަތެއް ނުދިނެވެ. އެ ނިންމުމަކީ ކޮންމެހެން ޒިވަން ބުނީތީ ނިންމި ނިންމުމެއްނޫންކަން އަމިއްލަ ނަފްސަށް އޭނާ ވިސްނައިދިނެވެ.

ފެންވަރާލައިގެން ނުކުތް ނިމްރާ ނިދަން ތައްޔާރުވެލިއެވެ. އޭނާ އާންމުކޮށް ނިދަންލާ ކަކުލުން މައްޗަށް ހުންނަ ގަޔަށް ދޫ ބޮޑު ޓީޝާޓު ގަޔަށް ހެޔޮވަރުކޮށްލިއެވެ. ރީތިވާ މޭޒުގެ މަތީގައި ހަރުކޮށްފައި ހުރި ވަށް ލޯގަނޑުން ނިމްރާގެ އަމިއްލަ ސޫރަ ބަލާލައި އިސްތަށިގަނޑު ރީތިކޮށްލިއެވެ. އެނދާ ދިމާއަށް އެނބުރިލީ ރީތިވާ މޭޒުމަތީ ބޭއްވި އަނގޮއްޓި ހިފައިގެންނެވެ. އެނދުގެ ކޮމްފޯޓާ ހިއްލާލައި އެއްފަރާތްކޮށްލަމުން ނިމްރާ އެނދަށް އެރިއެވެ. އަދި އަތުގައި އޮތް އަނގޮއްޓިއަށް އޭނާ ވަރަށް ރަނގަޅަށް ބަލާލިއެވެ. ކަށި އިނގިއްޔަށް އެ އަނގޮއްޓި ލައްވާލައި އަތްތިލަށް ނިމްރާ ބަލަން އިނެވެ. މާގިނަ ގޮތްތަކެއް ހަދާފައިވާ އަނގޮއްޓިއެއް ނޫނެވެ. ސާދާސީދާ ގޮތެއް ފެންނަފެނުމަށް ހުރުމީ ނިމްރާއަށް އެ އަނގޮއްޓިކަމުދިޔަ ކަމެކެވެ. ނަމަވެސް އެއީ އާދައިގެ އަނގޮއްޓިއެއްނޫނެވެ. ބިސްބުރު ބައްޓަމަށްވާ އަލިމަހުގެ ވިދުން ގަދައެވެ. ހުދުރަނުގެ އެ އަނގޮއްޓީގައިވާ އަލިމަހުގެ ސައިޒާއި އަނގޮއްޓީގެ ވަކި ހިސާބަކަށް ޖަހާފައިވާ ކުދި އެސްތަކަށް ބަލާލުމުން ވެސް އެއީ އަނގުބޮޑު އަނގޮއްޓިއެއްކަން ދެނަގަންނާކަށް އުނދަގުލެއްނުވާނެއެވެ. ނިމްރާއަށް އެ އަނގޮއްޓީގެ އަގު ބޮޑުވީ އެހެންވެއެއްނޫނެވެ. އެ އަނގޮއްޓިއަކީ އަރްސަލް އޭނާގެ އިނގިލީގައި އެޅުވި އަނގޮއްޓިއަކަށް ވުމާއެކު އެއީ ޝަރުމީނުގެ ހަނދާނަކަށްވުމަކީ އޭގެ އަގު ނިމްރާއަށް އެތައްގުނައެއް އިތުރުވި ކަމެކެވެ. ފަނޑުވުމެއްނެތް ހިނިތުންވުމެއް ނިމްރާގެ ތުންފަތުގައިވިއެވެ.

* * * * *

"ކޮންކަމާ މާ ހިނިއައިސްފައި ތި އޮތީ؟" އެނދުގައި އޮށޯންނަން އައި ޝަރުމީނަށް ބިލާލު ހިނިއައިސްފައި އޮވެ ބަލާތީ އަހާނުލާ ނުހުރެވުނީއެވެ.

"އެއީ ޝަރޫ ވަރަށް ބޭނުންވެގެން އުޅެނިކޮށް އަހަރެން ހައްދައިގެން ގެނެސްދިން ހަދިޔާއެއްނު" ހިނިތުންވެލައިގެން އޮތް ބިލާލު ބުނެލިއެވެ.

"ކޮބާ؟" ޝަރުމީނު ނޭނގޭކަމަށް ހެދުނެވެ.

"އަރްސަލްއަށް ދިން އަނގޮއްޓި" ބިލާލު ސާފުކޮށް ބުނެލިއެވެ. އެހިނދު ޝަރުމީނު ވެސް ހިނިތުންވެލީއެވެ. އަދި ބިލާލުގެ ގާތުގައި އޮށޯވެލައި އޭނާގެ މޭގައި ފޮރުމާލިއެވެ.

"ނިމްގެ އިނގިލިން އެ އަނގޮއްޓި ފެންނަ ކޮންމެ ފަހަރަކު ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން އަހަރެންގެ އަތުގައި އެ އަނގޮއްޓި ބާއްވައިގެން ނުލިބުނީސް، ބިލާލު، އަހަރެން ދިން އަނގޮއްޓިއޭ އަރްސަލްގެ ވާންއުޅޭ އަނބިމީހާގެ އިނގިލީގައި އެ އެޅުވީ، މިރޭ އަހަރެން ހާދަ އުފާވެއްޖެޔޭ، އެކަހަލަ ކިތަންމެ އަނގޮއްޓިއެއް އިރާދަކުރެއްވިއްޔާ ލިބިދާނެ، އެކަމަކު ދެވަނަ އަރްސަލްއެއް އަހަރެމެންނަކަށް ނުލިބޭނެ، އެކުއްޖާގެ އުފަލަށް ޓަކައި އަހަރެންނަށް ކުރެވުނު ކޮންމެ ކަމެއްކޮށްދޭނަން" ޝަރުމީނު ހިނިތުންވެލިއެވެ.

"އަރްސަލްއަށް އައި ހުރިހާ ބަދަލެއް ގުޅިފައިވަނީ ނިމްރާއާ، އެހާ ޅައުމުރުގައި ޢާއިލާއާއަކާ ނުލާ އޭނާ އެ އުޅެނީ، އެ ދެކުދީންގެ ދިމާވީ ކިހިނެއްބާއޭ ކިތަންމެ ފަހަރަކު ހިތަށް އަރާ، ހިތަށް އަރަނީ މީ ތަޤުދީރުގެ ނިޔާއޭ، އެ ދެކުދީންގެ ހަޔާތުގައި ވެސް ބޮޑުކަމަކާ ކުރިމަތިވި ހިނދު އެ ދެކުދީން އެއްތަން ކުރުވީ އެކަކުއަނެކަކަށް ޓަކައި، އަހަރެމެންނަށް ނޭނގޭ ކޮންމެވެސް ކަމެއް އެ ދެމެދުގައި އެބައޮތް، އަރްސަލް ބުނަން ބޭނުންނުވާކަން އަހަރެންނަށް މިހާރު ޔަގީންވޭ، އިތުރަށް އޮޅުންފިލުވަން މަސައްކަތްނުކުރަނީ އެހެންވެ" ބިލާލު ވާހަކަދެއްކީ ވިސްނަން އޮވެއެވެ.

"އެ ދެމެދުގައި އަނެއްކާ ހިނގީ ކިހާވަރެއްގެ ކަމެއްބާ؟" ބިލާލުގެ ވާހަކަތައް އަޑުއަހަން އޮވެފައި ޝަރުމީނު ބުނެލިއެވެ.

"ހަމައެއްގޮތަކަށް ވެސް ނޭނގެ، ޙަލަފުގެ ވާހަކައިން ނިމްރާ ހުރި ރާދިންއާއި އަރްސަލްއާއެކު ހުޅުމާލޭގައި އެ މީހުން އުޅުނު ގޭގައި، މީހަކު ނުބުންޏަސް އަހަންނަށް އެނގޭ މިހާރު ނިމްރާ ހުންނަނީ ހޮޓެލްގައިކަން، ނިމްރާގެ ގޭގައި ހޮޓެލް އަޅާފައި އެ ހުރީ، އެ ގެ އޮތީ ބޭންކަށް ނަގާފައި، އަރްސަލް އެ ގެ ބޭނުންވެގެން އުޅޭތީވެ އަހަރެންނާއި މުއްޠަލިބު ވެސް އެކަމުގައި އޭނާއަށް އެހީވިން، އޭރުއްސުރެ އެ ދެ މީހުން އެކަކުއަނެކަކު ދަންނަނީހެން ހީވަނީ، އެކަމަކު އޭރު އަދި ލޫން ވަކިވިތާ ގިނަދުވަހެއްނުވާނެ، އަހަރެން ވަރަށް ގިނަ ގޮތްގޮތަށް ވިސްނައިފައިން، އެހެންވިޔަސް ހުރިހާ ބޮޅުތަކެއް ގުޅުވައެއް ނުލެވުނު، ހަޤީޤަތް އެނގޭނީ އަރްސަލް ކިޔައިދިނިއްޔާ" ބިލާލު ބުންޏެވެ.

"އަހަރެމެންނަށް އެނގުން މުހިންމުނަމަ އަރްސަލް ނުބުނެއެއް ނުހުންނާނެ، ނިމްރާއަކީ ވިޔާނުދާކުއްޖެއްނަމަ އަރްސަލް ނުގުޅޭނެ އެފަދަ ކުއްޖަކާ، އަރްސަލްއަށް ވަރަށް ބޮޑަށް ނިމްރާ އެނގޭ، އެ ދެކުދީންގެ މެދުގައި ގާތްކަމާއި ލޯބި އެބައޮތް، އަހަރެން ދުށިން... އެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން އެ ދެކުދީންނަށް ބަލައިފި މީހަކަށް ސިއްރެއްނުވާނެ، އަރްސަލްއަށް އިތުބާރުކޮށްފައި އަޅާނުލާން އަހަންނަށް ފެންނަނީ، އެނގެންވީކަމެއްނަމަ އަރްސަލް ނުބުންޏަސް އެނގޭނެ، ނޫނީ އެ ދަރިފުޅު އަމިއްލައަށް އައިސް ބުނާނެ" ޝަރުމީނުގެ ޚިޔާލު ފާޅުކުރިއެވެ.

"އާން! އަހަރެން ވެސް ޤަބޫލުކުރަނީ ތިހެން، އެހެންވެ އެއްވެސް އެއްޗެއް އިތުރަށް ނާހަން މިހުންނަނީ، ދެން ހިނގާ ނިދަމާ" ބިލާލު ހިނިތުންވެލިއެވެ.

* * * * *

މެންދުރުފަހުގެ ވަގުތެއްގައި ކޯޓުން ކީފާ ނުކުތީ ގެއަށް ދިއުމަށެވެ. އޭނާ ޓެކްސީއަކަށް ގުޅައިގެން މަގުގެ އެއްފަރާތު ދުވާރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. މަގުމައްޗަށް ސަމާލުކަން ދީގެން ހުއްޓާ ކީފާގެ ލޮލުގައި ޕްރައިވެޓް ކާރެއް އަޅައިގަތެވެ. ނަންބަރު ބޯޑު ފެނި އިތުރަށް ޔަގީންކުރެވުނެވެ. އެއީ އަރްސަލް ދުއްވާ ކާރެވެ. ކާރުގައި ތިބިތަން ފެނުނީ އަރްސަލްއާއި ނިމްރާއެވެ. ފޫހިކަމާއެކު ކީފާއަށް ތުންފިއްތާލެވުނެވެ. ހިތުގެ އަޑިން ކުދިކިޔާލެވުނެވެ. ނިމްރާގެ މައްޗަށް އޮތް ހަސަދަވެރިކަމުގައި ސިއްރުން ބަދަބަސް ބުނެހެދިއެވެ.

"އަދިވެސް އެ ދެ މީހުން ދުރަށްދާކަށް ނޫޅޭތަ؟" ކީފާއަށް ބުނެލެވުނެވެ.

ގިނައިރެއްނުވެ އައި ޓެކްސީއަށް ނިމްރާ އެރިއެވެ. ގެއާ ހަމައަށް އާދެވުނުއިރު ވެސް އޭނާ އިނީ ފުސްމޫނު ހަދައިގެންނެވެ. ޓެކްސީއަށް ފައިސާ ދީފައި ހަލުވިކޮށް އައިސް އޭނާ އުޅޭ ފްލެޓަށް އެރިއެވެ. އެޕާޓްމެންޓަށް ވަންގޮތަށް އަވަސްވީ އޭނާގެ ކޮޓަރިއަށް ވަނުމަށެވެ.

"ވަރަށް ފޫހިވޭ، މި ހުރިހާވަރެއްކުރާއިރު ވެސް އެ އަންހެނާ އަރްސަލް ދޫކޮށްލާކަށް ނޫޅޭ" އެނދުމައްޗަށް އަތްދަބަސް ކީފާ އެއްލާލިއެވެ. ޗުސް ކަނޑާލާފައި ކީފާ އެނދުގައި އިށީނެވެ. އިރުކޮޅަކު ބޮލުގައި ހިފަހައްޓާލައިގެން އިނދެފައި ދަބަހުން ފޯނު ނެގިއެވެ.

"މިޢުވާނު، ކޮބާ ކަލޭ" ރުންކުރުކަމާއެކު ކީފާ ބުނެލިއެވެ.

"ކިހިނެއްވީ؟ ކަމަނާ ހާދަ ދޮންބޮޑުވެފައި" މިޢުވާނު ކުރީ ސަމާސާއެވެ.

"ކަލޭ ކަމެއްކުރާނޭކަމަށް އަހަރެން މިހުންނަނީ، މިއަދު ބައްދަލުކުރަން ބޭނުން، ސެވަންގަ އަހަރެން ދާނަން އަހަރެމެން މީޓްކުރާ ތަނަށް" ކީފާ ބުންޏެވެ.

"އަދި ކަމެއްނުވެފައެއް ނެތެއްނު، މަށަށް ކޮފީ ދޭނަންތަ؟" މިޢުވާނު އަހާލިއެވެ.

"އަހަރެންގެ އަތުން ދޯ ކަލޭ އާންމުކޮށް ކޮފީ ބޮނީ، ބޭކާރު ވާހަކަ ނުދައްކާ އަންނާނަމޭ ބުނޭ" ކީފާ އަމުރުކޮށްލިއެވެ.

"އޯކޭ ބޭބްސް، ސެވަންއަށް ދާނަން، އެކަމަކު ތިއަށްވުރެ ރީތިކޮށް ބުނީމަ... އަހަރެން ވަރަށް ފޫހިވޭ އަންހެންކުދީން އަހަންނަށް އަމުރުކުރަންޏާ" މިޢުވާނުގެ ވާހަކަތައް އަޑުއަހަން އިން ކީފާ ދަތްކުނޑިވިކާލިއެވެ. ވަގުތުން ދެބުމަ ގޮއްޖެހުނެވެ.

"މަމީ ނިމްރާއެއްނޫން ކުޑަވެފައި ހުންނާކަށް، މަށަށް ހީވަނީ މިހާރު ކަލެއަށް ވެސް މިކަން ނުވީހެން، އެހެންވީމަ ކަލެއާއެކު ވަގުތު ބޭކާރުކުރުން ހުއްޓާލަންވީހެން" ކީފާގެ އަޑުގައި އަދިވެސް ހުރީ ނުރުހުންތެރިކަމެވެ.

"އޭތް! އޭތް! މަށަށް ނުވެފަ ކޮބާތަ؟ ކުއްލިއަކަށް މާ ރުޅިއެއް ގަދަވެގެން ތިއުޅެނީ ކިހިނެއްތަވީ؟ އާން! މިވަގުތު ނުކިޔާދިނަސް ހެޔޮ، އަހަރެން މިހުރީ ކަމެއްގައި، މިރޭ ދާނަން، ދިޔައީމަ ތި ވެގެން އުޅޭ ގޮތެއް ކިޔައިދީ" މިޢުވާނު މިހެންބުނެ ފޯނުކޯލު ކަނޑާލީއެވެ. ފޫހިކަމުގެ އަޑެއް ލައްވާލަމުން ކީފާ ފޯނަށް ބަލާލިއެވެ.

* * * * *

ނިޝާންމެން ގެއިން ހެދުން ނަގައިގެން އަރްސަލްއާއެކު ކާރުގައި ނިމްރާ ހޮޓެލަށް އައެވެ. ޝިހާނާގެ ރަންކިއުމުގެ ޙަފުލާ އޮތީ އެރެއެވެ. ނިމްރާމެންގެ ޙަފުލާ ބޭއްވި ގަޑިއަށެވެ. ނިމްރާ ބަލާ އަންނާނަން ކަމުގައި އަރްސަލް ބުންޏެވެ. އެޕާޓްމެންޓުގައި އަރްސަލް މަޑުކޮށްލައިގެން އިނީ ނިމްރާ ހެދުން ކޮޓަރިއަށް ލާފައި އައުމުން އޭނާގެ ގާތުގައި ބުނެފައި ދާންވެގެންނެވެ. އެހެން އިންދާ ކޮފީމޭޒުމަތީ ނިމްރާ ބާއްވާފައި ދިޔަ ފޯނު ވައިބްރޭޓްވާން ފެށުމުން އެ ފޯނު އަރްސަލް ނެގިއެވެ. އިސްކުރީނުން ފެނުނީ ޒިވަންގެ ނަމެވެ. ރިންގުވެފައި ފޯނު ކެނޑެންދެން އަރްސަލް އިނީއެވެ. ފޯނުކޯލު ކެނޑުނުތާ ގިނައިރެއްނުވެ ދެން ފެނުނީ ޒިވަން މެސެޖެއް ކުރިތަނެވެ. ރޭގެ ޙަފުލާގައި ނިމްރާގެ ރީތިވާހަކައާއި ރޭގައި ނެގި ފޮޓޯތައް ފޮނުވާފައި ހުންނާނޭކަން ޒިވަން ބުނެފައި އޮތެވެ. ޒިވަންގެ ތަޢުރީފުގެ ބަސްތަކުން އަރްސަލްއަށް ބުނެދޭން ނޭނގޭ ގޮތެއްވިއެވެ. ދެ ޚިޔާލެއްގައި އިނދެފައި ވެސް ނިމްރާގެ ފޯނު ހުޅުވާލައި ބަލާލަން އަރްސަލް އުޅުނެވެ.

"ދެން ދާން ދޯ ތިއުޅެނީ" ނިމްރާގެ އަޑު އިވުމުން އަރްސަލް އަވަހަށް ފޯނުގެ އިސްކުރީނު ނިއްވާލައިފިއެވެ.

"ހޫމް!... ސްކާލެޓް އައީމަ ދާންވެގެން މި އިނީ، އަން ފޯނު، ޒިވަން ގުޅި" ސޯފާއިން ތެދުވެ އަރްސަލްގެ އަތުގައި އޮތް ފޯނު ނިމްރާއަށް ދިއްކޮށްލިއެވެ.

"ކިހިނެއްވީއޯ އޭނަ ގުޅީ" ނިމްރާ އަހާލިއެވެ.

"ފޮޓޯތަކެއްގެ ވާހަކަބުނެފަ މެސެޖުކޮށްފަ އެބައޮތް، އިހަށް ފޯނު ބާއްވާފައި އާދެބަލަ އަހަރެން ގާތަށް" ނިމްރާ ފޯނަށް ބަލަން އުޅެން ފެށުމުން އޭނާގެ އަތުގައި ހިފާ އަރްސަލްއާ ގާތަށް ދަމާލިއެވެ. އަދި ނިމްރާގެ ކޯތާފަތުގައި ފިރުމާލާފައި ބޮސްދީފިއެވެ.

"ތިއުޅެނީ އެހެންކަމަކު... ދެން ދޭ، ރާދު ހުންނާނެ ލަސްވެފައި" އަރްސަލް އުޅެންފެށި ގޮތުން އޭނާ ދުރަށް ޖައްސާލަން މަސައްކަތްކުރަމުން ނިމްރާ ބުނެލިއެވެ. އެހިނދު އަރްސަލް ލުއިގޮތަކަށް ހީނލިއެވެ. ނިމްރާގެ ކޯތާފަތުގެ ދެފަރާތުން ހިފަހައްޓާލައި އޭނާގެ ދެއަތުގެ ތެރޭ އެ މޫނު ހައްޔަރުކޮށްލިއެވެ. ނޭވާ ހިނދިދާނޭ ހީވާހާ އަސަރާއެކު ނިމްރާގެ ތުންފަތުގައި އަރްސަލް ބޮސްދިނެވެ.

"ނައު އައި ކޭން ލީވް" ހިނިއައިސްފައި ހުރެ އަރްސަލް ބުނެލިއެވެ.

"ޑެވިލް" ނިމްރާ މަޑުމަޑުން ބުނެލިއެވެ. އެ އަޑު އިވި އިހުނަށްވުރެ ބާރަށް އަރްސަލް ހީނގަތެވެ. އަދި އެޕާޓްމެންޓުގެ ދޮރުން ނުކުންނަން ހިނގައިގަތެވެ. ނިމްރާ ހުރި ފިޔަވަޅުމަތީ ގުޑިލަން ނޭނގިފައި ހުރީއެވެ. ކޯތާފަތާއި ތުންފަތުގައި މަޑުމަޑުން އަތްޖައްސާލެވުނެވެ. ރަކި ހިނިތުންވުމަކާއެކު ދެފަރާތަށް ނިމްރާ ބޯހޫރާލިއެވެ.

"ޕާވާޓް ފުރޭތައެއް ހުވާ" ނިމްރާއަށް ބުނެލެވުނެވެ.

* * * * *

އަށެއް ޖަހަނިކޮށް ނިމްރާ ބަލައި އަރްސަލް އައިސް ޕެންޓްހައުސް އެޕާޓްމެންޓަށް ވަނެވެ. އޭރު ބްރެކްޕަސްޓް އައިލެންޑްގެ ސްޓޫލްއެއްގައި ޒިވަން އިންތަން ފެނުމުން އޭނާއަށް ހުއްޓުންއެރިއެވެ. ހައިރާންކަމާއެކު އެޕާޓްމެންޓް ތެރެ ހޯދާލެވުނެވެ. ފޯނާ ކުޅެން އިން ޒިވަންގެ ނަޒަރު ވެސް ދޮރުން ވަދެ ހުރި އަރްސަލްއަށް ހުއްޓުނެވެ. ނިމްރާ ފެންނާކަށް ނެތެވެ.
"ޒިވަން، ވަޓް އާ ޔޫ ޑުއިން ހިއާ" އަރްސަލްގެ އަޑުގައިވަނީ ސީރިއަސްކަމެވެ. (ނުނިމޭ)