ހޮލީވުޑް

މެޓް ޑޭމަން އަނެއްކާވެސް ޖައްވަށް ގޮސް ގެއްލެނީ!

މި އަހަރު ފިލްމަކަށް އިންތިޒާރުކުރާ ނަމަ އިންތިޒާރުކުރަން ޖެހޭ އެއް ފިލްމަކީ މިއީ އެވެ. މި ފިލްމުގެ ނަމަކީ "މާޝިއަން" އެވެ.

މެޓް ޑޭމަން ޖައްވަށް ގޮސް ގެއްލޭ ވާހަކަ ސުރުހީގައި އެ އޮތީ އޭނާ ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގައި އަދާކޮށްފައިވާ ރޯލު، ކްރިސްޓޮފާ ނޯލަންގެ "އިންޓާސްޓެލާ" އިން އޭނާ ފެނިގެން ދިޔަ ފަދަ ރޯލަކާ ވައްތަރުވާތީ އެވެ. އެ ފިލްމުގައި ވެސް މެޓް ޑޭމަން ބެލުންތެރިންނަށް ފެނުނީ ޖައްވަށް ގޮސް ގެއްލި، ސަލާމަތުން ދުނިޔެ އަށް އެނބުރި އާދެވޭނެ ގޮތަކާ މެދު ފިކުރުކޮށް މޮޔަވެފައިވާ މީހެއްގެ ރޯލުންނެވެ.

މި ފިލްމުގައި ވެސް އޭނާ އަށް ޖެހެނީ ހަމަ މި ހާލެކެވެ. އެކަމަކު މިފަހަރު އޭނާ ގެއްލެނީ އިންސާނުން އެ ޕްލެނެޓަކަށް އެންމެ ބޮޑަށް ހިތްކިޔައިގެން އުޅޭ މާސް އަށެވެ. ނާސާގެ މިޝަންއެއް ފެއިލްވެގެން އެސްޓްރޮނޯޓް މާކް ވެޓްނީ (މެޓް ޑޭމަން) މާސް އަށް ގެއްލޭއިރު ދެން ފިލްމުގައި ދައްކުވައި ދެނީ ދިރުމެއް ނެތް އެ ޕްލެނެޓުގައި ސަލާމަތްވުމަށް އޭނާ ކުރާ މަސައްކަތާއި އޭނާ ސަލާމަތްކުރުމަށް ނާސާ އިން ހިންގާ ހާއްސަ މިޝަންއެކެވެ.

މި ފިލްމަށް އިންތިޒާރުކުރަން ޖެހޭ އަނެއް ސަބަބަކީ ރިޑްލީ ސްކޮޓްގެ ފިލްމަކަށް މި ފިލްމުވުމެވެ. ސައިންސް ފިކްޝަންގައި އޭނާ ބަލިކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންވީމަ އޭނާގެ ސައިންސް ފިކްޝަން ކޮންމެ ފިލްމަކީ ވެސް ބެލުންތެރިންނަށް އަބަދުވެސް އުފާވެރިކަން ގެނެސް އާޝޯހުކުރުވި ފިލްމުތަކެވެ.

އެގޮތުން އެންމެފަހުން އޭނާ ގެނެސްދިން "ޕްރޮމެތިއަސް" އާއި "ބްލޭޑް ރަނާ" އަދި އެންމެ މަޝްހޫރު "އޭލިއަން" އަކީ ވެސް ރިޑްލީ ސްކޮޓްގެ މާސްޓަޕީސްތަކެވެ.

މެޓް ޑޭމަންގެ އިތުރުން މި ފިލްމުން ދެން ފެނިގެންދާނީ ހޮލީވުޑްގައި މިވަގުތު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ބަތަލާ ޖެސިކާ ޗެސްޓެއިން އެވެ. މީގެ އިތުރުން "12 އިޔާ އަ ސްލޭވް" އިން މަޝްހޫރުކަމެއް ލިބުނު ޗިވެޓްލް އެޖިފޯ އާއި ޖެފް ޑެނިއެލްސް ވެސް ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެން ދެ އެވެ.

މި ފިލްމު ސިނަމާތަކަށް ނުކުންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.