އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސް މައުމޫންގެ އިސްލާހީ ހަރަކާތް، އެމްއާރްއެމް އިން މަރުހަބާ ކިޔައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ރިޔާސީ ކެނޑިޑޭޓް އިބޫ ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ވާދަކުރައްވަ އެވެ.
ވޯޓުގެ ބޮޑު ބައެއްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އިބޫ އުޅުއްވަނީ ރައީސް ޔާމީނަށްވުރެ ބޮޑު ތަނުން ކުރީގަ އެވެ. މިހާރު 450 ވޯޓު ފޮށި ގުނާފައިވާއިރު، 58 ޕަސެންޓުން ކުރީގައި އުޅުއްވަނީ އިބޫ އެވެ. މިހާތަނަށް ނަތީޖާ ނުލިބި ހުރި މަދު ފޮށިތަކުގައި ވޯޓުލުމަށް ހަމަޖެހިފައިވާ މީހުންގެ އަދަދަށް ވުރެ، އިބޫ އާއި ރައީސް ޔާމީނާ ދެމެދު ހުރި ވޯޓުގެ ފަރަގު ބޮޑުވުމުން، އިބޫގެ މައްޗަށް ރައީސް ޔާމީނަށް ދެން ކުރި ހޯއްދެވޭނެ ފުރުސަތު ވަނީ ގެއްލިފަ އެވެ.
އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ވަނީ، ލޮބުވެތި ދިވެހި ރައްޔިތުން މިއަދު ދެއްކެވި ހިތްވަރާއި ކެއްތެރިކަމަށްޓަކައި އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށެވެ. އަދި ރައްޔިތުން މިއަދު ދެއްވި ވޯޓަކީ އަދުލު އިންސާފަށާއި އިންސާނިއްޔަތަށާއި އޯގާތެރިކަމާއި އެކުވެރިކަމަށްވެސް ބަޔާނުގައި ވެއެވެ.
"ތިޔަބޭފުޅުން ތިޔަ ތާއީދުކުރެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާ އޯގާތެރި ސަރުކާރުން މިގައުމުގެ ބިނާ ކުރުމަށް، މާތް ﷲގެ އިރާދަފުޅާއެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ ސިޔާސީ ހިޔާލުތަފާތުތައް އެއްފަރާތްކޮށް ގައުމީ އެއްބައިވަންތަކަމާއެކު ގުޅިގެން އުފައްދާ އޯގާތެރި ސަރުކާރަކުން ގައުމު އާރާސްތުކޮށް ކުރިމަގު އުޖާލާކޮށްދިނުމަށް،" ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ވަނީ، ރައްޔިތުން ގުޅިފައިވާ ޕާޓީތަކަށް ކުރެއްވި އިތުބާރާއި ދެއްވި ލޮއެބާއި ތާއީދަށް ޝުކުރު ދަންނަވާ ކަމަށެވެ.