ހަބަރު

އުއްމީދު އާވެއްޖެ، ކުރިއަށް ދާނީ އެކުގައި: ޔުމްނާ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ލިބުނު ބޮޑު ކާމިޔާބީއާއެކު އުއްމީދު އާވެގެން ގޮސްފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

އިބޫއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އާޓިފިޝަލް ބީޗަށް އެއްވި ތިބި މީހުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވީ، ބައްޕާފުޅާއި ފިރިކަލުންނާއި ކޮއްކޯފުޅު ވެސް ހުންނެވީ ޖަލުގައި ކަމަށާއި އެއީ އާއިލާއަށް ވަރަށް ހިތްދަތި ކަމެއް ލިބިގެންދާ ކަމެއް ކަމަށެވެ.

"...އެކަމަކު މިރޭ އުއްމީދު އާވެއްޖެ،" ގިނަ ދުވަސްތަކަަކަށްފަހު ސިޔާސީ މައިދާނެއްގައި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ، ރައްޔިތުން ނުކުމެ އެކުވެރިކަމަށާއި ހިތްވަރަށް ވޯޓު ދެއްވީތީ ޝުކުރު ދަންނަވާ ކަމަށެވެ. ހަތަރު ލީޑަރުން ކުރެއްވި މަސައްކަތާއެކު އިންތިހާބު ކާމިޔާބުވެފައިވާއިރު ދެން ވެސް ކުރިއަށް ދާނީ އެކުގައި ޔުމްނާ ވިދާޅުވި އެވެ.

"ޕާޓީތައް އެކުގައި ގުޅިފައިވާ ސަރުކާރެއް އުފައްދައިގެން ކުރިއަށް ދާނީ، ރައްޔިތުންގެ އުއްމީދުތައް ހާސިލްކުރުމަށް،" ޔުމްނާ ވިދާޅުވި އެވެ.

ވޯޓުގެ ބޮޑު ބައެއްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އިބޫ އުޅުއްވަނީ ރައީސް ޔާމީނަށްވުރެ ބޮޑު ތަނުން ކުރީގަ އެވެ. މިހާތަނަށް ނަތީޖާ ނުލިބި ހުރި މަދު ފޮށިތަކުގައި ވޯޓުލުމަށް ހަމަޖެހިފައިވާ މީހުންގެ އަދަދަށް ވުރެ، އިބޫ އާއި ރައީސް ޔާމީނާ ދެމެދު ހުރި ވޯޓުގެ ފަރަގު ބޮޑުވުމުން، އިބޫގެ މައްޗަށް ރައީސް ޔާމީނަށް ދެން ކުރި ހޯއްދެވޭނެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

މި ނަތީޖާއާއެކު އިބޫ އަކީ ރާއްޖޭގައި ފާއިތުވި ދެ އިންތިހާބަށް ބަލާއިރު، ދެ ކެންޑިޑޭޓުން ވާދަކުރައްވައިގެން، އެންމެ ފަރަގު ބޮޑުކޮށް އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓެވެ.