ހަބަރު

ކުރީގެ ދެ ސީޕީއަށް ކުރި ޓެރަރިޒަމްގެ ދައުވާ ނަގައިފި

ކުރީގެ ދެ ކޮމިޝަނާ އޮފް ޕޮލިސް ކަމަށްވާ އަބްދުﷲ ރިޔާޒާއި އަހުމަދު އަރީފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ޕްރެސެކިއުޓާ ޖެނެރަލް (ފީޖީ) އޮފީހުން އަނބުރާ ނަގައިފި އެވެ.

އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު ޕީޖީ އައިޝަތު ބިޝާމް ވަނީ ރިޔާޒާއި އަރީފަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި ޕީޖީ އޮފީހުން އެ ދައުވާ އަނބުރާ ނަގައި، އެ މައްސަލަ އަނބުރާ ފުލުހަށް ވަނީ ފޮނުވާލާފަ އެވެ.

ރިޔާޒާއި އަރީފަށް ޓެރަރިޒަމްގެ ދައުވާ ކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މަގާމު އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައި ހުންނަވާ އިތުރު ބަޔަކާ ގުޅިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ އެވެ. އަދި ރިޔާޒާއި އަރީފް އޭނާގެ ބައިވެރިންގެ އަމިއްލަ މަންފާއަށް އެކެއް ފެބުރުއަރީގެ އަމުރު ނެރެފައިވާތީ އެވެ.

އޭގެއިތުރުން ދައުވާ އުފުލީ ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން ރިޔާޒު އުޅެފައިވާ ކަމަށް ރިޔާޒަށް ކުރި ދައުވާގައި ބުނެ އެވެ.

މައްސަލަ އަނބުރާ ނަގާފައިވާއިރު އެ ދެ ބޭފުޅުންގެ އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. އެ މައްސަލަ އޮތީ ޝަރީއަތަށް ފޮނުވާފަ އެވެ. ޝަރީއަތް ކުރަން ވެސް ހަމަޖެހިފައި އޮތީ ދައުވާ ލިބޭ ހުރިހާ ބޭފުޅުންނަށް އެކުގަ އެވެ.

އެ މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރި ދައުވާ ވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ހަމަ އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ސައީދާއި އަލީ ހަމީދާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދަށް ދައުވާ ކުރެ އެވެ. އެ ބޭފުޅުންގެ ބައި އަނބުރާ ގެންދިޔަ ކަމެއް އަދި އެނގިފައެއް ނެތެވެ.