އާދީއްތަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާފައިވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ޔޫރަޕިއަން ޔޫނިއަން އިން މަރުހަބާ ކިޔައިފި އެވެ.
އީޔޫގެ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އިން ނެރުނު ބަޔާނެއްގައި، އިބޫގެ ކާމިޔާބީ ފާހަގަކޮށް ބުނެފައިވަނީ، ރާއްޖޭގެ ކަންކަން އީޔޫއިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ރައީސް ކަމަށް އަލަށް އިންތިހާބުވި އިބްރާހިމް މުހައްމަދު ސޯލިހްގެ ކާމިޔާބީއާއެކު އަލަށް އުފެދޭ ސަރުކާރާއި ގާތުން މަސައްކަތްކޮށް ގުޅުން ހަރުދަނާ ކުރުމަށް އީޔޫއިން އުންމީދުކުރާ ކަމަށެވެ.
އާދީއްތަ ދުވަހުގެ ވޯޓުލުން އަމާން، ސުލްހަވެރިކަމާއެކު ކުރިއަށް ގޮސްފައިވާކަން ފާހަގަކޮށް އީޔޫގެ ބަޔާނުގައި ބުނެފައިވަނީ، އިންތިހާބުގެ ދުވަހު ރާއްޖެއިން ފެނުނީ ޑިމޮކްރަސީގެ ރީތި މިސާލެއް ކަމަށެވެ.
"ގާތްގަނޑަކަށް 90 ޕަސެންޓްގެ ބޮޑު އާބާދީއެއް ވޯޓުލުމަށް ނިކުމެފައިވާއިރު ވޯޓުލުން އަމާންކަމާއެކު ނިންމާލެވުމުން ދޭހަކޮށްދެނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމަށް ދިވެހިން އިސްކަންދޭ މިންވަރު،" އީޔޫގެ ބަޔާނުގައި ބުނެފައިވެ އެވެ.
އީޔޫ އިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، ސުލްހަވެރިކަމާއެކު ބަދަލަށް މަރުހަބާ ކިޔާފައިވާތީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވެސް މަރުހަބާ ދަންނަވާފަ އެވެ.
ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަސޤ ގޮސްފައިވާ ގޮތަށް އީޔޫ އިން ތައުރީފުކޮށްފައިވާއިރު، އިންތިހާބު އޮބްޒާވްކުރަން
އީޔޫއިން ބައިވެރިއެއް ނުވެ އެވެ. އެހެން ނަމަވެސް އީޔޫގެ މަންދޫބުން ހިމެނޭ ޔޫރަޕްގެ ޕޮލިޓިކަލް މޫވްމަންޓަކުން ވަނީ އާދީއްތަ ދުވަހުގެ ވޯޓުލުން އޮބްޒާވްކުރުމަށް ހަރަކާތްތެރިވެފަ އެވެ.