ހަބަރު

އަބްދުﷲ ރިޔާޒު ދޫކޮށްލުމާ މެދު މިއަދު ކޯޓުން ގޮތެއް ނިންމަނީ

Sep 24, 2018

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަގުތުން ދޫކޮށްލުމަށް އެދި، އޭނާގެ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހެބިއަސްކޯޕަސް އަމުރާ މެދު ގޮތެއް ނިންމުމަށް އެ ކޯޓްގައި މިއަދު ތާވަލްކޮށްފި އެވެ.

ރިޔާޒުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު މިއަދު، "އަވަސް"އަށް ވިދާޅުވީ، ހެބިއަސްކޯޕަސް އަމުރުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ކޯޓްގައި ބާއްވަނީ ހަވީރު 3:30 ގައި ކަމަށެވެ. އެ އަޑުއަހުމަށް ރިޔާޒު ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހެބިއަސްކޯޕަސް މައްސަލައެއް ހުށަހަޅާފައިވަނީ ރިޔާޒުގެ މައްޗަށް ނިމުނު އޭޕްރިލް މަހު ހައިކޯޓުން އިއްވި ހުކުމުގެ މުއްދަތު ހަމަވެފައިވާތީ މިހާރު ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ.

އަބްދުﷲ ރިޔާޒަށް ހުކުމް އިއްވައި ހައިކޯޓުން 24 އޭޕްރީލް 2018ގައި ކުރި ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސާވިސްއިން ދޫކޮށްފައިވާ ޗިޓްގައި އޭނާގެ ހުކުމް ތަންފީޒުކޮށް ނިމޭ ތާރީހުކަމުގައި ބަޔާންކޮށްފައިވަނީ 15 ސެޕްޓެމްބަރު 2018 އެވެ.

ރިޔާޒް ޖަލުގައި ބަންދުކޮށްފައިވަނީ ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނުގެ ޕިން ޖަހައި ނުދިން މައްސަލާގައި، ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށް ސާބިތުވެގެންނެވެ. އޭގެއިތުރުން އެކެއް ފެބުރުއަރީ އަމުރާ ގުޅިގެން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ނެރެފައިވެ އެވެ.