(23 ސެޕްޓެމްބަރ 2018 އާ ގުޅޭ) -- އަށެއް ޖަހަނިކޮށް ނިމްރާ ބަލައި އަރްސަލް އައިސް ޕެންޓްހައުސް އެޕާޓްމެންޓަށް ވަނެވެ. އޭރު ބްރެކްޕަސްޓް އައިލެންޑްގެ ސްޓޫލްއެއްގައި ޒިވަން އިންތަން ފެނުމުން އޭނާއަށް ހުއްޓުންއެރިއެވެ. ހައިރާންކަމާއެކު އެޕާޓްމެންޓް ތެރެ ހޯދާލެވުނެވެ. ފޯނާ ކުޅެން އިން ޒިވަންގެ ނަޒަރު ވެސް ދޮރުން ވަދެ ހުރި އަރްސަލްއަށް ހުއްޓުނެވެ. ނިމްރާ ފެންނާކަށް ނެތެވެ.
"ޒިވަން، ވަޓް އާ ޔޫ ޑުއިން ހިއާ" އަރްސަލްގެ އަޑުގައިވަނީ ސީރިއަސްކަމެވެ.
"ހޭ މޭން، ރާދު އަހަންނަށް ވެސް ދަޢުވަތުދިނޭ، އެކަނިދިއުމުގެ ބަދަލުގައި ތި މީހުންނާއެކު ދާންވެގެން މި އިންނަނީ" ހިނިތުންވުމެއް ބަދަލުކޮށްލަމުން ޒިވަން ބުންޏެވެ.
"ކޮންއިރަކު އައީ؟" އަރްސަލް އަނެއްކާ ވެސް ކުރީ ސުވާލެކެވެ.
"ކުޑައިރުކޮޅެއް އަދިވާނީ، ނިމް ރެޑީވެއްޖެ... ހަނދާންނެތިގެން ކޮޓަރީގައި ފޯނު ބާއްވާފައި އާދެވުނީމަ އެ ބަލާ ދިޔައީ" ޒިވަން އިން ތަނުން ތެދުވިއެވެ.
"އަރްސަލް، ޒިވަން ވެސް އެ އިނީ އަހަރެމެންނާއެކު ދާން ވެގެން އައިސް، އޭނާ ގޮވައިގެން ދޯ ދާނީ" ގިނައިރެއްނުވެ ސިޓިންރޫމަށް އައި ނިމްރާއަށް އަރްސަލް ފެނުމާއެކު އޭނާއަށް ގޮވާލަމުން ވާހަކަދެއްކިއެވެ. އަރްސަލް މާބޮޑު އެއްޗެއް ނުބުނެ ހަމައެކަނި ބޯޖަހާލީއެވެ.
"ދާންވީ ދޯ" ނިމްރާ އަހާލިއެވެ. ދެން ވެސް އަރްސަލް ބޯޖަހާލީއެވެ.
އެޕާޓްމެންޓުން ނުކުމެ ޕްރައިވެޓް އެލެވޭޓާއަށް ވަންއިރު ޒިވަންއާއި ނިމްރާ އައީ ވާހަކައެއް ދައްކަމުންނެވެ. އަރްސަލް ބަސްމަދުވެފައި ހުރީ ޒިވަންއާއި ނިމްރާގެ ހަރަކާތްތަކަށް ފަރުވާތެރިވެއެވެ. މާބޮޑު ކަމަކަށް ހަދަން ބޭނުންނުވިޔަސް ޒިވަން ކުރިން ނުބަހައްޓާ ގާތްކަމެއް ނިމްރާއާ ދޭތެރޭ ބަހައްޓާކަން އަރްސަލްއަށް ޤަބޫލުކުރެވެއެވެ. ނިމްރާގެ ރީތިކަމަށް ތަޢުރީފުކުރުމާއި އޭނާ ކުރާ ކޮންމެ ކަމަކަށް ތަރުޙީބާއި ހިތްވަރު ޒިވަން ދީ ހަދާކަން ސުވާލު އުފެދޭ ވަރަށް އަރްސަލްއަށް ފާހަގަވެއްޖެއެވެ. އެހެންނަމަވެސް ޒިވަންއަކީ އޭނާ އިތުބާރުކުރާ ރަޙުމަތްތެރިއެކެވެ. އެ އިތުބާރު އެގޮތުގައި ދެމިއޮންނަން އޭނާ ބޭނުމެވެ. ނިމްރާއަކީ އަރްސަލްގެ ވާންއުޅޭ އަނބިމީހާކަން އެނގިހުރެ ނިމްރާގެ މައްޗަށް ޒިވަންގެ ހިތް ބަދަލުވެދާނޭކަމާމެދު އަރްސަލްގެ ޟަމީރާ ސުވާލުކުރެވުނެވެ. އެ ޚިޔާލުތަކުގައި ހުރެ ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ނިމްރާގެ އުނަގަނޑުގައި ހިފައި އަރްސަލްއާ ގާތްކޮށްލިއެވެ. އެ ހަރަކާތުން ނިމްރާގެ ސަމާލުކަން އަރްސަލްއަށް ހުއްޓުނެވެ. އެލެވޭޓާގެ ދޮރު ހުޅުވި އެތަނުން އަރްސަލް ނުކުތީ ވެސް ނިމްރާ ގާތްކޮށްލައިގެން ހުރެއެވެ.
"ރާދު ގޭގެތަ؟ އެންމެ ފުރަތަމަ ގެއަށްތަ އަހަރެމެން ދާނީ" ނިމްރާ ހިނިތުންވެލަމުން ވާހަކަދެއްކިއެވެ.
"ބައްޕަ އެދުނީ އެންމެން އެކުގައި އެގެއަށް ދާން، އަހަރެން މިކޮޅުން ނައްޓާލަމުން ބައްޕައަށް ގުޅީމަ، ބައްޕަމެން ވެސް ނައްޓާލާނެ މުއްޠުބެމެން ގެއަށް ދާން" އަރްސަލް އޮޅުންފިލުވައިދިނެވެ.
އަރްސަލްއާއެކު ކާރުގެ ކުރިއަށް އެރީ ޒިވަންއެވެ. ފަހަތު ސީޓުގައި ނިމްރާ އިނެވެ. ކާރު ދުއްވާލިތާ ގިނައިރެއްނުވެ ބިލާލަށް އަރްސަލް ގުޅިއެވެ. އެ މީހުން މުއްޠަލިބުމެން ގެއަށް ދަނީ ކަމުގައި އަރްސަލް މަޢުލޫމާތުދިނެވެ. އެ ގެއާ ހަމައަށް ދެވެންދެން ދޭތެރެއަކުން އެއްޗެއް ބުނެލައި ސާމާސާކޮށްލަނީ ޒިވަންއެވެ. އަރްސަލް އިނީ ހިމޭނުންނެވެ. ނިމްރާ ފަހަތުގައި އިނދެފައި ކުރިއަށް ޖެހިލައި އަރްސަލްގެ ކޮނޑުގައި ފިރުމާލައެވެ. އެއިން ކޮންމެ ފަހަރަކު އޭނާ ހިނިތުންވުމެއް ދެއެވެ.
ކާރު ޕާކުކޮށްފައި ތިން މީހުން ފައިބައިގެން އައިސް މަޑުކޮށްލީ ދިހަބުރީގެ އިމާރާތެއް ކުރިމައްޗަށެވެ. ހަރުކޮށްފައި ހުރި ދަގަނޑު ގޭޓުން އެތެރެއަށް ވަދެގެން އައިއިރު ކީކާޑާއި ޕާސްކޯޑު ބޭނުންކުރާ ދޮރެއް ހުއްޓެވެ. ގޭތެރެއަށް ވަދެވެން ހުރީ އެ ދޮރުންނެވެ. އަރްސަލް ފޯނު ނަގައި މީހަކަށް ގުޅިއެވެ. ގިނައިރެއްނުވެ އެ ތަނަށް ބަޔަކު ވަންނަން އައި އަޑަށް ނިމްރާ ބަލާލިއެވެ. ބިލާލުއާއި ޝަރުމީނާއެކު އެ މީހުންގެ ފަހަތުގައި ތިބެ ރާދިންއާއި ހަލަފް ވަދެގެން އައެވެ. މަޑުކުރުމެއްނެތި ބިލާލު އޭނާގެ ޖީބުން ނެގި ވޮލެޓުގެ ތެރެއިން ކާޑެއް ނަގައި ދޮރު ހުޅުވާލައިފިއެވެ. އަދި އެންމެން އެކުގައި އެތެރެއަށް ވަދެ ސިޑިކައިރީ ހުރި ލިފްޓަށް އެރިއެވެ.
އެންމެ މަތީބުރީގައި ޓެރެސްއާއެކު ބޭނުންކުރަނީ މުއްޠަލިބުގެ ޢާއިލާކަން ނިމްރާއަށް ބުނެދިނީ ޝަރުމީނެވެ. ނިމްރާގެ އިނގިލިން އަނގޮއްޓި ފެނުމުން އޭނާ ނިމްރާގެ އަތުގައި ހިފައި އުފުލާލަމުން ކައިރިން ބަލާލިއެވެ.
"ތަންކޮޅެއް ދޫ ދޯ، އެކަމަކު ވަރަށް ގުޅޭ، އަރްސަލް، އެ އަނގޮއްޓި ނިމްރާއަށް ހެޔޮވަރުކުރަން ގެންދަންވީނު" ޝަރުމީނު ބުނެލިއެވެ.
"އެހެން ވިސްނައިގެން މި ހުންނަނީ، އަދި ވަގުތެއްނުވެގެން" އަރްސަލް ބުންޏެވެ.
މުއްޠަލިބުމެން އުޅޭ ބައިގެ ދޮރުހުޅުވީ އޭނާގެ ދޮށީ ދަރިފުޅު ޝިފާޒެވެ. ބިލާލުގެ ޢާއިލާއަށް މަރުޚަބާ ކިޔަމުން އެތެރެއަށް ވަނުމަށް ދަޢުވަތު ދިނެވެ. ސޯފާގައި އިން މުއްޠަލިބަށް ގެއަށް އައި މެހެމާނުންނަކީ ބިލާލުގެ ޢާއިލާކަން އެނގުމާއެކު ވަގުތުން އިންތަނުން ތެދުވީ ބިލާލާ ސަލާމްކުރުމަށެވެ. ތިމާގެ މީހުންނާއި ގާތް ރަޙުމަތްތެރީން އައު ހަމަޖެހިފައި އޮތް ގަޑި ޖެހުމާ ދޭތެރޭ ވަގުތުކޮޅެއް އޮތީތީ ދެ ޢާއިލާ ވެސް ތިބީ ހަމަޖެހިލައިގެންނެވެ. އަފީފާ ފެނުމުން އޭނާއާއެކު ޝަރުމީނު އައީ އެއްވެސް އެހީތެރިކަމެއް ބޭނުންވޭތޯ އަހަމުންނެވެ. ހުރިހާ ކަމެއް ހަމަޖެހިފައި އޮތީ ގޭގެ ޓެރެސްގައި ކަމަށް އަފީފާ ބުންޏެވެ. އަދި ޝަރުމީނު ގޮވައިގެން އެތަނުގައި ތައްޔާރުވަމުން އައި ބުފޭގެ އިންތިޒާމު ދައްކާލަން އައެވެ. އޭރު ޓެރެސްގައި ރަންކިއުމުގެ ކަންކަން ކުރިއަށްދާ ހިސާބު އޮތީ ވަކިން ބޮޑަށް ޒީނަތްތެރިކޮށްފައެވެ. ސޯފާ ގޮނޑި ފަދަ ގޮނޑި ބަހައްޓައި މެދުގައި ތިރި މޭޒެއް ބަހައްޓައި އޭގެ މެދު މާބޮނޑިއެއް ބާއްވާފައި އޮތެވެ. ބެކްޑްރޮޕް ފަރުމާކޮށްފައިވަނީ ހުދުފޮއްޗާއި ތަފާތު މަލާއި ބޮކިފަތިންނެވެ. ތަނުގެ ރީތިކަމާއި ވެފައި ހުރި ތައްޔާރީއަށް ޝަރުމީނު ތަޢުރީފުކުރިއެވެ. ރަންކިއުމުގެ ޙަފުލާ ވީޑިއޯކޮށް ފޮޓޯނެގުމަށް ހަމަޖެހިފައި އޮތީ އަރްސަލްއާއި ނިމްރާގެ ރަންކިއުމުގެ ޙަފުލާގައި އެކަން ކުރި މީހުންނެވެ. އެ މީހުންގެ ސަމާނުތައް ތައްޔާރުކުރުމުގައި އޭރު ދެ ޒުވާނަކު ހަރަކާތްތެރިވަމުން ދިޔައެވެ. އިރުކޮޅަކު އެ ތަނުގައި އަފީފާއާއި ޝަރުމީނު ތިބެފައި އެތެރެއަށް އައީ ބިލާލުމެންގެ ގާތަށެވެ.
ޝިހާނާގެ ގާތަށް އޭނާ އިން ކޮޓަރިއަށް ނިމްރާ ވަނީ ޝިފްނާ އައިސް އެދުމުންނެވެ. ނިމްރާމެން އައިސް ތިބިކަން އެނގިގެން އޭނާ ބަލާ ފޮނުވީ ޝިހާނާއެވެ. ރާދިން އިނީ ޝިހާނާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ނިމްރާއެކޭ އެއްގޮތަށް ރަންކިޔާ ޙަފުލާގައި ޝިހާނާ ހެދުންއަޅާނޭ ގޮތެއް ރާދިން ގާތު ނުބުންޏެވެ. އެ ހެދުން ނުވެސް ދެއްކިއެވެ. އެހެންވެ ލޯބިވެރިޔާ ހުންނާނޭ ގޮތަކާމެދު މާކުރިން ވެސް ރާދިންއަށް ޚިޔާލުކުރެވެމުންދިޔައެވެ. ކޮންމެ ހެދުމެއްގައި ވިޔަސް ޝިހާނާ ފެންނަ ކޮންމެ ފަހަރަކު ރާދިންގެ ހިތުގެ ހިނގުން އަވަސްވާކަމީ އޭނާއަށް އޮޅިފައި އޮތްކަމެއްނޫނެވެ. ރަންކިޔާނީ ކިހާ ވަރަކަށްތޯ ވެސް ކުރިން ރާދިން އޮތީ އަހާފައެވެ. އެހެންނަމަވެސް އެ ސުވާލަށް ޝިހާނާ ޖަވާބެއް ނުދިނެވެ. ރަންކިޔާ ވަގުތު އެހެން މީހުންނެކޭ އެއްގޮތަށް ރާދިންއަށް ވެސް އެނގޭނޭކަމުގައި ޝިހާނާ އޮތީ ބުނެފައެވެ. އެތައް ސަބަބުތަކާހުރެ ރާދިން އިނީ ހިތް އަވަސްވެފައެވެ. އޭނާގެ ހަޔާތުގައި ދިރިއުޅުމެއް ފެށުމަށް ޓަކައި އެޅޭ ފުރަތަމަ ފިޔަވަޅަށްވާއިރު ހުރިހާކަމެއް ވެސް ރާދިން ބޭނުންވަނީ ވަރަށް ފުރިހަމައަށް ހުންނާށެވެ.
"ނާވަސް" ރާދިންގެ ގާތަށް ކުޑަކޮށްޖެހިލައި އަރްސަލް ސިއްރުން ބުނެލިއެވެ. އެއާއެކު ކުޑަކޮށް ހީނލާފައި ރާދިން ބޯޖަހާލިއެވެ.
"އަހަރެންގެ ދެވަނަ ފަހަރު، އެކަމަކު ފުރަތަމަ ފަހަރަށްވުރެ އަހަރެން ހާސްވި މިފަހަރު" އަރްސަލްގެ ތަޖުރިބާ ހާމަކުރިއެވެ.
"އާނާ ކީއްވެތަ ނުނިކުންނަނީ، މުއްޠުބެ ގާތު އަހާލަބަލަ" ރާދިން ވެސް ވާހަކަދެއްކީ ސިއްރުންނެވެ.
"ތިހާ ކެތްތެރިކަން ކުޑަނުވޭ، ފޯމުފުރާއިރު ދެ މީހުން ތިބޭނީ ގާތުގައި، އެ ގަޑީގައި އާނާ ވެސް ފެންނާނެ" އަރްސަލް ބުނެލި ގޮތުން ރާދިންގެ ގާތަށް ހިނިއައެވެ.
"މީ ބަދަލު ހިފުމެއް ދޯ، ނިމް ގާތަށް ދިޔަނުދިނީމަ އަހަންނަށް އާނާ ފޮރުވީތަ" ހިނިއައިސްފައި އިނދެ ރާދިން ބުނެލިއެވެ.
"އެހެން ހީކޮށްލާ" އަރްސަލް ވެސް ހީނލިއެވެ. އެ މީހުންގެ ގާތުގައި ދެން އިނީ ޒިވަންއެވެ. ޝިހާނާއާ އެހާ ރައްޓެހި ނޫނަސް އޭނާއަށް މުއްޠަލިބުގެ ޢާއިލާއާއި ބިލާލުއާ އޮންނަނީ ކޮންކަހަލަ ގުޅުމެއްކަން ރަނގަޅަށް އެނގެއެވެ. މުއްޠަލިބުގެ ކުދީން ވެސް ވަކިކުރަން އޭނާއަށް އެނގެއެވެ.
"ޒޭވިއާ މީހަކާ އިންނާކަށް ނުވިސްނަންތަ؟" އަރްސަލް އިނދެފައި ޒިވަންއާ ސުވާލުކުރިއެވެ.
"އަހަރެން... ކިހިނެއްވީ؟ އަރްސަލްމެން ގުރޫޕުގައި ހުރެވޭނީ އަހަރެން ވެސް މީހަކާ އިނީމަތަ؟" ޒިވަން ސަމާސާ ގޮތަކަށް ބުނެލިއެވެ.
"ބްރޯ... އެހެންބުނީމަ މި ހަނދާންވީ، އަހަރެން ނުދެކެން ކަލޭ ދުވަހަކު ވެސް އަންހެންކުއްޖަކު ގޮވައިގެން އުޅެނިކޮށް، އެއްގޮތަކަށް ވެސް ޚިޔާލެއްނުކުރަންތަ ކުއްޖަކާ ރައްޓެހިވާކަށް" ރާދިންގެ ސަމާލުކަން ވެސް މިފަހަރު ޒިވަންއަށް ހުއްޓުނެވެ.
"އަހަރެންގެ ސީކްރެޓް ގާލްފްރެންޑެއް ނުހުންނަކަމެއް ނޭނގެއެއްނު" ފާޑަކަށް ހިނިއައިސްފައި އިނދެ ޒިވަން ބުންޏެވެ.
"އަހަރެމެންނަށް ވެސް ސިއްރުކުރަނީތަ؟ އަނެއްކާ އަހަރެމެން ދަންނަ ކުއްޖަކީތަ؟" އަރްސަލް އެހީ ވަރަށް ސީރިއަސްވެފައެވެ.
"އަހަރެންގެ ވާހަކަ ހުއްޓާލަބަލަ، މިރޭ މީ ރާދުގެ މެރިއޭޖްގެ ކުރިން އަންނާނޭ ބޮޑު ރެއެއް" ޒިވަން ވާހަކަ ބަދަލުކޮށްލަން މަސައްކަތްކުރިއެވެ.
"އަހަރެމެންނަށް ޒޭވިއާ ސިއްރުކުރަނީ ކޮންކަމެއްތަ؟" އަރްސަލް އެހިއެވެ.
"ނަތިން މޭން، ޖަސްޓް ލީވް އިޓް، އަހަރެން އަދި މެރީކުރާކަށް ނުވިސްނަމޭ، އަހަރެން މީހަކާ އިންނަންވީމަ އެންމެ ފުރަތަމަ ވެސް ބުނާނީ ކަލޭމެން ދެ މީހުން ގާތު" ޒިވަންގެ ހިތާއި ސިކުނޑީގައި އެތައް ވާހަކައެއް ފުނިޖެހިފައި ހުއްޓެއްކަމަކު އޭނާ ލުއި ހިނިތުންވުމަކުން އެ ހުރިހާ ކަމެއް ފަރުދާކޮށްލައި އާދައިގެ ގޮތަކަށް ބުނެލިއެވެ.
މެހެމާނުން އަންނަން ފެށުމާއެކު ޢާއިލާގެ މެންބަރުން ޓެރެސްއަށް ނުކުތެވެ. ފޯމުފުރާ މީހުން އައުމުން އެ މީހުން ގޮވައިގެން ޚާއްޞަކުރެވިފައި ހުރި ގޮނޑިތަކުގައި އިށީނުމަށް މުއްޠަލިބާއި ބިލާލު އަވަސްވެގަތެވެ. އަފީފާއާއި ޝަރުމީނާއެކު ނިމްރާއާއި ޝިހާނާ އެތަނަށް އައީ ދެނެވެ. އެ މީހުންނާއެކު ޝިހާނާގެ ކޮއްކޮ ޝިފްނާ ހުއްޓެވެ.
"ސިޔާދު ނެތީމަ ދޯ" އަފީފާގެ ގާތުގައި ހުއްޓިލައިގެން ހުރި ޝަރުމީނު ބުނެލިއެވެ.
"އޭނާ އަންނާނެ އަރްސަލްއާއި އާނާމެން ކައިވެނިކުރަންވާއިރަށް، ވަރަށް ސުވާލުކުރި ކޮއްކޮ ނެތިސް އާންތަގެ ކައިވެނި އެހާ އަވަހަށް ކުރަނީ ކީއްވެތޯ، އަރްސަލްއާއި ރާދިން ހުންނަ ގޮތް އެހާ ބޮޑަކަށް ހަނދާނެއްނެތޭ ވެސް ބުނި، އޭނާ ފުރައިގެން ދިޔައިރު ވެސް އެ ދެކުދީން ތިބީ ދުރުގަވިއްޔާ، ﷲއަށް ޙަމްދުކުރަން މިދުވަސް އަހަރެމެން ދުނިޔޭގައި ތިއްބާ ދުށުމުގެ ނަސީބު ލިބުނީތީ، އާނާ އަންހެންކުއްޖަކަށްވެފައި މީހަކާ ނީނދެ ހުރެ އުމުރު މައްޗަށް ދާތީ އަހަރެން ހުރީ ހާދަ ފިކުރުބޮޑުވެފައޭ، އެކުއްޖާ މީހަކާ އިންނާނޭ ދުވަހެއް ދުށުމަށް ކެތްމަދުވެފައި، ހާދަ ދުޢާއެއްކުރީމޭ އެކުއްޖާއަށް ރަނގަޅު މުސްތަޤުބަލެއް ލިބޭތޯ، ރަނގަޅު ދިރިއުޅުމެއް ހެޔޮލަފާ ބައިވެރިއަކާއެކު ލިބުމަށް އެދި.... ރާދިންއަކީ އަހަރެންގެ ނަޒަރުގައި ހުރިހާ ގޮތަކުން ވެސް ފުރިހަމަ ޒުވާނެއް، މުއްޠަލިބު ވެސް ލޮލުންބޮލުން ޤަބޫލު، ވަރަށް ފުރިހަމަ ޖޯޑެއް އެއީ" އަފީފާގެ ހިތުގައިވި އުދާސްތަކާއި ލިބުނު ހިތްހަމަޖެހުން ގާތްއެކުވެރިޔާއާ ޚިއްޞާކުރިއެވެ.
"އަހަރެން ވެސް ހިތަކަށް ނާރާ މިފަދަ ގޮތަކަށް ދެ ޢާއިލާ ގުޅިދާނޭ، އެކަމަކު މީ ލެއްވި ރަޙުމަތެއްކަން ޔަގީން، ދެ ޢާއިލާގެ މެދުގައި އޮތް ގާތްކަން ކެނޑިގެން ނުދާނޭ ހެއްކަކަށް ފުދޭ" ޝަރުމީނު ލުއި ހިނިތުންވުމެއް އަފީފާއަށް ދެމުން އޭނާގެ އަތުގައި ހިފާލިއެވެ.
ޙަފުލާ ފެށި ކައިވެނީގެ ފޯމު ފުރުމުގެ މަރުހަލާ ކުރިއަށް ދިޔައެވެ. ހެކިވެރިންގެ ގޮތުގައި ތިބީ ޒިވަންއާއި އަރްސަލްއެވެ. ރަންކިޔަންވީ ވަގުތު ޖެހުމުން ޝިހާނާ ފަހެއްނުޖެހުނެވެ. ހަތަރުހާސް ފަސްސަތޭކަ އަށްޓިހަ ހަތް ރުފިޔާއަށް އޭނާ ރަންކީ އަމިއްލަ އުފަން ދުވަހާ ގުޅުވާފައެވެ. ފޯމުގެ ފުރުމުގެ ހުރިހާ ކަމެއް ނިމުމުން ރާދިންގެ ފަރާތުން ޝިހާނާއަށް އަނގިއްޓި ހަދިޔާ ކުރިއެވެ. އިހު އޮތް ހަމަހިމޭންކަން ކެނޑި ތަހުނިޔާއާއި އަތްތިލަބަޑީގެ އަޑުތަކުން މާހައުލު ގުގުމާލިއެވެ. އުފާވެރިކަމުގެ ހުނުންތަކުންގެ އަޑު އިވިއިވި ހުއްޓެވެ.
"އަހަރެން ހީކުރީ އަހަންނަށް ދުރުގައި ހުރެވިދާނެކަމަށް، މިރޭގެ ޙަފުލާ ރޭގައި ސްކާލެޓް ހުރި ގޮތުގެ މަތިން ހަނދާން ކޮއްދީފި، އައި ކާންޓް ވެއިޓް ބޭބީ، މިރޭ ހޮޓެލަށް ގޮސްފައި އެނބުރިއެއް ނުދާނަން" މީހުންތަކުގެ ތެރެއިން ނިމްރާގެ ފުރަގަހުން ގާތްވެލައިގެން ހުރި އަރްސަލް އޭނާގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލިއެވެ.
"އެހެންވީރު ޒިވަންއާއެކު ގެއަށް ދާނީ" ނިމްރާ ބުނެލިއެވެ.
"މިހާރު ތިހެން ބުނާނެ، ޔޫ ކާންޓް ރިޖެކްޓް މީ، ޔޫ ލަވް މީ" އަރްސަލް ހީނލިއެވެ. އެއާއެކު އުޅަންބޮށިކޮޅުން އަރްސަލްގެ ބަނޑުގައި ނިމްރާ ޖަހާލިއެވެ.
އަރްސަލްގެ ފަޓުލޫނު ޖީބުގައި އޮތް ފޯނު ވައިބްރޭޓްވިކަމުގެ އިޙްސާސް ނިމްރާއަށް ވެސް ކުރެވުނެވެ. ދެ މީހުން ދުރަށް ޖެހިލީ އެހެންވެއެވެ. އަރްސަލް ފޯނު ނަގައި ބަލާލިއިރު ނިމްރާ ހުރީ އޭނާއަށް ބަލާށެވެ. ކަންފަތުގައި ފޯނު ޖައްސާލުމާއެކު އަރްސަލް ވާހަކަދެއްކިއެވެ.
"މިވަގުތު ބިޒީ" އަރްސަލް އަވަސްގޮތަކަށް ބުނެލިއެވެ. ނަމަވެސް އޭނާ ފޯނުކޯލު ކަނޑާލުމުގެ ބަދަލުގައި ނިމްރާއަށް އިޝާރާތުން އަންގާލީ ވަގުތުކޮޅެއް ދިނުމަށެވެ. ނިމްރާ ބޯޖަހާލުމުން އަރްސަލް ފޯނު ހިފައިގެން ހިނގައިގަތީ މީހުންނާ އެކަހެރިވެލުމަށެވެ. ނިމްރާ މަޑުކޮށްގެން ހުރީ އަރްސަލް އެނބުރި އަންނަންދެނެވެ. އެހެން ހުއްޓާ އަރްސަލް އެނބުރި އައިއިރު އެ މޫނުމަތީގައިވަނީ ހާސްކަމެވެ. ކިހިނެއްވީތޯ ނިމްރާ އަހާލަން ބޭނުންވި ނަމަވެސް އޭނާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަރްސަލް ވާހަކަދެއްކިއެވެ.
"އަހަރެން ދާން ޖެހިއްޖެ... އިޓްސް އާޖަންޓް... ސްކާލެޓް، ސޮރީ... އައި އޭމް ރިއަލީ ސޮރީ، އަހަރެން، އަހަންނަށް ނާދެވިއްޖެއްޔާ ރާދު ގާތުބުނޭ ހޮޓެލަށް ގެންގޮސްދޭށޭ އިނގޭ" ކަންބޮޑުވެފައި ހުރި މީހަކު ފަދައިން އަރްސަލް ބުންޏެވެ. ހައިރާންވެފައި ނިމްރާއަށް ހުރެވުނީއެވެ. ބުނާނޭ އެއްޗެއް ވެސް ނޭނގުނެވެ. ދެން ފެނުނީ ހަލުވިކޮށް އަރްސަލް އެ ޙަފުލާ ދޫކޮށް ދާން ދިޔަތަނެވެ.
"ތި ދެ މީހުން ފައިޓުކުރީތަ؟" ޝިހާނާގެ އަޑު ގާތުން އިވި ނިމްރާ އެނބުރިލިއެވެ.
"އަރްސަލް ކޮންތާކަށް އެ ދިޔައީ" ރާދިން އެހިއެވެ. އޭނާއާއި ޝިހާނާއާއެކު ޒިވަންއާއި ހަލަފް ވެސް ނިމްރާގެ ގާތަށް އައެވެ.
"އާޖަންޓްކަމެއް ޖެހިގެން" އަރްސަލް ދިޔަ ދިމާއަށް ބަލާލަމުން ނިމްރާ ބުނެލިއެވެ.
"އާޖަންޓް ކޮންކަމެއް؟ ހޮޓެލަށްތަ އެ ދިޔައީ؟" ރާދިން ވެސް ހުރީ ޤަބޫލުނުކުރެވިފައެވެ.
"ބޮޑުކަމެއް ޖެހިގެން އަރްސަލް ދާނީ، އެހެންނޫނީ އޭނާ މިރޭ ޚާއްޞަކޮށް ނުދާނެކަން ޔަގީން" ސުވާލުއުފެދިފައި ހުރި ނިމްރާއަށް ބަލަން ހުރެފައި ޒިވަން ބުންޏެވެ. ހީވީ ވެރިވަމުންދިޔަ އުދާސްކަން ފިލުވާލައި ސިކުނޑިތަކަށް ހަމަޖެހުން ގެނެސްދޭން ޒިވަން މަސައްކަތްކުރީހެނެވެ. އޭނާގެ މަޤުޞަދު ހާސިލުވިއެވެ. ރާދިން ވެސް ނިކަން އަވަހަށް އޭނާއަށް އެއްބަސްވެއްޖެއެވެ. ނިމްރާ ވެސް ބޭނުންވީ އެގޮތް ޤަބޫލުކުރާށެވެ.
ޙަފުލާ ނިމި ގެއަށް ދާންވީ ވަގުތު ޖެހުނުއިރު ވެސް އަރްސަލް ނުފެންނާތީ ބިލާލު ސުވާލުކުރިއެވެ. މުހިންމުކަމެއް ޖެހިގެން ދިޔައީކަން ރާދިން އޮޅުންފިލުވައިދިނެވެ. އަރްސަލްގެ ފޯނަށް ނިމްރާ ދެފަހަރަކު ގުޅިއެވެ. އެކަމަކު ފޯނު އޮތީ ނިއްވާލައިފައެވެ. ހަމަޖެހެން ބޭނުންވިޔަސް ބަޔާންކުރަން ނޭނގޭ ނުތަނަވަސްކަމެއް ނިމްރާއަށް ލިބެމުންދިޔައެވެ. ރާދިން އޭނާގެ ގާތަށް އައިސް އެ މީހުންނާއެކު ގެއަށް ދާން ބުންޏެވެ.
"ޒިވަންއާއެކު އަހަރެން ހިނގައިދާނަން، ރާދު ބައްޕަމެން ގޮވައިގެން ގެއަށް ދޭ" ނިމްރާ ބުންޏެވެ. ރާދިން ބަލާލީ ޒިވަންއަށެވެ. އެހިނދު ޒިވަން ބޯޖަހާލީ ނިމްރާ ރައްކާތެރިކަމާއެކު ހޮޓެލަށް ގެންގޮސްދޭނަމޭ ބުނާފަދައިންނެވެ. ދެ ޒުވާނުން އެކަކު އަނެކަކަށް ބޯޖަހާލާފައި ރާދިން ހިނގައިގަތީ ބިލާލުމެން ގާތަށެވެ. ނިމްރާއަށް ބަލައިގެން ދިއުމަށް ޝަރުމީނު އެދުނެވެ. ހޮޓެލަށް ދެވުމުން ގުޅާލަން ވެސް ޝަރުމީނު އެދުނެވެ. އެކަމާ އެއްބަސްވެ ޒިވަންއާއެކު ނިމްރާ އެ ގެއިން ނުކުތެވެ. އަރްސަލްގެ ފޯނު ނިވާލާފައި އޮތެއްކަމަކު އޭނާއަށް ނިމްރާ މެސެޖުކުރިއެވެ. ޒިވަންއާއެކު ގެއަށްދަނީކަމުގައެވެ.
"އާ ޔޫ އޯކޭ" ޕެންޓްހައުސް އެޕާޓްމެންޓުގެ ތެރެއަށް ނިމްރާއާއެކު ވަން ޒިވަން ސުވާލުކުރިއެވެ. އައި މަގުމަތީ ވެސް ނިމްރާ އެއްވެސް އެއްޗެއް ނުބުނެއެވެ. ހީވަނީ ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެފައި އިނީހެންނެވެ. އަރްސަލް ދިޔަތަނަކާމެދުކަން ނިމްރާ އެ ވިސްނަނީ ޒިވަންއަށް ހީވިއެވެ.
"ޑޯންޓް ވޮރީ... އަރްސަލްއަށް ބޮޑުކަމެއް ޖެހުނީކަމަށް އެވާނީ، އޭނާ ފްރީވީމަ ޔަގީން ނިމްއަށް އެންމެ ފުރަތަމަ ވެސް ގުޅާނީ، އަހަރެން މަޑުކުރަންވީތަ؟ ނިމް ބުނެފިއްޔާ އަހަރެން މަޑުކޮށްފާނަން... މިހާރު ތި ހުރި ގޮތުން އަހަރެންގެ ހިތެއްނުބުނޭ އަވަހަކަށް ނިދާނެއެކޭ، އެކަމަކު ވިސްނަން ނީންނާތި، ހީ ވިލް ބީ އޯލްރައިޓް" ނިމްރާ ބަހެއްނުބުނެ ހިނިތުންވެލުމުން ޒިވަން ބުންޏެވެ.
"އައި ނޯ... އިޓްސް އޯކޭ، ތޭންކްސް ޒިވަން... އަހަރެން ނުވިސްނާނަން، ނިދާނީ ދެން، ޒިވަން ވެސް ގެއަށް ދޭ، ގުޑްނައިޓް" ނިމްރާ ބުންޏެވެ. އަދި ޒިވަން އެޕާޓްމެންޓުން ނުކުތުމުން ދޮރުލައްޕާފައި ނިމްރާ ކޮޓަރިއަށް އައެވެ.
މޫނުގައި ހުރި މޭކަޕްތައް ސާފުކޮށް ފެންވަރައިގެން ނުކުމެ ނިދަން ތައްޔާރުވިއެވެ. އެނދަށް އަރައި އޮށޯވެގެން އިރުކޮޅަކު އޮވެފައި ނިމްރާ ފޯނު ނެގިއެވެ. އަރްސަލްގެ ނަންބަރަށް ޑައިލްކުރިއެވެ. އެކަމަކު އަދިވެސް އޮތީ ނިއްވާލާފައެވެ.
"ބިޒީ ވިޔަސް ފޯނު ނިއްވައެއްނުލާނެ" ނިމްރާއަށް ބުނެވުނެވެ. އިރުކޮޅަކު އޮވެފައި އަނެއްކާ ވެސް އަރްސަލްގެ ނަންބަރަށް ޑައިލް ކުރިއެވެ. އެގޮތަށް ދޭތެރެއަކުން އަރްސަލްގެ ފޯނަށް ގުޅާލަގުޅާލައި ނިމްރާއަށް އޮވެވުނެވެ.
ނިދުނުއިރެއް ނިމްރާއަކަށް ނޭނގެއެވެ. ހޭލެވުނީ ފޯނު އެލާމްވާ އަޑަށެވެ. ލޯހުޅުވާލި ގޮތަށް ފުންމައިގެން ތެދުވެވުނެވެ. އަދި އެނދުމަތީ އޮތް ފޯނުނަގައި އެލާމް ނިއްވާލާފައި ފޯނު ހުޅުވާލިއެވެ. އަރްސަލް ގުޅާފައި އޮތްތޯ ފުރަތަމަ ވެސް ނިމްރާ ބަލާލިއެވެ. މިސްކޯލެއް ނޫނީ މެސެޖެއް ވެސް އަރްސަލް ކޮށްފައި ނެތެވެ. ވަގުތުން އަރްސަލްގެ ނަންބަރަށް ނިމްރާ ގުޅިއެވެ. އޭރު ވެސް ފޯނު އޮތީ ނިއްވާލާފައެވެ. ތުންފިއްތާލުމާއެކު ނިމްރާގެ ނިތަށް ރޫގިނަވިއެވެ.
"އަރްސަލް" ނިމްރާއަށް އަރްސަލްގެ ނަމުން ގޮވާލެވުނެވެ. (ނުނިމޭ)