އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު ދައުލަތް ހިންގަން ހަވާލުވާ އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާއި ފައިސަލް ނަސީމްގެ ވެރިކަމެއްގައި ބޯޓު ބަންނަ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމުގެ އުންމީދު ކުރެވޭ ކަމަށް އަލްޝާލީ މެރިން މޯލްޑިވްސް އިން މިއަދު މަރުހަބާ ކިޔައިފި އެވެ.
ދުބާއީގެ އަލްޝާލީ މެރިންއާ ގުޅިގެން ރާއްޖޭގައި އުފައްދާފައިވާ، އަލްޝާލީ މެރިން މޯލްޑިވްސް (އޭސްމެރިން) ގެ މެނޭޖަރު އިސްމާއީލް ޝަރީފު ވިދާޅުވީ އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމުގެ ވެރިކަމާމެދު ބޯޓް ބިލްޑިން ކުންފުންޏެއްގެ ހައިސިއްޔަތުން ކުރާ އުންމީދުތަކެއް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދެއް ބޯޓް ބިލްޑިން ދާއިރާ އަށް އިތުރު ފަސޭހަ ތަކެއް ލިބިގެން ދިއުން. މީގެތެރޭގައި އެއް ކަމެއް ރާއްޖޭގައި މިހާރު ބަންނަ ސައިޒުތަކުގެ އުޅަނދު ފަހަރު ރާއްޖޭން ބޭރުން މިހާރު ގެނެވޭ ގޮތަށް އޮތް އަތުން ބަދަލުވުން. މީގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމަށް އޮތް ފުރުސަތު ގެއްލޭ،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ އިތުރުން އަނެއް އުންމީދަކީ ބޯޓު ބަންނަ ދާއިރާގެ ހެލްތް އެންޑް އަށް ހެދިފައިވާ ގަވާއިދުތައް ހަރުދަނާ ވެގެން ދިއުން ކަމަށެވެ.
އަލްޝާލީ މެރިން އިން ދަނީ ރާއްޖޭގެ ހުރިހާ މާކެޓަކަށް ހާއްސަކޮށް އުޅަނދު ފަހަރު ބަންނަމުންނެވެ. މިގޮތުން އެ ކުންފުނީގެ އުޅަނދު ފަހަަރަށް ދަނީ ގިނަ އެވޯޑުތަކެއްވެސް ލިބެމުންނެވެ. އަލްޝާލީ މެރިން އިން ތިލަފުށީގައި ހިނގާމުން ގެންދާ ޑޮކްޔާޑަށް ވަނީ އަހަރުގެ އެންމެ ރަނގަޅު ޑޮކްޔާޑުގެ އެވޯޑު ހިމެނެ އެވެ. މި ޑޮކްޔާޑަކީ އެއް ފަހަރާ 25 އަށްވުރެ ގިނަ އުޅަނދަށް ހިދުމަތް ދެވޭވަރުގެ ތަނެކެވެ. މީގެ އިތުރުން އަލްޝާލީއިން ބަނދެފައިވާ 37 ފޫޓުގެ ކޯސްޓް ކްރާފްޓް ލޯންޗަށް ވަނީ އަހަރުގެ އެންމެ މޮޅު ފައިބަރު އުޅަނދުގެ އެވޯޑު ލިބިފަ އެވެ. އަދި ގިނަ ރިސޯޓުތަކެއްގައި މަގުބޫލުކަން ހޯދާފައިވާ "އައިލެންޑް ހޮޕާ" އުޅަނދަށް ވެސް ވަނީ އެވޯޑެއް ލިބިފަ އެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑުގައި ޑޮކްޔާޑް އޯ ސްލިޕްވޭ އޮފް ދި އިޔާގެ އެވޯޑާއި ބެސްޓް ބޯޓް ޑިޒައިން އޮފް ދި އިޔާ އަދި ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް އޮފް ދި އިޔާ (5 މީޓަރާއި 24 މީޓަރު) ގެ އެވޯޑުގެ އިތުރުން ބެސްޓް ޕްރޮޑަކްޝަން ފައިބާ އޮފް ދި އިޔާ (15 މީޓަރާއި 40 މީޓަރު) ގެ އެވޯޑުވެސް ލިބިފައިވަނީ އަލަޝާލީ އަށެވެ. މި އެވޯޑުތައް އެ ކުންފުނިން ހޯދީ ރާއްޖޭއި މަސައްކަތްކުރާތާ ޒަމާންވީ ގިނަ ކުންފުނިތަކާ ވާދަކޮށްގެންނެވެ.