ހަބަރު

މިނިވަން ވުމަށްފަހު ރިޔާޒު: މިއީ އާ ފެށުމެއް!

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މާ ސްމާޓް ކަމަށާއި، ރައްޔިތުންނަށް ރިޔާސީ އިންތިހާބަށް ނެރެ ދެއްކެވީ ފަސް ބައިގައި ކިލަނބުކަމެއް ނެތް ބޭފުޅުން ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ބަންދުގައި 6 މަހާ 22 ދުވަސް ވަންދެން ހުންނެވުމަށްފަހު ކުރިމިނަލް ކޯޓުން މިނިވަން ކުރުމާއެކު ނިކުމެ ވަޑައިގެން މީޑިއާތަކާއި ބައްދަލުކުރައްވާ ރިޔާޒު ވިދާޅުވީ، ދޭއް މާޗުގައި އެސްއޯއީގެ ދަށުން ހައްޔަރު ކުރީ ހަމަ އެކަނި އޭނާ ކަމަށާއި، އެކަމުންވެސް އެއީ ގޯހެއްކަން ވިސްނިވަޑައިގަތް ކަމަށެވެ.

އޭނާ އަކީ، ސަރުކާރުން މާ ބިރުގަންނަ ބޭފުޅެއް ކަމަށާއި، ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ޖެއްސެވި ހިސާބުތައް ދިމާ ނުވި ކަމަށެވެ. އެގޮތުން ސިޔާސީ ލީޑަރުންނަށް ހުކުމް އިއްވާ، ބައެއް ބޭފުޅުން ބޭރަށް އަރުވާލާފައިވާ ކަމަށެވެ. އަދި މިނިވަންވެވަޑައިގަތީ ހުރިހާ ވައްތަރެއްގެ ޖަލުތަކެއްގައި އުޅެފައިކަމަށާއި، ޖަލަށް ލައްވައިގެން "ބްރެކްޑައުން" ކުރެވިދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެއްވީ ކަމަށެވެ. އެހެން ނަމަވެސް ހުންނެވީ އެއްވެސް ވަރަކަށް ބަދަލުވާކަށް ނޫން ކަމަށް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ، ރިޔާސީ ކެމްޕެއިންގައި ބައިވެރިވެވަޑައި ނުގެންނެވުނު ކަމަށާއި، ރިޔާސީ އިންތިހާބުގެ މައުލޫމާތު ލިބިވަޑައިގަންނަވަނީ، ރޭޑިއޯއިން ކަމަށާއި، ލިބިވަޑައިގަންނަވާ، މައުލޫމާތުން ކެމްޕެއިންދާގޮތް ތަސައްވަރު ކުރެވި، ހިތްވަރު ލިބިވަޑައިގެންނެވި ކަމަށެވެ.

މި ފަހަރުމީ އިންތިހާބީ ރައީސަކަށް އެންމެ ގިނަ ވޯޓު ލިބުނު ފަހަރު ކަމަށާއި، ސިޔާސީ މަސައްކަތަށް މިއީ އާ ފެށުމެއް ކަމަށް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީން އެއްވެސް ބޭފުޅަކަށް ލުއެއް ދެއްވާކަށް ބޭނުމެއް ނުވާނެ ކަމަށާއި، މިނިވަންކޮށްދިނުމަކީ، އިބޫގެ ވައުދެއް ކަމަށެވެ. ނޮވެމްބަރު 17ގެ ކުރިން މިނިވަންވެ ވަޑައިގެންފާނެ ކަމަށް އުމްމީދު ނުކުރައްވާ ކަމަށާއި، އެހެން ނަމަވެސް ލީޑަރުންގެ މަސައްކަތުން މިނިވަންވެވަޑައިގަތީ ކަމަށްވެސް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.